17 އޮކްޓޯބަރ 2021 - 07:17

ފަންޑްރައިޒް ކުރުމުގެ ގޮތުން ވިއްކަން ހުރި ޖަފަ ކޭކްގެ ދެ ޕެކެޓަކަށް ހަމައަގު ނުދިން މައްސަލައެއްގައި އިނގިރޭސިވިލާތުގައި ފުލުހަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެސްޓް ޔޯކްޝަޔާ ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ކޮންސްޓަބަލްއެއްގެ މަގާމުގައި ހުރި ކްރިސް ޑީޔާ، 51، އެވެ. ކޭކު ވިއްކަން ހުރި ހަލިފަކްސް ޕޮލިސް ސްޓޭޝަންގެ ސްޓޯލުން އޭނާ ދެ ޕެކެޓް ކޭކް ނެގީ އެއަށް ދޭން ޖެހޭ ހަމައަގު ކަމަށްވާ 1 ޕައުންޑްގެ ބަދަލުގައި 10 ޕެންސް ދިނުމަށްފަހު އެވެ.
ފުލުހެއްގެ ފަރާތުން ދިމާވި މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން އެކަމާ ބެހޭ ގޮތުން ކްރިސްއާ ސުވާލު ކުރުމުން އޭނާ ވަނީ ކަން ހިނގި ގޮތް އޮޅުވާލަން ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ތަހުގީގަށް ބަޔާންދިން އޮފިސަރުންތަކެއް ވަނީ ކްރިސް ދެ ޕެކެޓަށް ދިނީ 10 ޕެންސްކަން ހެއްކާ އެކު، ހުށަހަޅައިފަ އެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ 21 ގައި ހިނގި މި ހާދިސާއާ ގުޅިގެން ކްރިސް ވަޒީފާ އިން ވަކިކުރި އިރު އޭނާ ވެސްޓް ޔޯކްޝަޔާ ފުލުހުންގެ ހިދުމަތާ ގުޅުނީ 2017 ގަ އެވެ. ފުލުހުންގެ ވަޒީފާ އަށް ވަނުމުގެ ކުރިން އޭނާ އަކީ އިނގިރޭސިވިލާތުގެ ނޭވީގައި 25 އަހަރު މަސައްކަތްކުރި މީހެކެވެ.
ކްރިސްގެ މައްސަލަ ބެލި ޕެނަލްގެ ޗެއާމަން އަކްބަރް ޚާން ވިދާޅުވީ އޭނާފެ ފަރާތުން ފެނުނީ ފުލުހެއްގެ ފަރާތުން ފެނިގެން ނުވާނެ ފަދަ އަހުލާގީ މައްސަލައެއް ކަމަށެވެ.
"އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ދެއްކުމާއި އިހުލާސްތެރިކަމެއް ނެތް ގޮތަށް އަމަލުތައް ބެހެއްޓުމަކީ އަހަރެމެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑާ މުޅިން ހިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ. "ކްރިސްގެ ފަރާތުން ފެނުނީ ފުލުހެއްގެ ފަރާތުން ފެނިގެން ވާނެ ފަދަ އަމަލެއް ނޫން. އަދި އޭނާގެ އެ އަމަލަކީ ފުލުހުންނާއި ފުލުހުންގެ ހިދުމަތަށް ވެސް ހުތުރު އަމަލެއް."
ހަލިފެކްސް ޕޮލިސް ސްޓޭޝަންގެ ކެންޓީން ސްޓޯލަކީ ޔޫގަންޑާގެ ޗެރިޓީ ދަތުރަކަށް ބޭނުންވާ ފައިސާ އެއްކުރަން ބަހައްޓާފައި ހުރި ސްޓޯލެކެވެ. އޭގައި ވިއްކީ ބިސްކޯދާއި ޗިޕްސް ޕެކެޓާއި ލުއި ބުއިންތަކެވެ.