17 އޮކްޓޯބަރ 2021 - 12:34

ލަންޑަން (އޮކްޓޯބަރު 17) - ނިމިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޗެލްސީގެ 21 ކުުޅުންތެރިން ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ރޭ ޗެލްސީން ރަށުން ބޭރުގައި ބްރެންޓްފޯޑާ ވާދަކޮށް 1-0 ގެ ހަނި ތަފާތަކުން މޮޅުވި މެޗުގައި ކީޕަރު އެޑުއާޑް މެންޑީ ދެއްކި މޮޅު ކުޅުމަށް ޓުޗެލް ވަނީ ތައުރީފްކޮށްފަ އެވެ.
ޗެލްސީން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަހައިދިނީ ބެން ޗިލްވެލް އެވެ. ޗިލްވެލްގެ ހަމައެކަނި ލަނޑުން ޗެލްސީ ސަލާމަތްވީ، ރޭގެ މެޗުގެ މޮޅު ކުޅުންްތެރިޔަކަށް ހޮވުނު ކީޕަރު މެންޑީގެ މޮޅު ކުޅުމުންނެވެ. މެންޑީ ވަނީ ބްރެންޓްފޯޑުން ޗެލްސީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާތައް ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ. އަދި މި މޮޅާ އެކު ޗެލްސީ ވަނީ އަލުން ލީގުގެ އެއްވަނައަަށް ޖެހިލައިފަ އެވެ.
މެޗަށް ފަހު ޓުޗެލް ވަނީ މެންޑީގެ ކުޅުމަށް ތައުރީފުކޮށް، މި މެޗުގައި ޗެލްސީގެ ތަފާތަކަށް ވީ މެންޑީ ކަމަށް ބުނެފަ އެވެ.
"މޮޅަށް ކުޅުން މާ ބޮޑަށް ވެސް މުހިއްމު، ތިޔަ ބުނާ ލިސްޓެއްގައި [ބެލޮންޑިއޯ ނޮމިނޭޝަން ލިސްޓު] ހިމެނުމަށް ވުރެން. ލިސްޓުގައި އޭނާގެ ނަން ނުހިމެނުނަސް އެއިން މެންޑީގެ ކުޅުމަށް އެއްވެސް އަސަރެއް ކުރިތަނެއް ނުފެނޭ. އެކަމާ އަހަރެން ވަރަށް އުފާވޭ،" ޓުޗެލް ބުންޏެވެ.
"އަނެއްކާ މި ފެނުނީ ނަތީޖާ ނެރެން އޭނާއަށް [މެންޑީއަށް] ޓީމު ބަރޯސާ ވާން ޖެހުނު މަންޒަރު. އެންމެން ވެސް ފަހުރުވެރިވާ ފަދަ ކުޅުންތެރިއެއް އެއީ."
މި އަހަރުގެ ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި 30 ކުޅުންތެރިންގެ ލިސްޓު މި މަހުގެ ކުރީކޮޅު އާންމު ކުރިއިރު، ގޯލްކީޕަރު މެންޑީ ލިސްޓުގައި ނެތުމުން ގިނަ ކުޅުންތެރިންނާއި އެނަލިސްޓުން ވަނީ މެންޑީ އަށް ލިސްޓުން ޖާގައެއް ހައްގު ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. މި ލިސްޓުގައި ޗެލްސީގެ ފަސް ކުޅުންތެރިން ހިމެނިފައި ވާއިރު، އެ ކުޅުންތެރިންނަކީ، ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އާއި ފޯވަޑް ރޮމެލޫ ލުކާކޫގެ އިތުރުން މޭސަން މައުންޓާއި އެންގޯލޯ ކާންޓޭ އަދި ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޖޯޖީނިއޯ އެވެ.
"އަހަރެންނަށް ހީވާ ގޮތުގައި އެ ލިސްޓްގައި (30 ކުޅުންތެރިންގެ ބަލޮންޑިއޯ ނޮމިނޭޝަން ލިސްޓްގައި) ޗެލްސީ ޓީމެއްގެ ގޮތުގައި ހިމެނިދާނެ. ލިސްޓުގައި ފަހެއް ނޫނީ ހަ ކުޅުންތެރިން ހިމެނޭނަމަ، އަހަރެންނަށް އިހުސާސްވަނީ ޓީމުގެ 21 ކުޅުންތެރިން ވެސް އެ ކުޅުންތެރިންގެ ޒިންމާ ވަރަށް ރަނގަޅަށް އަަދާކުރިކަން،" ޓުޗެލް ބުންޏެވެ.
މެންޑީ ވަނީ ބްރެންޓްފޯޑުގެ އިވާން ޓޮނޭ އާއި ސަމަން ގޮއްޑޯސް އަދި ޕޮންޓޮން ޔަންސަން އާއި ކްރިސްޓިއަން ނޯގާޑްގެ ނުރައްކާރެތި ހަމަލާތައް ދިފާއު ކޮށްފަ އެވެ. މީގެ އިތުރުން ބްރަޔަން އެމްބިޔުމޯ ފޮނުވާލި ދެ ހަމަލާއެއް ގޯލު ދަނޑިއާ އަމާޒުވިއިރު ޒުވާން ޑިފެންޑަރު ޓްރެވޯ ޗަލޮބާ ވެސް ވަނީ ގޯލް ލައިން މަތިން ބްރެންޓްފޯޑުގެ ހަމަލާއެއް ދިފާއު ކޮށްފަ އެވެ.
ޓުޗެލް ފާހަގަ ކުރިގޮތުގައި މެޗުގެ ފަހު 20 މިނިޓު ޗެލްސީން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޓީމެއް ގޮތަށެވެ.
މިއީ ޕްރިމިއާ ލީގުގައި މެންޑީ ކުޅުނު 38 މެޗުން ނެގި 20 ވަނަ ކްލީންޝީޓެވެ. އަދި މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަތް މެޗުން އޭނާ ވަނީ ހަތަރު ކްލީންޝީޓް ހޯދައިފަ އެވެ.
އަނިޔާގެ ސަބަބުން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އާއި ތިއާގޯ ސިލްވާ ރޭގެ މެޗަށް ނެގި ޓީމުގައި ނުހިމެނޭއިރު، ފްރޭންކް ލަމްޕާޑް މިދިޔަ ސީޒަނުގައި ހިލޭ ޓްރާންސްފާ އެއްގައި ޗެލްސީއަށް ގެނައި ފްރާންސްގެ ޒުވާން ޑިފެންޑަރު މަލަންގް ސާ ވަނީ ރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން މެޗު ފުރިހަމަ ކޮށްފަ އެވެ. މިއީ ލީގުގައި ސާ ޗެލްސީ އަށް ކުޅުނު ފުރަތަމަ މެޗެވެ.