15 އޮކްޓޯބަރ 2021 - 21:09

މާދަމާ ހެނދުނު 7:00-8:00 އަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން މިރޭ ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ މާދަމާ އެ ކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހަދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ކަމަށާއި މަސައްކަތް ކުރިއަށްދާއިރު ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.
މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ވަނީ "ގްރިޑް ޕްރޮޖެކްޓު" ގެ ދަށުން މާލެ އާއި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލާފަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން މިހާރު ކަނެކްޝަން ގުޅައި، ޕްރޮޖެކްޓު އެނަޖައިޒް ކޮށްފައިވާއިރު، މި ޕްރޮޖެކްޓު އެއްކޮށް ނިމުމުން މާލެ އަށް ކަރަންޓު ދޭނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެ ބޭނުންކޮށްގެންނެވެ.
ސްޓެލްކޯގެ ގްރިޑް ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ 100 މެގަވޮޓުގެ އިންޖީނުގެއަކަށް ކުރިމަގުގައި ބަދަލު ކުރާނެ އެވެ.