ޓޫރިޒަމްގައި މި އަހަރަށް ކަނޑައެޅި އަމާޒު 90 ޕަސެންޓު ހާސިލުވެއްޖެ
ޓޫރިޒަމްގައި މި އަހަރަށް ކަނޑައެޅި އަމާޒު 90 ޕަސެންޓު ހާސިލުވެއްޖެ

ރާއްޖެ އަށް މި އަހަރު ނުވަ ލައްކަ ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ކަނޑައެޅި އަމާޒު 90 ޕަސެންޓް ހާސިލުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ މިހާތަނަށް 923،000 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެ އެވެ. ދައުލަތުގެ މި އަހަރު ބަޖެޓުގައި ހިސާބު ޖަހާފައިވާ ގޮތުން ނަމަ ރާއްޖެ އަންނާނެ ކަމަށް ލަފާކުރީ އެއް މިލިއަން ޓޫރިސްޓުންނެވެ. މި އަހަރު ނިމެން ތިން މަހަށް ވެފައިވާއިރު، ކަނޑައެޅި އަމާޒަށް ވާސިލުވާން ބާކީ ތިބީ އެއް ލައްކަ ޓޫރިސްޓުންނެވެ.

މި އަހަރު އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބަޖެޓް ފޮތުގައި ޖަހާފައިވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ 1.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މި އަމާޒް ހާސިލުވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

މި ވަގުތު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް ދެ ލައްކަ ޓޫރިސްޓުން އައިސްފައި ވެ އެވެ. ދެވަނައިގައި އުޅޭ ރަޝިއާ އިން އައި ޓޫރިސްޓުންގެ އަދަދަކީ 177،000 އެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުންނެވެ. އެ ގައުމުން 60،000 ޓޫރިސްޓުން އައިސްފައި ވެ އެވެ.

ކުރިއަށް އޮތީ ޕީކް ސީޒަން ކަމުން މި އަހަރު އެންމެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ލަފާ ކުރަނީ އަންނަ ނޮވެމްބަރާއި ޑިސެމްބަރު މަހުގަ އެވެ. ކޮވިޑްގެ ހާލަތުގެ ކުރިން ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ދެ މަންޒިލް ކަމަށްވާ އިނގިރޭސި ވިލާތާއި އިޓަލީން ވެސް ޓޫރިސްޓުންނަށް އާދެވޭ ގޮތަށް ހުޅުވައިލުމުން ޔޫރަޕްގެ ޓޫރިސްޓުން މިހާރަށް ވުރެ އިތުރުވާނެ ކަމަށް ޓޫރިޒަމް ދާއިރާ އިން ލަފާކުރެ އެވެ.