ރާއްޖޭގައި އޮތީ ޒަމާނީ، ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ޖުޑިޝަރީއެއް: އުއްތަމަ ފަނޑިޔާރު
ރާއްޖޭގައި އޮތީ ޒަމާނީ، ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ޖުޑިޝަރީއެއް: އުއްތަމަ ފަނޑިޔާރު

ރާއްޖޭގެ ޝަރުއީ ދާއިރާ ޒަމާނީކޮށްފައިވާ ކަމަށާއި އެއީ މިހާރު މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ނިޒާމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އޮތީ ޒަމާނީ، ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ޖުޑިޝަރީއެއް: އުއްތަމަ ފަނޑިޔާރު
ރާއްޖޭގައި އޮތީ ޒަމާނީ، ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ޖުޑިޝަރީއެއް: އުއްތަމަ ފަނޑިޔާރު

ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމްކުރަން ޝަރުއީ ދާއިރާއާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވިޔަފާރީގެ މާހައުލު ދެނެގަތުމަށް ވޯލްޑް ބޭންކުން އެކުލަވާލާ ޑުއިން ބިޒްނަސް އިންޑެކްސްގައި ޝަރުއީ ދާއިރާގެ ކަންތައްތަކަށް ބަލާ ކަމަށެވެ. އޭގެ ތެރޭގައި، އެއްބަސްވުންތައް ތަންފީޒު ކުރެވޭ މިންވަރާއި އެ ނޫން ވެސް ވިޔަފާރީގައި ޖެހޭ މައްސަލަތަކަށް ޝަރުއީ ދާއިރާ އިން ލިބޭ ހައްލުތައް ދެނެގަންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ވޯލްޑް ބޭންކާއި އޮކްސްފޯޑް ޔުނިވަސިޓީ ގުޅިގެން ހަދާފައިވާ ދިރާސާއަކާ ހަވާލާ ދެއްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިގްތިސާދީ ތަރައްގީ ވަނީ ގުޅިލާމެހިފަ އެވެ. ޝަރުއީ ދާއިރާ ހަރުދަނާ ވެއްޖެ ނަމަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭކަން ވެސް ފާހަގަކުރެއްވި އެވެ.

"މި ވޭތުވެދިޔަ ތިން އަހަރު ފާހަގަކުރެވިފައި ވަނީ މާލީ އަދި ތިޖާރީ މުއާމަލާތްތަކަށް ހުރި ހުރަސްތައް ނައްތާލައި އެ ކަންކަން ފަސޭހަ އިން ކުރެވޭނެ މަގުފަހި ކުރުމަށްޓަކައި ޝަރުއީ ދާއިރާގެ ގާބިލުކަން އިތުރުކޮށް، އަދުލު އިންސާފަށް ފަސޭހަކަމާ އެކު ވާސިލުވެވޭނެކަން ކަށަވަރު ކުރުމަށްޓަކައި ޝަރުއީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ޒަމާނީ ޖުޑިޝަރީއެއް ގާއިމްކޮށް، ހަރުދަނާ ކުރެވުނު އަހަރުތަކެއްގެ ގޮތުގައި،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޒަމާނީ ޖުޑިޝަރީއެއް ގާއިމްކުރަން ކުރި މަސައްކަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވީ ސިވިލް ކޯޓުގައި މިދިޔަ އަހަރު ހެދި ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމެވެ. އެ ނިޒާމު ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އެކަމުގެ ހެއްކަކަށް އެ މަނިކުފާނު ދެއްކެވީ މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް އެ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ 48 ޕަސެންޓް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ތެރޭން ނިންމާފައިވުމެވެ.

"ވޯލްޑް ބޭންކުން ޑުއިން ބިޒްނަސް އިންޑެކްސްއާ އެކު އެކުލަވާލާފައިވާ ކޮލިޓީ އޮފް ޖަސްޓިސް ޕްރޮސެސް އިންޑެކްސްގައި ޖުޑިޝަރީއެއްގެ ނިޒާމުގެ ހަރުދަނާކަން ވަޒަން ކުރާ އެއް އިންޑިކޭޓާގެ ގޮތުގައި ބޭނުން ކުރަނީ އޮލްޓަނެޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ޖުޑިޝަރީ ނިޒާމެއްގައި ބޭނުންކުރެވޭ މިންވަރާއި އެ ނިޒާމުގެ ކާމިޔާބީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން، ކޯޓުތަކުގެ ހިންގުން އޮޓޮމޭޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެ ގޮތުން، ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި އެ މައްސަލަތައް ބެލެހެއްޓުން އޮޓޮމޭޓް ކުރުމަށް ގާއިމްކުރާ އީ-ކޯޓު މެނޭޖްމަންޓް ސިސްޓަމްގެ އިތުރަށް، ރާއްޖޭގެ 100 އަށް ވުރެ ގިނަ މެޖިސްޓްރޭޓް ކޯޓާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް ގުޅާލުމަށް ނެޓްވޯކެއް އެޅުމުގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މަސައްކަތް ނިމުމުން، އެއީ ރާއްޖޭގައި ގާއިމްކުރެވޭ އެންމެ ފުޅާ އޭރިއާ ނެޓްވޯކަށް ވެގެންދާނެ،" ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އެކި ފެންވަރުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކޯޓުތަކުގައި ފުނިޖެހިފައި ހުރި މައްސަލަތައް ނިންމައި އަވަސް ކުރުމަށް ވެސް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވި އެވެ. އެ ގޮތުން، މިދިޔަ އަހަރު 80 ޕަސެންޓުގައި ހުރި ޝަރުއީ ދާއިރާގެ ކޭސް ކްލިއަރެންސް ރޭޓް މިހާރު 110 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މިހާރު ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް ބެކްލޮގް އެންމެ ރަނގަޅު، ބެކްލޮގް އެންމެ ރަނގަޅަށް މެނޭޖުކުރާ ކޯޓުތަކުގެ ޖުޑިޝަރީކަން މި ފުރުސަތުގައި އުފަލާ އެކު ފާހަގަކުރަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ވިޔަފާރިއާ ގުޅޭ ބައެއް މައްސަލަތައް އަވަހަށް ނިންމުމަށް ސިވިލް ކޯޓުގައި މާކެންޓައިލް ޖަސްޓިސް ނިޒާމެއް ގާއިމްކޮށްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. އެ ނިޒާމު ޒަމާނީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭރުން މައްސަލަތައް އަވަހަށް ނިންމޭނެ ކަމުގެ ޔަގީންކަން އުއްތަމަ ފަނޑިޔާރު ދެއްވި އެވެ.

އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވި އިރު، އެމަނިކުފާނުގެ ފަހުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިޔަފާރިއާ ގުޅޭ މައްސަލަތައް އަވަހަށް ނިންމައިދެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެއީ، އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި "ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނަށް އަދި ދިވެހިރާއްޖޭގެ އިގްތިސާދުގެ ދުވެއްޔަށް އެންމެ ވަރުގަދަ ބަދަލެއް ގެނެސްދެއްވޭނީ" އެކަމުން ކަމަށް ވާތީ އެވެ.

ރާއްޖޭގައި އޮތީ ޒަމާނީ ޝަރުއީ ނިޒާމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅު ވިޔަސް، ކޯޓުތަކުގެ ހުކުމްތަކަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ބޭރުގެ ޖަމާއަތްތަކާއި ގައުމުތަކުގެ އިތުރަށް ރާއްޖޭގެ ޖަމިއްޔާތަކާއި އިދިކޮޅު ފަރާތްތައް ވެސް ހިމެނެ އެވެ.