15 އޮކްޓޯބަރ 2021 - 18:13

އޮމާންގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ދަތުރުކޮށްފި އެވެ.
އޮމާންގެ މަސްކަޓްގައި ކުރިއަށްދާ މުބާރާތުގައި ދީމާ ކުއާޓާ ފައިނަލަށް ދަތުރު ކުރީ 15 އަހަރުން ދަށުގެ ގްރޫޕް ސްޓޭޖުގައި ޕާކިސްތާނާއި އުޒްބެކިސްތާނުގެ ކުޅުންތެރިން ބަލި ކުރުމަށް ފަހު އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕާކިސްތާންގެ ހޫރު ފަވާދުގެ މައްޗަށް ދީމާ ކުރި ހޯދީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމް ދީމާ ކާމިޔާބު ކުރީ 11-8 އިންނެވެ. ދެ ވަނަ ގޭމް ކާމިޔާބު ކުރީ 11-4 އިންނެވެ. ތިން ވަނަ ގޭމް ކާމިޔާބު ކުރީ 11-9 އިންނެވެ.
ދެ ވަނަ މެޗުގައި އުޒްބެކިސްތާންގެ ޑިޔޯރާ ޓޮޝްޕުލާޓަވާއާ ދެކޮޅަށް ވެސް ދީމާ މެޗު ކާމިޔާބު ކުރީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމް ކާމިޔާބު ކުރީ 12-10 އިންނެވެ. ދެ ވަނަ ގޭމް ކާމިޔާބު ކުރީ 11-8 އިންނެވެ. ތިން ވަނަ ގޭމް ކާމިޔާބު ކުރީ 11-5 އިންނެެވެ.
ވޯލްޑް ކޮންޓެންޑާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބެނީ އުމުރު ފުރާގެ ރޭންކިންގައި ދުނިޔޭގެ ގަދަ 30 ގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނަށެވެ. މި ވަގުތު ދީމާ އޮތީ 15 އަހަރުން ދަށުގެ ދުނިޔޭގެ ރޭންކިންގެ 20 ވަނައިގަ އެވެ. އޭޕްރީލް މަހު ރޭންކިންގެ، އަށް ވަނަ އަށް ވެސް އޭނާ ޖެހިލި އެވެ. އަދި 17 އަހަރުން ދަށުގެ ކެޓެގެރީން ދުނިޔޭގެ 41 ވަނައިގައި އޭޕްރީލް މަހު ދީމާ ހިމެނުނެވެ.
އައިޓީޓީއެފް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށްގެން ހޯދާ ޕޮއިންޓްތަކުން ރޭންކު މަތިކުރަން ފުރުސަތު ލިބެ އެވެ. މިިދޔަ މަހު ޓިއުނީޝިއާގައި ބޭއްވި މުބާރާތުގައި ވެސް ދީމާ ވަނީ ވާދަކޮށްފަ އެވެ. ޕޯޗުގަލްގައި ބާއްވި މުބާރާތުގައި ވާދަކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެ މުބާރާތަށް ނުދެވުނީ ޕޯޗްގަލްގެ ވިސާ ނުލިބުމުންނެވެ.
""ދުނިޔޭގެ ރޭންކިންގެ އެންމެ މަތީގައި ހިފެހެއްޓުމަށް މި މުބާރާތްތައް ވަރަށް މުހިންމު. މި މުބާރާތްތަކުގައި ވާދަކުރުމުން ވޯލްޑް ރޭންކިންގެ ޕޮއިންޓް ލިބޭނެ،" ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ކުރިން ވިދާޅުވެފައިވެ އެވެ.