100 ކިލޯ ޑްރަގް މައްސަލަ: ދެ މީހަކު ދޫކޮށްލައި، އަށް މީހަކު ބަންދުގެ މުއްދަތު އިތުރުކޮށްފި
100 ކިލޯ ޑްރަގް މައްސަލަ: ދެ މީހަކު ދޫކޮށްލައި، އަށް މީހަކު ބަންދުގެ މުއްދަތު އިތުރުކޮށްފި

މި ހަފުތާގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި އަށް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށް އަދި އިތުރު ދެ މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 10 ތަނެއް ފާސްކޮށް، އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި 10 މީހަކު ހައްޔަރު ކޮށްފައި ވިޔަސް، އެ މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ. އަދިި އެތަކެތި އަތުލައިގަތީ ކޮން ތަނަކުން ކަމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް އިތުރު ކުރިއިރު، ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްދިން ކަމަށެވެ.

އެކަމަކު ބާކީ ތިބި ދެ މީހުން ބަންދުން ދޫކޮށްލަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނާބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ އަހަރު ވެސް ފުލުހުން ވަނީ 130 ކިލޯގެ މަސްތުވާތަކެތި ވެސް އެއްފަހަރާ އަތުލައިގެންފަ އެވެ. އެކަމަކު މިއީ މިއަހަރު އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފުރަތަމަ ފަހަރެވެ.

މީގެކުރިން ގދ. އަތޮޅުގެ ފަޅު ރަށަކުން 149 ކިލޯ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދައި، ބަޔަކު ހައްޔަރުކުރި އެވެ. އެކަމަކު އެ ތަހުގީގުގައި ފުލުހުން އަމަލު ކޮޮށްފައިވާ ގޮތުން އެކަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ސަލާމަތްވެފަ އެވެ. ބާކީ ހުރި މީހާގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.