16 އޮކްޓޯބަރ 2021 - 11:25

ދަނގެތި ނެދުންގެ ބަލައި ފާސްކުރުމުގެ މަސައްކަތް މީގެ އިރުކޮޅެއް ކުރިން ފުލުހުން ވަނީ ނިންމާލާފައި. ފުލުހުން ވަނީ މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް އެ ގޭގައި އުޅޭ ބިދޭސީމީހާ ހައްޔަރު ކޮށްފައި. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާއިރު، އެ ގެ އިން ބައެއް ތަކެތި ގެންދިޔަ މަންޒަރު ވެސް ނޫސްވެރިންނަށް ފެނިފައިވޭ.

މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ބަންގްލަދޭޝްގެ ފިރިހެންމީހާ އަކީ ފުލުހުން މިއަދު ބަލައި ފާސްކުރި ނެދުންގޭގައި އުމުރުން ދުވަސްވީ މީހާ ބަލަން ގެންގުޅޭ ބިދޭސީ މީހާ. އޭނާ އަތުގައި ބިޑި އަޅުވައިގެން ދަނގެތި ޕޮލިސް ސްޓޭޝަނަށް ވައްދާ މަންޒަރު އެ ރަށުގައި މިހާރު ހަރަކާތްތެރިވާ "މިހާރު" ގެ ނިއުސް ޓީމަށް ވަނީ ފެނިފައި.

މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ، ދަނގެތީގައި މިހާރު ފުލުހުން ފާސްކުރަމުން އަންނަ ނެދުންގޭގައި އުޅޭ ބިދޭސީމީހާ ކަމެއް އަދި ޔަގީނެއް ނޫން. އެ ގޭގައި މިއަދުގެ ހެނދުއްސުރެ ފެށިގެން ފުލުހުންގެ ޓީމެއް ހަރަކާތްތެރިވާއިރު، އެއްވެސް މީހަކު ހައްޔަރު ކޮށްގެން ގެންދިޔަ ތަނެއް ދަނގެތީގައި މިހާރު ހަރަކާތްތެރިވާ މީޑީއާ އަަކަށް ނުފެނޭ. ނެދުންގެ ހިމެނޭ ސަރަހައްދު ފުލުހުން ބަންދު ކޮށްފައިވާއިރު، ބައެއް ނޫސްވެރިން ވެސް އެ ގެ ކައިރީގައި އެބައުޅޭ.

މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް ބިދޭސީއަކު މިއަދު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ދެންމެ ބުނެފި. އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނި ނަމަވެސް ތަފުސީލެއް އަދި ނުދޭ.
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި ފުލުހުން ފަށާފައިވާ ތަހުގީގުގެ ތެރެއިން، އެ ރަށުގައި ބިދޭސީއަކު އުޅޭ ގެއަކަށް ފުލުހުންގެ ޓީމެއް ދެންމެ ވަދެއްޖެ އެވެ.
ބަންގްލަދޭޝްގެ އެ މީހާއަކީ ނެދުންގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެނެސްފައި ހުރި ބިދޭސީއެކެވެ.
ދަނގެތީގައި ހަރަކާތްތެރިވާ "މިހާރު" ގެ ނިއުސް ޓީމުން ބުނީ، އުމުރުން ދުވަސްވީ މީހާ އެހެން ގެ އަކަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށާއި އެ ގޭގެ ތެރޭގައި ފުލުހުންގެ ޓީމު އެބަތިބި ކަމަށެވެ.
ފުލުހުން ފާސްކުރާ އެ ގޭގައި އުޅެނީ އެ ބިދޭސީމީހާ އާއި އުމުރުން ދުވަސްވީ މީހާ އެކަންޏެވެ.
"މިހާރު" ގެ ނޫސްވެރިން ބުނީ ފުލުހުން މިހާރު ފާސްކުރާ ނެދުންގެ އާއި މަހުމޫދު މަރާލާފައި ގޯންޏަކަށް ލައި އެއްލާލާފައިވާ ގެ ވެސް ހުންނަނީ އެއް މަގެއްގައި ކަމަށެވެ.
"ގާތްގަނޑަކަށް 100 ވަރަކަށް ފޫޓު ދުރުމިން ހުންނާނީ،" ސީނިއާ ފޮޓޯގްރާފަރު ނިޝާން އަލީ ބުންޏެވެ.
އުމުރުން 57 އަހަރުގެ މަހުމޫދު މަރައިލި މައްސަލައިގެ ދަނގެތީގެ ގިނަ ބަޔަކު އިނގިލި ދިއްކުރަނީ އެ ރަށަށް ބަދަލުވި ތޮއްޑޫގެ ދެ މީހަކަށެވެ. އެ ދެ މީހުން ގާތަށް ފަހުން ދިޔަ އެ ރަށުގެ އަންހެނަކަށް ވެސް ޝައްކު ކުރެ އެވެ.
މަހުމޫދު މަރައިލައިފައި އޮއްވައި މިދިޔަ ބުރާސްފަތި ދުވަހު މެންދުރު ފެނުމާއެކު، ދަނގެތީގެ މީހުން އެ ދެ ފިރިހެނުގެގައި ތަޅައިގަތުމުން އެ ވަގުތުން ފެށިގެން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެންމީހާ އާއި އެ ދެ ފިރިހެން އިއްޔެ ހެނދުނު ވަނީ މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ.
ނަމަވެސް މި ތިން މީހުންނަށް ފުލުހުންގެ ތަހުގީގުން އެއްވެސް ޝައްކެއް ކުރެވޭ ކަމެއް އަދިއެއް ނޭނގެ އެވެ. އެ މީހުންނާ ގުޅޭ ތަނެއް ވެސް މިހާތަނަށް ފާހެއް ނުކުރެ އެވެ.
ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައި މަހުމޫދުގެ ހަށިގަނޑު ގޯންޏަކަށް ލައި ވައްޓާލާފައި އޮތީ ދަނގެތީގެ ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅަކަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ ރަށުގެ މީހުން ނުކުމެ ހޯދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 2:30 ހާއިރު އެވެ.
އޭނާ ގެއްލުނީ ސާފް ޗެމްޕިއަންޝިޕްގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރާއްޖެ- އިންޑިއާ ކުޅުނު މެޗު ބަލަން އިނދެފައި ގެ އިން ބޭރަށް ނުކުތް ފަހުންނެވެ. އޭގެ ފަހުން މަހުމޫދުގެ އެއްވެސް ޚަބަރެއް ނުވެގެން ދަނގެތީގެ ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓް ކުރީ ބުރާސްފަތި ދުވަހުގެ ހެނދުނެވެ.