ހާޖީ އިމާދުއްދީންގެ ކާފަ ދަރިކަލުން އަހުމަދު އިމާދުއްދީން އަވަހާރަވެއްޖެ
ހާޖީ އިމާދުއްދީންގެ ކާފަ ދަރިކަލުން އަހުމަދު އިމާދުއްދީން އަވަހާރަވެއްޖެ

ރާއްޖޭގައި ނުވަ އަހަރަށް ވުރެ ގިނަ ދުވަހު ރަސްކަން ކުރެއްވި މުހައްމަދު އިމާދުއްދީން (ހާޖީ އިމާދުއްދީން)ގެ ކާފަ ދަރިކަލެއް ކަމަށްވާ އަހުމަދު އިމާދުއްދީން ރޭ ފަތިހު ގަތަރުގައި އަވަހާރަވެއްޖެ އެވެ.

އަހުމަދު އިމާދުއްދީން އަކީ ގަތަރުގެ ދޯހާގައި ދިރިއުޅުއްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވާތާ 35 އަހަރު ވެއްޖެ އެވެ. އެކަމަކު އަވަހާރަވިއިރު ވެސް ގެންގުޅުއްވީ ދިވެހި ޕާސްޕޯޓެކެވެ.

އަހުމަދު އިމާދުއްދީންގެ އާއިލާއިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގެން ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ގެންދަވަނިކޮށް ރޭ ފަތިހު ދޯހާ ގަޑިން 3:30 (މާލޭގަޑިން 5:30) ގައި ކަމަށެވެ.

އުމުރުފުޅުން 71 އަހަރުގައި އަހުމަދު އިމާދުއްދީން އަވަހާރަވިއިރު 12 ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. އެއީ ހަ އަންހެން ބޭފުޅަކާއި ހަ ފިރިހެން ބޭފުޅެކެވެ.

އަހުމަދު އިމާދުއްދީންގެ ބައްޕާފުޅަކީ ހާޖީ އިމާދުއްދީންގެ ދަރިކަލުން އިސްމާއިލް އިމާދުއްދީން އެވެ. އަހުމަދު އިމާދުއްދީންއާ އެއްބަނޑުއެއްބަފާ ބޭފުޅެއް ކަމަށް ވާ އަހުލާމް ދުނިޔޭގައި އެބަ ހުންނެވި އެވެ. އެ ބޭފުޅާ ދިރިއުޅުއްވަނީ މިސްރުގަ އެވެ.

ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ވަހީދުއްދީން އަކީ ހާޖީ އިމާދުއްދީންގެ ދަރިކަލުން އަބްދުﷲ އިމާދުއްދީންގެ ބޭފުޅެކެވެ.

ހާޖީ އިމާދުއްދީން ރާއްޖޭގެ ރަސްކަންކުރެއްވީ 1893 އިން 1902 ވަނަ އަހަރާ ހަމަޔަށެވެ. އެ ރަސްގެފާނުގެ ވެރިކަން ނިމުނީ މިސްރުގެ އަންހެން ބޭފުޅެއް ކަމަށްވާ ޝަރީފާ ހާނިމްއާ ކައިވެނި ބައްލަވައިގަތުމަށް އެ ގައުމަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

އެމަނިކުފާނު އަވަހާރަވީ ރާއްޖެ ވަޑައިނުގެން ގާހިރާގައި ދިރިއުޅުއްވަމުން ގެންދަވަނިކޮށް ސެޕްޓެމްބަރު 30، 1932ގަ އެވެ.

މިހާރު ސަލްޓަން ޕާކްގައި ހުރި އުސް ގެކޮޅަކީ، ޝަރީފާއާ ކައިވެނި ބައްލަވައިގެން، އެކަމަނާ މާލޭގައި އުޅުއްވަން ހެއްދެވި ތަނެއް ކަމަށް، ތާރީހީ މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނެ އެވެ.