16 އޮކްޓޯބަރ 2021 - 09:07

މި ފަހުގެ ތާރީހެއްގައި އެއް ފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު މިދިޔަ ހަފުތާގައި ހައްޔަރުކުރީ ކަނޑުމަތިން ފާރަލަމުން ގޮސް ރ. މަޑުއްވަރީ ފަޅުތެރެއިން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓު (ޑީއީޑީ) އާއި މެރިން ޕޮލިހާއި ރ. އަތޮޅު ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުދަ ދުވަހު ފެށި އެ އޮޕަރޭޝަނުގައި 215 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވިޔަސް އޭގެ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި، އެ މަސްތުވާތަކެތި ފޮރުވާފައި ހުރީ މަޑުއްވަރި ކައިރީގައި އޮންނަ ފަޅު ރަށެއްގަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ވެސް އެ ރަށުގެ ދެ ފިރިހެނަކުކަން އެނގިފައި ވެ އެވެ.
އެ ދެ މީހުންގެ މައުލޫމާތު އެނގޭ މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް "މިހާރު" އަށް ބުނީ އޭގެ ތެރެއިން އެކަކަކީ މަޑުއްވަރީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޑީލްކުރާ ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. މުއްސަނދި ދިރިއުޅުމެއް އުޅެމުންދާ އެ މީހާ ހައްޔަރުކުރީ ވެސް އޭނާގެ ލޯންޗުގައި ހުއްޓާ ކަމަށް ވެ އެވެ.
"އެ އާއިލާގެ ދިރިއުޅުމުގެ ފެންވަރު މަތިވާނެ ރަށުގެ ދެން ތިބި މީހުންނާ އަޅާބަލާފައި. މިހާރު ގެންގުޅޭނެ ބޮޑު ލޯންޗަކާއި ކާރާއި ބަޓު ނަގާ ދޯންޏެއް. އެ ލޯންޗުގައި އެ ތަނަކަށް ގޮސްފައި ރަށަށް ދިޔަތަނާ އެ ދެ މީހުން ވެސް އެ ހައްޔަރުކުރީ،" އޭނާ ބުންޏެވެ.
އެ ލޯންޗު އެހެލައި ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދު ބަލަހައްޓަމުންނެވެ.
އެ މައްސަލައިގައި ދެން ހައްޔަރުކުރި މީހާއާ މަސްތުވާތަކެއްޗާ ގުޅުވައިގެން ރަށު ތެރޭގައި މީގެ ކުރިން އެފަދަ އެއްވެސް ވާހަކައެއް ދައްކާފައި ނުވިޔަސް އެއީ މާރާމާރީތަކުގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ވެ އެވެ.
މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާ މަޑުއްވަރީއަކީ އެ އަތޮޅުގެ އެހެން ރަށްތަކަށް އެ ތަކެތި ފޮނުވައިދޭ މައި ހަބުކަމަށް ތުހުމަތު ކުރެ އެވެ.