ހިޔާ ފްލެޓް ސަރަހައްދުގައި ވެއްޔާއި ކުނިބުނި އުދުހެނީ
ހިޔާ ފްލެޓް ސަރަހައްދުގައި ވެއްޔާއި ކުނިބުނި އުދުހެނީ

ވީޑިއޯ އިން ފެންނަނީ ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތައް ވެސް ވަޔާ ވެއްޓިފައިވާ މަންޒަރެވެ. ބިންމަތީ ހުރި ޓިނުތަކެއް ވެސް ވަޔާ ހޫރެމުން ސައިކަލްތަކާއި އެކި ތަންތަނުގައި ޖެހޭތަން ފެނެ އެވެ.

ހުސްކޮށް އޮތް ހިޔާ ޓަވަރުތައް ސަރަހައްދުން މިއީ މޫސުން ގޯސް ކޮންމެ ދުވަހަކު ވެސް ފެންނަ މަންޒަރެކެވެ. އެތަނުގެ ޕާކިން ޒޯނުތަކުގައި ޕާކުކޮށްފައި ހުންނަ ސައިކަލުތައް ވަޔާ އެކު ވެއްޓުމާއި އެ ސަރަހައްދުގައި ހުންނަ ކުނިބުނިތައް މުޅި ސަރަހައްދަށް ފެތުރިގެންދެ އެވެ. ވާރޭ ނުވެހުނަސް ގަދަވަޔާ އެކު ސަރަހައްދުގައި ވެލިތައް ވެސް ބުރައިގެންދެ އެވެ.

އެތާ އުޅޭ މީހުން ބުނާ ގޮތުގައި މިހެން ދިމާވަނީ އެތަން އަދި ހާމަައަށް އޮންނާތީ އެވެ. ކަނޑުން އަރައިގެން އަންނަ ވައި ރޯޅިތަކަށް އެއްވެސް ހުރަހެއް ނެތެވެ. އެއީ ގަސްރުއް އަދި އިމާރާތްތައް ވެސް އަދި މަދުކަމުންނެވެ.

"ވައި ގަދަވެއްޖާ ވެލިތައް ވެސް އަރައިގެންދޭ. އެހާ އޯޕަންކޮށް އޮންނާތީ އެހާ ބޮޑަށް ވެލިތައް އަރަނީ އެތަނުގައި ދަނީ. އަދި އެތެރޭ މަގުތަކުގައި ތާރު ވެސް ނާޅާތީ ވެލިތައް އަރަނީ،" އޭނާ ކިޔައިދިނެވެ.

އާންމުވި ވީޑިއޯގައި އެތަނުގައި ހުރި ޓިނުތައް ވަޔާ ދަނީ ނުރައްކާ ގޮތަކަށެވެ. ބެލެވޭ ގޮތުގައި އެ ޓިނުތަކަކީ ކުރިން އެތަނުގައި ހުރި ކުނިތައް އެޅުމަށް ފާހަގަކޮށް ދެ ޓަވަރު ދެމެދުގައި ހަދާފައި ހުރި ތަނުގައި ޖަހާފައި ހުރި ޓިނުތަކެކެވެ.

"މި ތަންތަނާ ހަވާލުވެ ތިބި މީހުން ކޮބާ؟ ތިން އަހަރުކޮށްފައި ދިން އިރު ވެސް އެެއްވެސް އިންތިިޒާމެއް ނެތް،" ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކީ މީހަކު ބުނެފައިވެ އެވެ.

ރާއްޖެ މަތީ އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފްއެއްގެ ސަބަބުން މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ވައިގަދަ އެވެ.

ރާއްޖޭގެ ބޮޑު ބައެއް މިވަގުތު އޮތީ ޔެލޯ އެލާޓްގަ އެވެ. ހަވީރު 4 ގެ ނިޔަލަށް ހއ. އިން ތ. އަށް ޔެލޯ އެލާޓް ނެރެފައިވާއިރު އެ ސަރަހައްދަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.

ރާއްޖޭގެ އެންމެ އުތުރާއި މެެދުރާއްޖެތެރެ އަށް މިއަދު ވެސް މޫސުން ގޯސްވާނެ އެވެ. އެކަމަކު ވައި މަޑުވާން ފަށާނީ މާދަމާ ކަމަށް މެޓުން ބުންޏެވެ.