އުންމަތް އެއްބައިވަންތަ ކުރުމުގައި މާތް ރަސޫލާގެ ނަމޫނާ
އުންމަތް އެއްބައިވަންތަ ކުރުމުގައި މާތް ރަސޫލާގެ ނަމޫނާ

މުޅި އިންސާނިއްޔަތަށް އިސްލާމީ ރިސާލަތު ފޯރުކޮށްދެއްވުމަށް ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ކުރެއްވެވި ބުރަ މަސައްކަތްޕުޅުތަކުގެ ތެރެއިން އެއްކަމަކީ، އިސްލާމީ އުންމަތް އެއްބައިވަންތަ ކުރުމަށް ނުވަތަ ވަހުދަތު ދެމެހެއްޓެވުމަށްޓަކައި އެކަލޭގެފާނު ކުރެއްވެވި މަސައްކަތްޕުޅުތަކާއި ދެއްވެވި އިރުޝާދު ތަކެވެ. މިކަމުގައި އެކަލޭގެފާނު ބޭނުންފުޅު ކުރެއްވެވި އެންމެ ވަރުގަދަ ވަސީލަތަކީ ނަމޫނާ ޝަހުސިއްޔަތެއް ކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވުމެވެ.

ކީރިތި ރަސޫލާ ﷺ ގެ ނަމޫނާ އަށް ބަލާއިރު ފެނިގެންދަނީ އެކަލޭގެފާނުގެ ޝަހުސިއްޔަތުގެ ހަރުދަނާ ކަމެވެ. އަދި އެކަލޭގެފާނު އިސްލާމީ ރިސާލަތު ފޯރުކޮށްދެއްވުމުގައި ތެދުވެރިވެ ވަޑައިގެންނެވި ކަމެވެ. މި ވަރުގަދަ ނަމޫނާގެ ސަބަބުން ބާތިލު އިލާހުންތަކާ މެދު މީސްތަކުންގެ ހިތްތަކުގައި އޮތް ޢަޤީދާ ބަދަލުވެ ތައުޙީދުގެ މަތިވެރި ޢަޤީދާގައި ސާބިތުވި އެވެ. އީމާންތެރިކަމުގެ ނޫރު މީސްތަކުންގެ ހިތްތަކަށް ފޯރި އެވެ. މި އީމާންތެރިކަން ދެމެހެއްޓުމަށް ބޭނުންވާ އަޅުކަންތައް ދަސްވި އެވެ. އެންމެހާ ނުބައި ސިފަތަކުން މީސްތަކުންގެ ހިތްތައް ތާހިރުވި އެވެ. ރިވެތި އަޚްލާޤާއި މާތް ސިފަތައް އުނގެނުނެވެ. ނަތީޖާއެއްގެ ގޮތުން، ދެކޮޅުވެރިވުމާއި ދެބަސްވުމާއި އަރާރުންތައް އެއީ ނުބައި ސިފަތަކެއްކަން ހާމަވި އެވެ. ބޮޑާކަމާއި ހަސަދަވެރިކަމުގެ ބަދަލުގައި އުޚުއްވަތްތެރިކަމާއި ލޯތްބާއި ހަމަހަމަކަން އެއީ މާތްސިފަތަކެއްކަން ބަޔާންވެގެން ދިޔަ އެވެ.

ރަސޫލާ ﷺ ގެ މިމަތިވެރި ނަމޫނާގެ ސަބަބުން، އިންސާނުންނަކީ ﷲ ގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ރަޙުމަތާ ނުލާ އެއްވެސް އާރެއް ބާރެއް ނެތް ބައެއްކަން އެނގުނެވެ. އެހެންވެ އަމިއްލަ ނަފްސަށް ފަޚުރުވެރިވެ ބޮޑާވެއްޖެ މީހަކަށް ހުރީ ގެއްލުމާއި ހަލާކުކަން ވިސްނުނެވެ. އޭގެ ބަދަލުގައި ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އެންމެން އެކުގައި އެކަލާނގެ އެންގެވި ގޮތުގައި ހިފަހައްޓައިގެން ތިބެއްޖެ ނަމަ އެއީ ކާމިޔާބުވުމުގެ މަގުކަން ކަށަވަރުވި އެވެ. އެހެނީ ޢިއްޒަތް ލިބިވޮޑިގެންވަނީ ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލާއަށެވެ. އަދި އެއަށް ފަހު މުއުމިނުންނަށެވެ. މިސަބަބަށްޓަކައި ﷲ ގެ މަގުގައި އެންމެން އެކުގައި ހިފަހައްޓައިގެން ތިބުމަށާއި ވަކިވަކިވެގެން ނުދިއުމަށް އެކަލާނގެ ކީރިތި ޤުރުއާނުގައި އަންގަވާފައިވެ އެވެ. (އާލް ޢިމްރާން:103).

އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރަސޫލާ ﷺ ގެ ނަމޫނާ އިތުރަށް ފެނިގެން ދިޔައީ އެއްބައިވަންތަ ކުރުމަށް އެހީތެރިވެދޭ ވަރަށް ގިނަ ކަންތައްތަކެއް އެކަލޭގެފާނު ދަސްކޮށްދެއްވުމުންނެވެ. މިގޮތުން ދުނިޔޭގެ ޒީނަތްތެރިކަމާއި އުފަލާއި އަރާމު އެއީ އުޚުރަވީ ހަޔާތުގެ ބާއްޖަވެރިކަމާ އަޅާބަލާއިރު އެހާ އަގުހުރި އެއްޗެއް ނޫންކަން ވިސްނައިދެއްވި އެވެ. މިވިސްނުން އިންސާނާއަށް ލިބިއްޖެ ނަމަ އޭނާގެ އިންސާނިއްޔަތުކަން އުފުލިގެންދާނެ އެވެ. ތިމާ ފަދަ އެހެން އިންސާނުންނާ މެދު ހިތުގައި ލޯބި އުފެދި ވަފާތެރިވުމުގެ ރޫޙު އަށަގަންނާނެ އެވެ. މި ވިސްނުމާ އެކު ދެން އެކަލޭގެފާނު އުނގަންނައި ދެއްވީ އުޚްރަވީ ހަޔާތުގެ ނިއުމަތްތަކެވެ. އަދި އެނިއުމަތްތައް ލިބިގަތުމަށް އެކަކު އަނެކަކަށް އެހީތެރިވުމާ އެކު ވާދަވެރިކަމުގައި މަސައްކަތް ކުރުމަށެވެ.

އުންމަތް އެއްބައިވަންތަ ކުރެއްވުމަށް އެކަލޭގެފާނު ކުރެއްވެވި އަނެއް ކަމަކީ ވަޠަނީ ލޯބި ދީނީ ލޯތްބާ ގުޅުވާލުމެވެ. އެބަހީ ވަޠަން ދެކެ ލޯބިވުމަކީ ދީނަށްޓަކައި އޮންނަ ލޯބީގެ ދަށުން ވާން ޖެހޭ ލޯތްބެއްކަމުގައި ހެއްދެވުމެވެ. މިހެން މިކަން އޮތުމުން އެހެން ފިކުރުތަކުގައި ވަޠަނިއްޔަތު މާނަކުރާ ގޮތާ އިސްލާމީ ނަޒަރުން ވަޠަނިއްޔަތު މާނަކުރާ ގޮތް ތަފާތުވެ އެވެ. އެހެން ފިކުރުތަކުގައި ވަޠަނިއްޔަތުގެ މައި ތަނބެއް ކަމުގައި ދީން ނުބަލަ އެވެ. އެކަމަކު އިސްލާމީވަންތަ ވަޠަނިއްޔަތުގައި އަސާސަކީ ދީނެވެ. ވަޠަނިއްޔަތު ދެމެހެއްޓުމުގެ ނަމުގައި ދީނާ ފުށުއަރާ ކަމެއް ކުރާނަމަ އެއީ ވަޠަނަށް މަންފާއެއް އޮތް ކަމެއް ކަމުގައި ނުބަލާނެ އެވެ. ވަޠަނަށް މަންފާ ހުންނާނީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރި ކަމަށް ފުށުނާރާ އެންމެހާ އަގުތައް ދަމަހައްޓައިގެންނެވެ.

މިހެންވެ އުންމަތުގެ އަގުތައް ދިފާއު ކުރުމުގައި އެންމެން އެއްބައިވެ އެކަތިގަނޑަކަށް ވެގެން ތިބުމަށް ކީރިތި ރަސޫލާ ﷺ އިލްތިމާސް ކުރެއްވި އެވެ. މި އިލްތިމާސް އާ އެކު، އެއް މުސްލިމަކު އަނެއް މުސްލިމަކާ އޮންނަ ގުޅުމަކީ ބިނާއެއްގެ އެއްބަޔާ އަނެއްބައި ގުޅުވައި ވަރުގަދަ ކުރުން ފަދަ ކަމެއްކަން ވިސްނައިދެއްވި އެވެ. އަދި މިގުޅުން ނެތްނަމަ އުދުވާނީ ހަމަލާ ތަކުން ސަލާމަތްވާން އުނދަގޫވާނެކަން ބަޔާން ކުރެއްވި އެވެ. އަދި މިފަދަ ދަށު ހާލަތަކަށް ހިނގައްޖެ ނަމަ ﷲ ގެ ރުހިވޮޑިގަތުމުން އެއްކިބާވާނެ ކަމާއި އެންމެ ފަހުން ތިމާގެ އީމާންތެރިކަން ދަށްވެގެންދާނެކަން ހާމަކޮށްދެއްވި އެވެ. މިހުރިހާ ކަމެއްގެ އިތުރުން އިސްލާމީ އުންމަތަކީ ﷲ އަށް ފުރިހަމަ ގޮތުގައި އީމާންވާ ކިޔަމަންތެރި ބައެއްގެ ގޮތުގައި ހެއްދެވުމަށް އެކަލޭގެފާނު މަސައްކަތްޕުޅު ކުރެއްވި އެވެ.

ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވެވި މައިގަނޑު ތިން ކަންތަކުގެ ތެރެއިން އެއްކަމަކީ މުހާޖިރުންނާއި އަންޞާރުންގެ މެދުގައި އަޚު ކުރެއްވުމެވެ. މިކަން ވެގެންދިޔައީ މަދީނާގައި އުފެދުނު އިސްލާމީ ދައުލަތުގައި އެއްބައިވަންތަކަން ފުރިހަމައަށް ގާއިމުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށެވެ. ވީއިރު މިއަދު ވެސް މުސްލިމުން އެއްބައިވަންތަވުމަށް އެންމެ މުހިންމު އެއް ކަމެއް ކަމުގައި ވާނީ އަޚުވަންތަކަން ދެމެހެއްޓުމެވެ. އެހެނީ އިސްލާމީ ވަޙުދަތަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ތެރެއިން ހިމެނޭ ކަމަކަށް ވާތީ އެވެ.

ވީމާ މުސްލިމް ޖަމާއަތުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ތައައްސުބެއް އޮވެގެން ނުވާނެ އެވެ. ކުލަ އާއި ޖިންސާއި ބަހާއި ހަސަބާއި މަޒުހަބާއި ޕާޓީއާއި މިއިން އެއްވެސް އެއްޗަކީ އެއަށް ތައައްސުބުވާން ޖެހޭ އެއްޗެއް ނޫނެވެ. ސަބަބަކީ އެހުރިހާ ކަމަކަށްވުރެ މަތީގައި އިސްލާމީ އުޚުއްވަތްތެރިކަން އޮންނާތީ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި ތައައްސުބު ވުމަށް ގޮވާލާ މީހާ އާއި އެކަމަށްޓަކައި ތަޅާފޮޅަން ޖެހުނަސް އެކަމަށް ފަރުވާތެރިވާ މީހާ އާއި އެކަމުގެ މަތީހުރެ މަރުވެދާ މީހަކީ މުސްލިމުންގެ ތެރެއިން ހިމެނޭ ބައެއް ނޫނެވެ. (އަބޫ ދާއޫދު).

މުސްލިމުން ބައިބައިވެ ނުދިއުމަށް ކީރިތި ޤުރުއާނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވެ އެވެ. ކީރިތި ރަސޫލާގެ ނަމޫނާއިން މިކަންކަންވެސް ފެނިގެންދެ އެވެ. މިގޮތުން މުސްލިމުން ބައިބައި ކުރުވަން އަދުއްވުން ރާވާ މަކަރުވެރި ރޭވުންތަކުގެ ތެރެއަށް ނުވަނުމަށް އަންގަވާފައިވެ އެވެ. ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައިވެ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފޮތް ލިބިގެންވާ މީހުންގެ ތެރެއިން ބަޔަކަށް (އެބަހީ އެ ޢަދާވާތްތެރި މީހުންނަށް) ތިޔަބައިމީހުން ކިޔަމަންވާ ނަމަ، ތިޔަބައިމީހުންގެ އީމާންކަމަށްފަހު، ކާފިރުން ކަމުގައި، އެބައިމީހުން ތިޔަބައިމީހުން ރައްދުކޮށްފާނެ އެވެ." (އާލް ޢިމްރާން 100) މި އާޔަތަށް ފަހު ދެން އޮތް އާޔަތުގައި އަންގަވަނީ ﷲ ގެ ރައްކާތެރިކަން ލިބިގެންފި މީހާއަށް ސީދާވެގެންވާ މަގުފެނިއްޖެ ކަމަށެވެ. އެހެންވެ ދެން އޮތް އާޔަތުގައި، ތަޤުވާވެރިވުމަށާއި މުސްލިމުންގެ ގޮތުގައި ތިބެ މެނުވީ މަރުވެގެން ނުދިއުމަށް އެންގެވި އެވެ. އަދި އޭގެ ފަހު އާޔަތުގައި، ﷲ ގެ ރައްކާތެރިކަން އެންމެން އެކުގައި ލިބިގަނެ (އެބަހީ ﷲ އެންގެވި ގޮތުގައި އެންމެން ހިފަހައްޓައި) އަދި ވަކިވަކިވެ ނުދިއުމަށް އަންގަވާފައިވެ އެވެ. މިމޭރުމުން ގޮސް ބައިބައިވުމުގެ ހުރި ގެއްލުމުގެ ވާހަކަވެސް ބަޔާން ކުރައްވާފައިވެ އެވެ. އަދި މިގެއްލުން ބަޔާން ކުރެއްވުމުގެ ކުރިން، "ހެޔޮ ކަންތަކަށް އަމުރު ކޮށް ނުބައިކަންތައް ނަހީކޮށް ހެޔޮކަމުގެ މަގަށް ގޮވައި އުޅޭ ބަޔަކު" އުންމަތުގެ ތެރެއިން ވުމަށް އަންގަވާފައިވެ އެވެ.

މިކަންކަމަށް ފުންކޮށް ވިސްނާލުމުން އެނގިގެން ދަނީ އިސްލާމީ އުންމަތުގެ ވަހުދަތު ހިފަހައްޓާ އެންމެ މުހިންމު ކަމަކީ، އެ އެއްޗެއްގައި އެންމެން ހިފަހައްޓައިގެން ތިބެންޖެހޭ ވަރުގަދަ މަންހަޖެއް އާދެ، މާތް ﷲ ގެ މަންހަޖު، އޮތުމާއި އެމަންހަޖު ތަންފީޒު ކުރެވިގެން ދިއުމެވެ. ވީމާ އެއް މުސްލިމަކު އަނެއް މުސްލިމަކު އެހެން ހައިސިއްޔަތުތަކުން ތަފާތުވިއަސް އިސްލާމީ އުޚުއްވަތްތެރި ކަމުގައި އެއީ ހަމަ އެއްބައެކެވެ. ވީމާ ކީރިތި ރަސޫލާ ﷺ ގެ ނަމޫނާއިން ނަމޫނާ ލިބިގަނެ، އިސްލާމީ އުޚުއްވަތްތެރިކަމާއި އުންމަތުގެ ވަޙުދަތު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހަމަ ކޮންމެ މުސްލިމަކު ވެސް ކުރަންޖެހޭނެ ކަމެކެވެ. އެ މާތް ނަބިއްޔާގެ ޢީދުމީލާދުގެ ހަނދާންތައް އާ ވެގެން އަންނަ މި ދުވަސްކޮޅު މިކަމުގެ އަޒުމް އާލާކުރުން ވަރަށް މުނާސަބުވެގެންވެ އެވެ.