ރާއްޖެއަށް ވައި މަޑުވާން ފަށާނީ މާދަމާ: މެޓް
ރާއްޖެއަށް ވައި މަޑުވާން ފަށާނީ މާދަމާ: މެޓް

ރާއްޖޭގެ އެންމެ އުތުރާއި މެެދުރާއްޖެތެރެ އަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށާއި ވައި މަޑުވާން ފަށާނީ މާދަމާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައި އޮތްއިރު ށ. އަތޮޅުން ތ. އަތޮޅާ ދެމެދަށް ވައިޓް އެލާޓް ވެސް އޮތީ ނެރެފަ އެވެ.

މެޓުން ލަފާކުރާ ގޮތުގައި ގަޑިއަކު 25 މޭލާއި 30 މޭލު ދެމެދު ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް އެ ސަރަހައްދަށް ވައިގަދަވާނެ އެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވެސް ގަދަ އެވެ. އެކަމަކު މެޓުން ބުނީ މި ވަގުތު ދެކުނަށް އެހާ ގަދަ ނޫން ކަމަށެވެ.

ރާއްޖެ އަށް މިހާ މޫސުން ގޯސްވެފައި މިވަނީ ރާއްޖެ މަތީގައި އުފެދުނު ލޯ ޕްރެޝާ ޓްރަފްއެއްގެ ސަބަބުންނެވެ.

މާދަމާ އިން ފެށިގެން ކޮންމެވެސް ވަރަކަށް ވައި މަޑުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް އެއްކޮށް މޫސުން ރަނގަޅުވާން އަދި ދުވަސްކޮޅެއް ނަގާނެ އެވެ.

ރާޅުގެ އުސްމިން 5-8 ފޫޓާ ދެމެދުގައި ހުރިއިރު ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

މި ދުވަސްވަރު އާދަޔާ ހިލާފަށް ވައި ގަދަވާނެތީ، ކަނޑުމަތީގެ ހާދިސާތައް ހިނގުން މަދުކުރުމަށް ދަތުރުކުރާ މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވެސް އިލްތިމާސްކުރެ އެވެ.