17 އޮކްޓޯބަރ 2021 - 07:21

އިޓަލީގެ ގައުމީ އެއާލައިން އަދި އެ ގައުމުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އަލިޓާލިއާ ބަނގުރޫޓްވެގެން ހުއްޓާލަން ޖެހުމާ ގުޅިގެން އުފެއްދި އާ އެއާލައިން އައިޓީއޭ އެއާވޭސް ހުކުރު ދުވަހު ރަސްމީކޮށް އޮޕަރޭޓް ކުރަން ފަށައިފި އެވެ.
ވައިގެ ދަތުރުފަތުރަށް ޒަމާނީ ކުލަވަރާއި ހިތްގައިމުކަން ގެނެސްދޭކަން ކަށަވަރުކޮށް ދެމުން ފެށި އާ އެއާލައިންގެ ބޯޓްތަކުގެ ރަސްމީ ކުލަ އަކީ ނޫކުލަ އެވެ. އަދި ބޯޓްގެ ފަހަތުގައި ފިޔަގަނޑުގައި ރަތާއި ފެއްސާއި ހުދުން ކުލަ ބަރިއެއް ހިމަނާފައިވެ އެވެ. އަދި އެ ކުލަތައް ހިމެނީ އިޓަލީގެ ގައުމީ ކުޅިވަރު ޓީމްތަކުގެ ކުލަތަކާ ވެސް ގުޅުވުމުގެ ގޮތުންނެވެ.
އައިޓީއޭ (އިޓާލިއާ ޓްރާންސްޕޯޓޯ އެއިރޯ) އެއާވޭސް ހުކުރު ދުވަހު އޮޕަރޭޓް ކުރަން ފެށި އިރު، ފްލީޓްގެ އަދަދަކީ 52 އެވެ. މި އެއާލައިން އޮޕަރޭޓް ކުރާނީ ސީދާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާއާ އެކީގަ އެވެ.
އައިޓީއޭ އެއާވޭސްގެ ރައީސް އަލްފްރެޑޯ އަލްޓަވިލާ ވިދާޅުވި ގޮތުގައި އާ ގައުމީ އެއާލައިނަކީ އިޓަލީ އަށް ޝަރަފާއި ފަހަރު ގެނުވައިދޭނެ އެެއާލައިނެކެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެއާލައިން އޮޕަރޭޓް ކުރުމުގައި އެންމެ ހާއްސަ އެއް ކަމަކީ މުޅި އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ކަމަކަށް ވެސް ސީދާ އިޓަލީގެ އުފެއްދުންތައް ބޭނުން ކުރުމެވެ. އެގޮތުން މުވައްޒަފުންގެ ޔުނިފޯމުން ފެށުގެން ގްރައުންޑް ހޭންޑްލިން އަށް ބޭނުންކުރާ ހުރިހާ ވަސިލަތްތަކަކީ ވެސް އިޓަލީގެ މަޝްހޫރު ކުންފުނިތަކުގެ އުފެއްދުންތަކެވެ.
"މިއީ ހަމަ މުޅިން އިޓަލީގެ ބްރޭންޑެއް. މިއީ އިޓަލީ އާއި އިޓަލީގެ ރައްޔިތުން ފަހުރުވެރިވާ ފަދަ އެއާލައިނަކަށް ވާނެ،" އަލްފްރެޑޯ ވިދާޅުވި އެވެ. "އާ ފެށުމަކުން ފަށައިގަންނަ އިރު ވައިގެ ދަތުރުފަތުރުގެ ހިދުމަތުގެ ތެރެއަށް އަހަރެމެން ބަދަލުތަކެެއް ގެނެސްދޭނަން. ކުރިއަށް އޮތް ތަނުގައި އެ ބަދަލުތައް ފެންނަން ފަށާނެ."
އާ ގައުމީ އެއާލައިންގެ ހިދުމަތް އިޓަލީން ހުކުރު ދުވަހު ފެށި އިރު، މީގެ 74 އަހަރު ކުރިން ހިދުމަތް ފެށި އަލިޓާލިއާގެ އޮޕަރޭޝަން ހުއްޓާލަން ނިންމީ އެ އެއާލައިން މި ޒަމާނުގެ ވައިގެ ދަތުރަށް ނުފެތުމާއި ވާދަވެރި އެހެން ކުންފުނިތަކާ ބަލާ އިރު މިހާތަނަށް އައި އިރު، އޭވިއޭޝަން ދާއިރާ އިން މާ ބޮޑެތި ކުރިއެރުންތަކެން ހޯދިފައި ވެސް ނުވާތީ ކަމަށެވެ. އަދި 2017 ގެ ފަހުން އަލިޓާލިއާ އޮޕަރޭޓް ކުރަމުން ވެސް ދިޔައީ ގެއްލުމާ އެކީގަ އެވެ.
އެކަމަކު އެ އެއާލައިން ހުއްޓުމަކަށް ނުގެނެސް، އެ ސަލާމަތް ކުރެވޭތޯ އިޓަލީގެ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ވެސް ކުރި އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެތައް އަހަރެއް ފަހުން އަލިޓިއާލިއާ ހުއްޓާލުމަކީ އިޓަލީގެ ރައްޔިތުންނަށް ވަރަށް ޖަޒުބާތީ ކަމެކެވެ. ސަބަބަކީ އެ ގައުމުގެ އެތައް ޖީލެއްގެ ރައްޔިތުންގެ ވައިގެ ދަތުރުފަތުރާ އެ އެއާލައިން ވަރަށް ބޮޑަށް ގުޅިފައި އޮތުމެވެ.