17 އޮކްޓޯބަރ 2021 - 12:07

ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ގައުމީ ކޯޗު އަލީ ސުޒޭން ބުނީ މުބާރާތުގެ ޓްރޭނިންގައި ރާއްޖޭން ހަވީރު ޕްރެކްޓިސް ކުރީ އެންމެ ދުވަހަކު ކަމަށެވެ. އެއީ ލަންކާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރީ ދުވަހު އެވެ. ރާއްޖޭން ލަންކާއާ ދެކޮޅަށް މެޗު ކުޅުނީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު އެވެ. އެހެން މެޗުތައް ކުޅުނީ ރޭ ގަނޑުގަ އެވެ.

"ފަހުން އިންޑިއާ ލީޑު ނެގިއިރު ރާއްޖޭގެ ކުޅުންތެރިން ކޮންމެވެސް ވަރަކަށް ވަރުބަލިވެފައި ކޮންސަންޓްރޭޝަން ވެސް ގެއްލިފައި ހުރިކަން ފާހަގަކޮށްލަން ޖެހޭ. ސެންޓްރަލް ދެ ޑިފެންޑަރުން އެއްކޮށް ފިޓްނަސް އަށް ދިޔައީމަ ވީކަމެއް ކަމަށް ވެދާނެ،" ސުޒޭން ބުންޏެވެ.

"އެއީ އަޅުގަނޑުމެން ދުވާލު ޓްރޭނިން ވެސް ނުހަދާ މަހެއްހާ ދުވަސްކޮށްފައި ސްރީ ލަންކާއާ ކުޅުނީ. އެހެންވީމަ އޭގެ ތެރެއިން ކޮންމެވެސް ކަންކަމެއް ދިމާވެފައި ހުރީމައާ އެއްކޮށް މިހެން ދިމާވީ."
މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިންޑިއާ އާއި ރާއްޖޭގެ ޓްރޭނިންތަކާ އަޅައި ކިޔާލަން ޖެހެ އެވެ. ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ އަށް ދަތުރުކުރުމުގެ ކުރިން މުބާރާތަށް ހާއްސަކޮށް އިންޑިއާ ޓީމު އެކުލަވައިލައިގެން ޕްރެކްޓިސް ކުރެވުނީ ހަތަރު ދުވަހު އެވެ. ރާއްޖެ އައިސް ބަންޑޮސް އައިލެންޑް ރިސޯޓްގައި ކޭމްޕް ކުރި ޓީމު ކަނޑު ހުރަސްކޮށް މާލެ އައިސް ޕްރެކްޓިސް ކުރީ ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުގަ އެވެ. ހެންވޭރު ދަނޑުގައި އިންޑިއާގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިޔައީ ހެނދުނު 10 އިން މެންދުރު 12 އަށެވެ. ރޭގަނޑު ކުޅުނު މެޗުތަކަށް ވެސް އިންޑިއާގެ ޓީމު ޕްރެކްޓިސް ކުރީ އެ ގަޑީގަ އެވެ.
ފުރަތަމަ ދެ މެޗުގައި އިންޑިއާގެ ޓީމަށް މައްސަލަ ކުރިމަތިވި ނަމަވެސް ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި ފެނުނީ ތަފާތު އިންޑިއާ އެކެވެ. ފައިނަލު މެޗު އެއަށް ވުރެ ހާއްސަ އެވެ. ފައިނަލް މެޗާ ހަމައަށް އައިރު އެންމެ ފިޓް ޓީމަކަށް އޮތީ ނޭޕާލެވެ. އެކަމަކު ފައިނަލު މެޗުގައި އިންޑިއާ ފެނުނީ ނޭޕާލަށް ވުރެ މަތީ ލެވަލްގަ އެވެ. ގުރޫޕް ސްޓޭޖުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު އިންޑިއާ މޮޅުވީ ކިރިޔާ އެވެ. އެކަމަކު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗާއި ފައިނަލް މެޗުގައި އިންޑިއާގެ ވިސްނުން ފެނުނީ އެއްގޮތަކަށެވެ.
މެޗު ފަށައިގެން އަވަސް އަރުވައިލައިގެން ކުޅެން އުޅޭ މަންޒަރެއް އިންޑިއާގެ ކިބައަކުން ނުފެނުނެވެ. އެކަމަކު މެޗުގެ ތެރެއަށް ވަންނަމުން ދިޔަ ވަރަކަށް އިންޑިއާ ތަފާތެވެ. ދެ ވަނަ ހާފުގައި އިދިކޮޅު ޓީމުގެ ކުޅުންެތެރިން ވަރުބަލިވާ ވަރަކަށް އިންޑިއާގެ ކުޅުންތެރިންގެ ލެވަލް ހިއްލާލަ އެވެ. އާ ހިތްވަރެއް ނެރެ އެވެ. އިދިކޮޅު ޓީމު ވަރުބަލިވެފައި ތިބޭއިރު އިންޑިއާގެ އެ ލެވަލްއާ ވާދަކުރެވޭނެ ގޮތެއް ނުވެ އެވެ.
ރޭގެ މެޗުގައި ދިވެހި ރާއްޖޭގެ އަޑުގެ ކޮމެންޓްރީގެ އެނަލިސްޓެއްގެ ގޮތުގައި ހުރެ ވާހަކަ ދައްކަމުން ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ އިންޑިއާގެ އެންމެ ބޮޑު ތަފާތަކީ ޓީމެއްގެ ގޮތުގައި ކުޅޭ ގޭމް ކަމަށެވެ. ރާއްޖޭގެ އިންޑިވިޖުއަލް ކުޅުންތެރިން މޮޅުވިޔަސް ޓީމެއްގެ ގޮތުގައި ނުކުޅެވުމަކީ ދިމާވި މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް 2008 އަދި 2018 ގައި ރާއްޖެއިން ކާމިޔާބު ކުރި އިރު ފެނުނު އެންމެ ބޮޑު އެއް ކަމަކީ މެޗަކަށް ފަހު މެޗަކުން ރާއްޖޭގެ ގޭމް ރަނގަޅު ވެފައި ވުމެވެ. ބަންގްލަދޭޝްގައި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖު އުނދަގޫކޮށް ފެނުނަސް ސެމީ ފައިނަލާއި ފައިނަލުގައި ފެނުނު ރާއްޖެ ތަފާތެވެ. މިފަހަރު ކުރިމަތިވީ އެއާ އިދިކޮޅު ހާލަތެކެވެ. މުބާރާތުގެ ފަހުކޮޅަށް ގޮސް ފެނުނީ ދަށް ކުުޅުމެކެވެ. ފުރަތަމަ ދެ މެޗުގައި ޓޮޕް ލެވަލްގައި ކުޅުނު ރާއްޖޭގެ ބައެއް ކުޅުންތެރިންނަށް ފަހު ދެ މެޗުގައި އެ ލެވަލްއާ ގާތް ކުރާ ވަރުގެ ކުޅުމެއް ވެސް ނުދެއްކުނެވެ.
މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިން ގިނައީ ރާއްޖޭގަ އެވެ. ރާއްޖޭގެ ސްކޮޑްގައި 30 އަހަރުން މަތީގެ ނުވަ ކުޅުންތެރިން ތިއްބެވެ. އިންޑިއާގެ ސްކޮޑްގައި ތިބީ 30 އަހަރުން މަތީގެ ދެ ކުޅުންތެރިންނެވެ. އެއީ ކެޕްޓަން ސުނިލް ޗެތުރީ، 37، އަދި ޑިފެންޑަރު ރާހުލް ބެކާ، 30 އެވެ. ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ދިފާއު ކުރަން ނުކުތް ރާއްޖޭގެ ޓީމުގައި "ޔަންގް ބްލޮޑް" މަދުވުމަކީ ކުރިމަތިވި މައްސަލައެކެވެ.
މުހައްމަދު ފައިސަލް: 33 އަހަރު
މުހައްމަދު ޝަފީއު: 33 އަހަރު
އަކްރަމް އަބްދުލް ގަނީ: 34 އަހަރު
އަސްހަދު އަލީ: 35 އަހަރު
އަލީ ފާސިރު: 33 އަހަރު
އަލީ އަޝްފާގް: 36 އަހަރު
މުހައްމަދު އުމޭރު: 33
އަސަދުﷲ އަބްދުﷲ: 30 އަހަރު
އިސްމާއީލް އީސާ: 32 އަހަރު
މުޅި މުބާރާތަށް ވެސް ރާއްޖެއިން ފުރަތަމަ 11 ގައި ބޭނުން ކުރީ އެއް ކުޅުންތެރިންތަކެކެވެ. ބަދަލަކަށް ފެނުނީ އަސްހަދު އަލީ (އަޑޭ) ގެ ބަދަލުގައި ހުސައިން ނިހާން އަށް ދިން ފުރުސަތެވެ.
އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ވަނީ ކޮންމެ މެޗެއްގައި ވެސް ފުރަތަމަ 11 އަށް ބަދަލުތައް ގެނެސްފަ އެވެ. އޭގެ ސަބަބުން ކުޅުންތެރިން ވަރުބަލިވުން ކުޑަވި އެވެ. ދިވެހި ކުޅުންތެރިންގެ ފިޓްނަސްއަށް ބަލާއިރު ވާދަވެރި މެޗުތަކެއް ޖެހިޖެހިގެން ކުރިއަށް ގެންދެވޭ ވަރުގެ ފިޓްނަސްއެއް ނުހުރެ އެވެ. މުޅި މުބާރާތް ނިމެންދެން އިންޑިއާއިން ފިޓްނަސް ލެވަލް ހިފެހެއްޓުމަށް ސްޓިމަކް ގެންގުޅުނު ވިސްނުން ރަނގަޅު ކަމަށް ބުނަން ޖެހެ އެވެ.
ސާފް ޗެމްޕިއަންޝިޕުގެ ނާކާމިޔާބުން ދިވެހިން ތިބީ މާޔޫސްވެފަ އެވެ. ގައުމީ ޓީމަށް ދެން އެންމެ އަވަހަށް އޮތީ އަންނަ މަހު 8-17 އަށް ލަންކާގައި ބާއްވާ ހަތަރު ގައުމުގެ މުބާރާތެވެ. އެ މުބާރާތުގައި ވާދަކުރާނީ ރައްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް އެވެ. އެ މުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ ސާފް ޗެމްޕިއަންޝިޕުގެ ހިތްދަތިކަމުން ޓީމަށް އަރައިގަތުމަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އެ މެޗު އޮޮންނާނީ އަންނަ މަހު 8 ވަނަ ދުވަހު އެވެ. ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ. ސީޝެލްސްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ 14 ވަނަ ދުވަހު އެވެ.
ލަންކާ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ އަލަށް ހަމަޖައްސާ ކޯޗެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ގައުމީ ޓީމަށް ހަމަޖައްސާ ކޯޗާ އެކު މިހާރު އެއްބަސްވުން ހަދައިފައި ވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ކޯޗެއް ކަމެއް ބައްސާމް ހާމައެއް ނުކުރައްވަ އެވެ.