17 އޮކްޓޯބަރ 2021 - 07:37

ބުދަ ދުވަހާ ގުޅޭ
ފޮށިގަނޑު ލިބުނުތާ މިނެޓުކޮޅެއް ތެރޭގައި އަޒްލިފާ ގުޅިއެވެ. އޭނަ ހުރީ ރޮވިފައެވެ. އަހަރެން ހީކުރީ ދަރިޔަކަށް ކޮންމެވެސް ކަމެއްވީކަމަށެވެ. ނުލާހިކު ކުދިކުދި ކަންތައްތަކާ ވެސް އަޒްލިފާއަށް ރޮވެއެވެ.
"ކިހިނެއްވީ؟" ނުތަނަވަސްވެފައިވާ އަޑަކުން އަހަންނަށް އެހުނެވެ.
"އަހަރެން ދުވަހަކު ވެސް ހިޔެއްނުކުރަން ތިހާ ރަނގަޅު ފިރިއެއް އަހަންނަށް ލިބޭނެކަމަކަށް،" ކުރެހިފައިވާ އަޑަކުން އަޒްލިފާ ބުންޏެވެ. "އަހަރެން ބޭނުން ނަސީރަށް ކުއްޖަކު ވިހައިދޭން. އެކަމަކު ނަސީރު ވެސް ޖެހޭނެ އަހަންނަށް ކަމެއް ކޮށްދޭން. ކޮށްދޭނަންތަ؟ ބުނޭ ކޮށްދޭނަމޭ!"
އަޒްލިފާ އެދޭ އެ ކަހަލަ އެދުމަކާ މެދު އަހަރެން ދެ ފަހަރަކަށް ނުވިސްނަމެވެ. އަޒްލިފާޔާ އިންނަން އަހަރެން ނިންމީ، އޭނައަށް އެހީވާ ހިތުންނެވެ. ކަންތައްތައް ކޮށްދޭ ހިތުންނެވެ. އަހަންނަށް ކޮށްދެވޭ ވަރުގެ ނުކޮށްދޭނެ ކަމެއް އަޒްލިފާއަކަށް ނުބުނެވޭނެއެވެ.
"އާނ!" އަހަރެން ބުނީމެވެ. "ކޮށްދޭނަން. ބުނޭ!"
"އަހަރެންގެ ދަރިންނާ ނަސީރުގެ ދަރިފުޅު ތަފާތުކޮށްގެން ނުވާނެ!" އަޒްލިފާ ޝަރުތު ހުށައެޅިއެވެ.
"ތަފާތުކޮށްފާނޭ އަޒްލިފާ ހިތަށްއަރައިގެން ވެސް ނުވާނެއްނު!" ޔަގީންކަމާ އެކުގައި އަހަރެން ބުނީމެވެ. "އެއީ ހަމަ އަހަރެންގެ ވެސް ދަރިން! އަޑުއަހާ! އެ ކުދިން ބޮޑުވެ އަމިއްލަ ފައި މައްޗަށް ތެދުވެވެންދެން އެ ކުދިންގެ ޒިންމާ އަހަރެން ނަގައިފިން."
އަހަރެންގެ ދަރިޔަކަށް އަޒްލިފާ ބަނޑުބޮޑުވި ދުވަސްވަރާ ދިމާކޮށް އަހަރެންގެ ވަޒީފާ މައްޗަށް ދިޔައެވެ. މުސާރަ ވަރަށް ބޮޑުވިއެވެ. އަހަރުމެން ބެލީ އަހަރުމެންނަށް ލިބެން އުޅޭ ދަރިފުޅަކީ ހެޔޮ ފާލެއް ކަމުގައެވެ. ރަނގަޅު ނަސީބެއް ކަމުގައެވެ. އަހަރެންގެ މައިންބަފައިންނަށް ހަތަރު ހާހެއްހާ ރުފިޔާ ދީފައި، އަޒްލިފާއަށް އަހަރެން ތިރީހަކަށް ހާސް ރުފިޔާ ފޮނުވަމެވެ. ދަރިފުޅު އުފަންވާ އިރަށް އަޒްލިފާގެ ކޮޓަރި ބޮޑުކުރީމެވެ. އަޒްލިފާގެ ދެ ކުދިންނާއި އަހަރެންގެ ދަރިފުޅަށް ދައްޗެއް ނެތި އުޅެވޭ ވަރަށް ތަނަވަސްކޮށެވެ. ކިތަންމެ ކުޑަ ޗުއްޓީއެއް ލިބުނަސް ޓިކެޓު ނަގައިގެން އަޒްލިފާގެ ރަށަށް ދަމެވެ. ވީ ވަރަކުން އަޒްލިފާއަށް އެހީތެރިވެ، އޭނައަށް ކަންކަން ފަސޭހަކޮށްދިނީމެވެ. އަހަންނަކީ އެ ކަހަލަ މީހެކެވެ. މީހެއް ދެކެ އަހަރެން ލޯބިވެއްޖެއްޔާ، އަހަރެންގެ އަމިއްލަ ނަފުސަށް ވުރެ ވެސް ބޮޑަށް އެ މީހަކު ދެކެ ލޯބިވަމެވެ. އެ ކަން އެނގޭ ބައެއް ރައްޓެހިން އަހަންނަށް މަލާމަތް ވެސް ކުރެއެވެ. އެ ކަމަކާ އަހަރެން އަޅައެއްނުލަމެވެ.
މާބަނޑު ދުވަސްވަރު އަޒްލިފާގެ ކޫސަނިކަން ކުރިޔަށް ވުރެ ބޮޑުވިއެވެ. މިނަށް ވުރެ ތަންކޮޅެއް ބޮޑުކޮށްލައިގެން ބުނާ ނަމަ، އަހަންނަށް ކެއްސައިލެވޭ ގޮތަކުން ވެސް އަޒްލިފާ ގާތަށް ރުޅިއާދެއެވެ. ހަމަ އެހާމެ އަވަހަށް އެ ރުޅި ފިލައިގެންދެއެވެ. މާފަށް އެދެއެވެ. ފޯނުން އަހަންނަށް ހަލޯ ބުނެވޭ ރާގަކުން އަޒްލިފާއަށް ރޮވިދާނެއެވެ. ދެން އޭނަ ހުއްޓުވައިލުމަކީ ކުޅަދާނަކަމެއް ނޫނެވެ. އެއީ މައްސަލައެއް ހެއްޔެވެ؟ ނުވަތަ މާބަނޑުވުމުން މިޒާޖަށް ބަދަލުއައުމަކީ އާންމުކަމެއް ހެއްޔެވެ؟ ކޮންމެ އަންހެނަކަށް ވެސް ވާންޖެހޭ ކަމެއް ހެއްޔެވެ؟ އަހަންނަކަށް ނޭނގެއެވެ. ބައެއް ރައްޓެހިން ބުނި ގޮތުގައި އެއަށް ކިޔަނީ "އީމޯ" ވުމެވެ. އަހަރެން އެ ލަފުޒު އެހީ އަލަށެވެ.
އަހަރެންގެ ދަރިފުޅަށް ދުނިޔޭގެ އަލިކަން ފެނުނެވެ. އެއީ އަހަރެންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ. ނަބީލާ އުފަންވި ދުވަހާއި، ނަންކިއި ދުވަހާއި، މަސް ފުރުނު ދުވަހު ވެސް އަޒްލިފާ ގާތުގައި އަހަރެން ހުރީމެވެ. ކަނޑު ހުރަސްކުރުން އެއީ އަހަންނަށް މައްސަލައަކަށް ނުވެއެވެ. އަޒްލިފާގެ މައިންބަފައިންނަކަށް ވެސް އަދި އާއިލާގެ މީހަކަށް ވެސް އެއްވެސް ކަމެއް ނުޖައްސަމެވެ. ކުދިން ވިއްސަން އަހަންނަށް އެނގޭ ނަމަ އެ ކަން ވެސް ކުރީހީ އަހަންނެވެ.
ނަބީލާއަށް އެއް މަސް ފުރުމުގެ އުފަލުގައި އޮފީހުގެ އެންމެ ގާތް އެކުވެރިންނަށް ސަޔެއް ދިނީމެވެ. އެއީ ތިން މީހުންނެވެ. އެ މީހުން ނަބީލާއާއި އާއިލާއަށް ހެޔޮ ދުއާކޮށް، ބައްޕައެއްގެ ޒިންމާތައް އަހަންނަށް ހަނދާންކޮށްދިނެވެ. ތަޖުރިބާ ހިއްސާކުރިއެވެ. އެ އެންމެންނަކީ ވެސް ބައްޕައިންނެވެ. އޭގެ ތެރެއިން ރާމިޒަކީ ތިން ކުދިންގެ ބައްޕައެކެވެ. އޭނަގެ މޫނުމަތިން އަހަންނަށް ފެނުނީ އުދާސްކަމެވެ. އޭނަ އިނީ ތަންކޮޅެއް ބަސްމަދުވެފައެވެ. އެ ކަން ފާހަގަކުރެވުނީ އަހަންނަށް އެކަންޏެވެ.
އަހަންނަކީ އޮފީހުގެ ގިނަ ވަގުތު ވަރަށް ބުރަކޮށް އުޅޭ މީހެކެވެ. އާއިލާ ފިޔަވައި އެހެން ކަމަކާ ވިސްނާކަށް އަހަންނަކަށް ވަގުތެއް ނުވެސް ވެއެވެ. އެކަމަކު، ރާމިޒުގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން އަހަރެންގެ ސިކުނޑިއަށް އުނދަގޫކުރަން ފެށިއެވެ. ހިތުގައި ސުވާލުއުފައްދަން ފެށިއެވެ. އުފާވާންޖެހޭ ދަނޑިވަޅެއްގައި ރާމިޒަށް އުނދަގޫވެފައި އިނީ ކީއްވެގެން ހެއްޔެވެ؟
އެތައް އިރަކު ވިސްނުމަށް ފަހުގައި، ކެތްނުވެގެން އަހަރެން ރާމިޒަށް ގުޅީމެވެ. ފުރަތަމަ ވެސް އަހަރެން ކުރިމަތިކުރީ ބޮޑު ސުވާލެވެ. ރާމިޒު އެހާ ހިތްހަމަނުޖެހިފައި އިނީ ކީއްވެގެން ހެއްޔެވެ؟ ކަމެއްވެގެން އުޅޭ ކަމަކަށް އޭނަ ނެހެދުނެވެ. ތަކުރާރުކޮށް އެހުމުން ވެސް، އެއްވެސް ކަމެއް ނުވެޔޭ ބުނުން ފިޔަވައި އިތުރު ޖަވާބެއް ނުލިބުނެވެ. އެކަމަކު އެ ފަހަރު ރާމިޒު ޖަވާބުދިން ރާގުން، ކަމެއްވެއްޖެކަން އަހަންނަށް ކަށަވަރުވިއެވެ.
ނަބީލާއަށް ކޮންމެ މަހެއް ފުރޭ ދުވަހު އަހަރެން ރަށަށް ގޮސް، އެންމެން އެކުގައި ފޮޓޯއެއް ނަގަމެވެ. ހަމަ އެކަނި އަހަރެންގެ އުފަލަކަށް ނޫނެވެ. ނަބީލާއަށް ފަހުން ދެއްކުމަށް ޓަކައި ވެސް މެއެވެ. ހަތްވަނަ މަހު ރަށަށް ދިޔަ ފަހަރު، އަޒްލިފާ އެ ކަމާ ހިތްހަމަނުޖެހޭހެން އަހަންނަށް ހީވިއެވެ. އޭނަ އެއްވެސް އެއްޗެއް ބުނީކީ ނޫނެވެ. އަހަންނަށް އެހެން ހީވީއެވެ. ދިމާވި ކަމެއްގެ ސަބަބުންނެވެ.
އަހަންނަކީ ގާތް މީހުންނާ ވަރަށް ސަމާސާކުރާ މީހެކެވެ. ހަތްވަނަ މަސް ފުރުނު ފަހަރު އަހަރެން ރަށަށް ދިޔައީ އެއް ދުވަސް ކުރިންނެވެ. ދާ ވާހަކަ އަޒްލިފާ ގާތަކު ނުވެސް ބުނަމެވެ. ގެއަށް ދިޔަ ގޮތަށް ކޮޓަރީ ދޮރުގައި ޓަކިޖަހައިލުމުން، ވަރަށް އަވަހަށް އަޒްލިފާ ދޮރު ހުޅުވައިލިއެވެ. އަހަރެން ފެނުމާއެކު އަޒްލިފާއަށް ހައިރާންކަމެއް ލިބުނެވެ. އެއީ މައްސަލައެއް ނޫނެވެ. ކުއްލިއަކަށް އަހަރެން އައުމުން އެހެން ވާނެއެވެ. މައްސަލައަކީ ހައިރާންކަމަށް ފަހުގައި ދެން ފެނުނު މަންޒަރެވެ. ހީވި ކަހަލައެވެ. އަހަރެން ފެނުމުން އަޒްލިފާއަށް ލިބުނީ މާޔޫސްކަމެކެވެ. އެކަމަކު، ދެ ސިކުންތުގެ މާޔޫސްކަމަށް ފަހު އަޒްލިފާ ހިނިތުންވެލިއެވެ. އާންމުކޮށް އޭނަ ހިނިތުންވެލާ ފަރި ހިނިތުންވެލުމެވެ. އެހެންކަމުން، އެ ވަގުތަށް އަހަރެން އެހެން ހުރިހާ ކަމެއް ހަނދާންނެތުނެވެ.
އެ ދަތުރު ނިންމައިފައި މާލެއައި ތަނާ، ކުއްލިއަކަށް ހަނދާން އެނބުރި އައެވެ. އެހާ އަވަހަށް އަޒްލިފާ ދޮރު ހުޅުވައިލީ ސަބަބެއް އޮވެގެން ހެއްޔެވެ؟ އަޒްލިފާ ހީކުރީ އަހަންނަކީ ކާކުކަމަށް ބާއެވެ؟ އާއިލާގެ މީހެއްކަމަށް ހީކުރީ ހެއްޔެވެ؟ ރައްޓެއްސެއްކަމަށް ހީކުރީ ހެއްޔެވެ؟ އަހަންނަކީ އަޒްލިފާއަށް ޝައްކުކުރާ މީހެއް ނޫނެވެ. ވީމާ، އެންމެ ދެ ސިކުންތު ހަނދާން ނައްތައިނުލެވެންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ ހިތަށްއަރުވަން ބޭނުން ނުވާ އެއްޗެއް ވެސް ހިތަށްއެރިއެވެ. އަހަންނަށް ކަމެއް ސިއްރުކުރަން އަޒްލިފާ މަސައްކަތްކުރަނީ ހެއްޔެވެ؟ އޭ ހިތާއެވެ. ހިތާހިތުން އަހަރެން ބުނެލީމެވެ. މިހާރު ތި ދަނީ ތަންކޮޅެއް މައްޗަށެވެ. ދަރިން ތަރުބިއްޔަތުކުރުމާއި، މިޒާޖުގައި ކުޑަ އުނިކަމެއް ހުއްޓަސް އަޒްލިފާއަކީ ތެދުވެރި އަންބެކެވެ. އަހަރެންގެ ހިތުގައި ވަސްވާސް ނުއުފައްދާށެވެ. ވަސްވާސް ފިލުވައިލުމުގައި އަހަންނަށް މަދަދުކޮށްދޭށެވެ.
ރާމިޒުގެ ދޮށީ ދަރިފުޅުގެ އުފަންދުވަހު، ހަދިޔާއެއް ހިފައިގެން އަހަރެން އެ ގެއަށް ދިޔައީމެވެ. ކޮންމެހެން ޕާޓީގައި ބައިވެރިވާކަށް ނޫނެވެ. ކަންދިމާކުރި ގޮތުން އެ ދުވަހަކީ އޮފީހުން ނުކުމެވެން ވެސް އޮތް ދުވަހެއް ނޫނެވެ. އެހެންވިޔަސް، ހަދިޔާއެއް ދީފައި ނުކުންނާނީއޭ ހިތައި ދެވުނީއެވެ. ދިޔަ އިރު ރާމިޒު އުޅެނީ ކޭކު ނުގެނެސްގެންނެވެ. ރާމިޒުގެ އަންހެނުން ވީ ކޭކު ބަލާ ގޮހެވެ. އޭނަ ފޯނެއް ނުނަގައެވެ. ރާމިޒު އުޅެނީ އެ ކަމާ ކަންބޮޑުވެގެންނެވެ.
"އަޅެ ފޯނު ނަގާ ނަމަ ދޯ؟" ދެކޮޅަށް ހިނގަމުން ރާމިޒު ބުނެލިއެވެ.
"ކީއްވެތަ ތިހާ ހާސްވަނީ؟" އަހަންނަށް ބުނެވުނެވެ. "ވެދާނެ ކޭކު ހިފާއްޓައިގެން އިނދެވުނު ގޮތަކުން ފޯނު ނަގަން އުނދަގުލީކަމަށް ވެސް. ކޭކު ބަލާ ދިޔަ މީހަކު ކޭކު ހިފައިގެން މި ގެޔަކަށްނު އަންނާނީ. ތިހާ ހާސްވާކަށް އަދި ނުވެއެއްނު!"
"ނަސީރަށް ހަންރެޑް ޕަސަންޓު ގެރެންޓީތަ؟" ރާމިޒު އެހިއެވެ.
"ތި ބުނީ؟" އަހަރެން އެހީމެވެ.
"މީހަކާ ދިމާވެގެން ވާހަކަދައްކަން ވެސް ހުރެދާނެއްނު!" ޒާތެއްގެ ރާގަކަށް ރާމިޒު ބުނެލިއެވެ.
ރާމިޒުގެ ޖަވާބުން އަހަންނަށް ދުވީ ޝައްކުބަލި ވަހެވެ. ހިތަށްއެރިއެވެ. ތިން ދަރިން ވިހައިދީފައިވާ އަނބިމީހާޔާ ދޭތެރޭ އެ ގޮތަށް ވިސްނަންވާނެ ހެއްޔެވެ؟
"އާނ! ހުރެދާނެ. އެހެން ގެޔަކަށް ވެސް ހިނގައިދާނެ،" ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ. "ތީ ފުކެއް ބޮޑުވަރު. އަހަރެންގެ ވައިފް އެހެން ރަށެއްގަ އެ ހުންނަނީ. އެކަމަކު އަހަންނެއް ތިހެނެއް ނުވިސްނަން."
އަހަންނާ ދިމާއަށް ރާމިޒު ބަލައިލި ގޮތުން އަހަރެން ހީކުރީ މޮޅު އެއްޗެއް ބުނާނެ ކަމަށެވެ. އޭނަ އަނގަ ހުޅުވައިލި ވެސް މެއެވެ. އެހެނަސް އޭނަ އެއްޗެއް ނުބުނެއެވެ. ކޮންމެވެސް އެއްޗެއް އޭނަ ފޮރުވާކަން އަހަންނަށް ޔަގީންވިއެވެ.
ނަބީލާއަށް އެއް އަހަރު ފުރުނު އިރު ނަބީލާއާއި އަޒްލިފާ ވެސް ހުރީ މާލޭގައެވެ. އަހަރެން ގާތުގައެވެ. އަޒްލިފާގެ ދެ ދަރިން ތިބީ އަޒްލިފާގެ މަންމަ ކައިރީގައި، ރަށުގައެވެ. ރެސްޓޯރަންޓެއްގައި، ކުޑަ ވަރެއްގެ ޕާޓީއެއް ބޭއްވީމެވެ. އަހަރެންގެ އެ ފަދަ ކޮންމެ އުފަލެއްގައި ބައިވެރިކުރާ ތިން ރައްޓެހިންނަށް ދައުވަތުދިނީމެވެ. ކަން ދިމާވި ގޮތުން ރާމިޒަކަށް ނާދެވުނެވެ. ނާދެވުނީކީ ވެސް ނޫނެވެ. ރެސްޓޯރަންޓަށް ވަންނާނެ ވަގުތު އޭނައަށް "ނުލިބުނީ" އެވެ. ނަބީލާއަށް ހަދިޔާ ފޮނުވިއެވެ. އެކަމަކު ރާމިޒު ދިޔައީ ރައްޓެހިންނާ އެކުގައި ކޮފީބޯށެވެ. އަހަންނަށް އެ ކަން އެނގުނީ އެފްބީއަށް ލީ ފޮޓޯއަކުންނެވެ. ދެނަހުރިކަމަކަށް އަހަރެން ނަހަދަމެވެ.
ރޭގަނޑު އަހަންނަށް ރާމިޒުގެ މެސެޖެއް ލިބުނެވެ. އޭނަ އެދިފައި އޮތީ ކޮފީއަކުން ބައްދަލުކުރުމަށެވެ. އަހަރުމެން އާންމުކޮށް ބައްދަލުވާ ތަނުންނެވެ. އޭރު ވެސް ހިތަށްއެރިއެވެ. އަހަންނަށް ލިބެން އުޅެނީ ރަނގަޅު ޚަބަރެއް ނޫނެވެ.
ނުނިމޭ