15 އޮކްޓޯބަރ 2021 - 12:13

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރަށް ވީނުވީއެއް ނޭނގިގެން އާއިލާއިން ކައުންސިލަށް އެންގުމުން އޭނާ ހޯދަން ނުކުތީ ވެސް މުޅި ރަށުގެ ރައްޔިތުންނެވެ. އަނިޔާވެރިކޮށް މަހުމޫދު މަރާލައި އެއްލާލާފައި އޮއްވާ ފެނުމުން އޭނާގެ ހައްގުގައި، ގާތިލުން ކަމަށް ތުހުމަތު ކުރެވޭ މީހުން ރަށުން ބާލަން އުޅުނީ ވެސް ހަމަ އާންމު ރައްޔިތުންނެވެ.

އެންމެން ވެސް ދައްކަނީ އެއް ވާހަކަ އެވެ. މި ރަށަކީ މިކަހަލަަ ކުށްތައް ދަންނަ ރަށެއް ނޫނެވެ. ހަގީގަތަކީ މިއީ މި ރަށު ބަޔަކު ކުރި ކަމެއް ވެސް ނޫން މެ އެވެ. މިއީ ކުށުގެ ވެށިން، ރަށަށް އައި ބަޔަކު ހިންގި ޖަރީމާއެކެވެ. އެކަމުން ރަށަށް ހުތުރު ނަމެއް ލިބޭކަށް އެ މީހުން ނޭދެ އެވެ.

މި ރަށުގައި ތިބި އެންމެ ދުވަސްވީ މީހުން ވެސް ބުނަނީ އެ މީހުންގެ ހަޔާތުގައި ވެސް މިފަދަ ކަމެއް ދިމާވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިވަރުގެ ބޮޑު އެހެން ކުށެއް ވެސް މީގެ ކުރިން މި ރަށުގައި ނުކުރެ އެވެ.

"އަހަރެންގެ އުމުރުން 66 އަހަރު މިވަނީ. ދުވަހަކު ވެސް މިކަހަލަ ކަމެއް ދިމައެއް ނުވޭ،" މަހުމޫދުގެ ހަށިގަނޑު ބާއްވާފައި އޮތް ހިނަވާގެ ކައިރީގައި މަޑުކޮށްލައިން އިން މީހަކު ބުންޏެވެ.

ގެސްޓް ހައުސް ވިޔަފާރި ފުޅާ މި ރަށު ރައްޔިތުންނަކީ ނިކަން އެއްބައިވަންތަ ބައެކެވެ. އެކަން އެންމެ ބޮޑަށް މި ފެނުނީ ވެސް، ހަޔާތުގައި ދިމާނުވާ ވަރުގެ މިކަހަލަ ބޮޑުކަމެއްގެ ތެރެއިންނެވެ.

މަހުމޫދު ގެއްލިގެން އުޅޭ ކަމަށް ކައުންސިލަށް ރިޕޯޓު ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފެށީ އިއްޔެ ހެނދުނު 10:00ގަ އެވެ. އޭނާ ހޯދަން އުޅޭކަން ކައުންސިލުން ރައްޔިތުންނަށް އެންގީ އަޑުގަދަކުރާ ބޭނުންކޮށްގެންނާއި ވައިބާ ގްރޫޕުތަކަށް މެސެޖުކޮށްގެންވެ.

ކައުންސިލުގެ އެދުމަށް އިޖާބަދީ ގިނަ ބަޔަކު މަހުމޫދު ހޯދަން ނުކުތެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރީ ހަތަރު ގްރޫޕަކަށް މީހުން ބަހާލައިގެންނެވެ. އެ މީހުން ރަށުގެ އެކި ތަންތަން އަތްފުނާ އަޅައި ބަލަމުން ދިޔަ އެވެ.

ދަނގެތީ ކައުންސިލުގެ ޒިންމާދާރު ވެރިޔާ އަލީ ވަހީދު ވިދާޅުވި ގޮތުގައި މިއީ އަބަދު ވެސް އެ ރަށުގައި މީހުންގެ އޮންނަ އެއްބައިވަންތަ ކަމެވެ. ރަށުގެ ކަމެއްގައި ވިއްޔާ އެންމެ ވެސް އުޅޭނީ ގުޅިގެންނެވެ. މިކަމުގައި ވެސް ވަކި ތަފާތެއް ނެތެވެ.

ބޯކޮޅާއި ދެ ފައިގައި ގޯނި އައްސައި ބޯ ވަތަށް ވަޅަކަށް އެއްލާލާފައި އޮއްވާ މަހުމޫދު ފެނުނީ އޭނާ ހޯދަން ނުކުމެ އުޅުނު އަންހެނުންތަކަކަށެވެ. ފަޅު ގޯއްޗެއްގައި ހުރި އެ ވަޅުން އޭނާ ފެނުމުން އެ މީހުން ރޮއި ހަޅޭއްލަވައިގަތް އަޑަށް އިތުރު މީހުން އެތަނަށް އެއްވި އެވެ.

ގިނަ ބަޔަކު އެތަނަށް އެއްވެ، އޭނާއާ މެދު ކަންތައް ކޮށްފައި އޮތް އިހާނެތިކަން ފެނިފައި އޭނާގެ ހަށިގަނޑު ވަޅުން ނަގަން ވެސް ބޭނުންވި އެވެ. އެކަމަކު، ރަށުގައި ތިބި ތިން ފުލުހުން ބުނީ ފޮރެންސިކް ޓީމް އަންނަންދެން ހަށިގަނޑު ވަޅުން ނުނެގޭނެ ކަމަށެވެ،

މަހުމޫދުގެ ހަށިގަނޑު އޮތް ގޮތް ފެނިފައި ކެތް ނުވެގެން އެތަނުގައި ތިބި މީހުން ރުޅިގަދަވި އެވެ. އަދި އެންމެ ފަހުން ލެއަށް ވެފައިވާ އެ ވަޅުގެ ތެރެއަށް ދެ މީހަކު ފައިބައި، ގައިދަށަށް ބެޑްޝީޓް ލައްވައި އޭނާގެ ހަށިގަނޑު ވަޅުން ނެގީ އެވެ.

އޭނާގެ މޫނު ބަލަން އާއިލާގެ މީހުންނާއި ދުވަސްވީ ރަހުމަތްތެރިންނާއި ރަށުގެ ރައްޔިތުން އެއްވީ ރަށުގެ ހުޅަނގު ފަރާތުގައި ހުންނަ މިސްކިތުގެ ހިނަވާ ކޮޓަރި ކައިރިއަށެވެ. ހަށިގަނޑު ބާއްވާފައި އޮތީ އެތަނުގަ އެވެ.
އެންމެ ފަހުން ވަކި ހިސާބަކުން އާއިލާގެ މީހުން އެކަނި މޫނު ދައްކަން ވެއްދި އެވެ. ފަހަރަކު މީހަކު ވަދެފައި ނުކުންނަމުން ދިޔައީ ހިތްފަޅައިގެން ގޮސްގެންނެވެ. ރޮމުންރޮމުން އެ މީހުން ދިޔަ އިރު ގާތުގައި ހިތްވަރު ދޭނެ މީހުން ތިއްބެވެ.
ރަށުން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި މީހަކު މަރުވެގެން ވަޅުލަންދެން އާއިލާގެ މީހުން އެކަމުގައި އެއްވެސް ވަރަކަށް އުޅެން ނުޖެހޭ ވަރަށް ރަށުގެ އެހެން ރައްޔިތުން އެކަމުގައި އުޅެދޭނެ އެވެ. ސަންދޯއް ޖަހައިދީ ކަންތައްތައް ކުރާނީ ވެސް ރަށުގެ ރައްޔިތުންނެވެ. ހިތާމައާ ކުރިމަތިލާން ޖެހިފައިވާ އާއިލާއިން އެންމެ ލާރިއެއް ވެސް ހޭދަ ކުރާކަށް ނުޖެހޭނެ އެވެ.
އާންމުން ތިބީ މަހުމޫދުގެ އާއިލާ އަށް ދިމާވި މި ދަތި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދޭށެވެ.
އެންމެން ހިނަވާގެ ކައިރީގައި އެއްވެ ތިބި އިރު ހެޔޮ އެދޭ ފަރާތްތަކުން މަގުމަތީގައި މޭޒު ޖަހައި ކާބޯތަކެތި ވެސް ގެނެސްދިނެވެ. އެންމެން މަގުމަތީގައި ތިބެ އެކީގައި ކައި ބޮއި ހެދި އެވެ.
ހިނަވާ ކޮޓަރީގެ ބޭރުގައި ތިބީ އާއިލާ މީހުން އެކަންޏެއް ނޫނެވެ. ހެޔޮ އެދޭ އެތައް ބަޔަކު ނިދި ނަގާލާފައި އެތަނުގައި ތިއްބެވެ.
ފުލުހުން ބޭނުންވީ ޓެސްޓު ހަދަން މަހުމޫދުގެ ހަށިގަނޑު މާލެ ގެންދާށެވެ. އެކަމަކު، އާއިލާއިން އެގޮތް ބޭނުމެއް ނުވި އެވެ. ބޭނުންވީ ވަޅުލައި ޖަނާޒާ ބާއްވާށެވެ. އެކަމަކު އެންމެ ފަހުން އާއިލާއިން އެއްބަސްވުމުން ހަށިގަނޑާއެކު ފުލުހުން މާލެ ދިޔައީ އެވެ. މިއަދު ވަޅުލަން އަނބުރާ ފޮނުވާލާ ގޮތަށެވެ.
ދަނގެތީގެ ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި މަހުމޫދު މަރާލީ ތޮއްޑޫން އެ ރަށަށް އައިސްގެން އުޅޭ ދެ މީހަކު ވެގެން ކަމަށް ބެލެވެ އެވެ. އެ މީހުންނަކީ ޑްރަގް ވިޔަފާރި އާއި މާރާމާރީ ފަދަ ކުށްތަކާ ހެދި ތޮއްޑޫގެ ބަޔަކު ނުކުމެ އަނިޔާކޮށް އެ ރަށުން ބާލާފައި ތިބި ދެ މީހުންނެވެ. އެ މީހުން ދަނގެތީގައި އުޅެނީ އޭގެ ތެރެއިން އެކަކުގެ ބައްޕައަކީ ދަނގެތީ މީހަކަށް ވާތީ އެވެ. އެ މީހުން ރަށަށް އައީ މީގެ ތިން ވަރަކަށް މަސް ކުރިންނެވެ.
ދަނގެތީގައި ޑްރަގް ބޭނުން ކުރާ މަދު ބަޔަކު ކުދިކުދި ކުށްތައް ކުރިޔަސް، އެ ރަށުގައި މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދޭނެ މީހަކު އުޅޭނެ ކަމަށް އެ ރަށުން ވާހަކަ ދެއްކި އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ. އެއީ އެންމެނަށް އެކަކު އަނެކަކު ވަރަށް ރަނގަޅަށް އެނގިފައި، ގާތްވީމަ އެވެ. އެންމެންގެ ތުހުމަތު ވެސް އަމާޒު ވަނީ ތޮއްޑޫން އައި ދެ މީހުންނަށެވެ.
"ވައްކަން ކުރޭ. އެކަމަކު މީހަކަށް އަނިޔާއެއް ދޭނެ މީހަކު މި ރަށަކު ނޫޅޭނެ،" ދަނގެތީ ކައުންސިލުގެ ނައިބު ރައީސް އިމްރާން އަހުމަދު ވިދާޅުވި އެވެ.
އެންމެންގެ ވެސް ތުހުމަތުގެ އިނގިލިތައް އަމާޒުވަނީ ތޮއްޑޫން އައިސް ތިބި ދެ މީހުންނަށެވެ. އެކަން ކުރީ އެ މީހުން ކަމަށް ރަށުގެ ރައްޔިތުން ޔަގީނާ ގާތަށް ބުނެ އެވެ. އެ ދެމީހުންނަށް އެކަމާ ހެދި ހަމަލާ ވެސް ދިން އިރު އެ މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
މި ފަހުން މި ނޫނީ މި ރަށުގައި ހިންގާފައިވާ އެންމެ ބޮޑު ދެ ކުށަކީ ރޯދަ މަހު މިސްކިތެއްގައި ބެހެއްޓި ފަންޑު ފޮއްޓެއް ވަގަށް ނެގުމާއި ފިހާރައެއް ފަޅާލައި އެތަނުން ވައްކަން ކުރަން އުޅުމެވެ.
ވައްކަން ކުރަން މަސައްކަތް ކުރި ފިހާރައަކީ މަހުމޫދުގެ އާއިލީ މީހެއްގެ ފިހާރައެކެވެ. އެ ފިހާރަ އަށް ވަނީ ބިއްލޫރިގަނޑެއް ވަށްކޮށް ކަފާލައި، އެބައި ތަޅާލައިގެންނެވެ. އަދި އެތެރެއަށް ވަން މީހާ ހުރީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ޕީޕީއީ ލައި ކާކުކަން ނޭނގޭ ގޮތަށެވެ. ނަމަވެސް، އޭނާ އެއްވެސް އެއްޗެއް ވަގަށް ނަގައި ކުއްލިއަކަށް ދުވެ ނުކުމެގެން ދިޔައީ އެވެ.
އެ ފިހާރަ ފަޅާލާފައި ވަނީ އެ ރަށުގައި އުޅޭ މީހުންނަށް ވުރެ މާ ކަންކަން ދަންނަ ތަޖުރިބާ ހުރި ދެ މީހަކު ކަމަށް ފިހާރައިގެ ވެރިފަރާތުން ވެސް ބުންޏެވެ. އޭނާގެ ތުހުމަތަކީ އެއީ ތޮއްޑޫއިން އައި ދެ މީހުން ކަމަށެވެ. އެ ނޫނީ އެ ފެންވަރުގައި އެކަން ކުރަން އެނގޭނެ ބަޔަކު 500 އެއްހާ މީހުން ދިރިއުޅޭ ދަނގެތީގައި ނެތް ކަމަށް އޭނާ ބުނެ އެވެ.
މަހުމޫދަކީ ކެފޭއެއް ހިންގާ ދެ ޑައިވިން ދޯނި ވެސް ގެންގުޅުނު މީހެކެވެ. އަދި އޭނާ އަކީ ރަށަށް ގަނޑުކޮށް ކާޑުގެ ބާވަތްތައް ވެސް އެތެރެކޮށް ވިއްކުމުގެ އިތުރުން ކައްކަން ބޭނުން ކުރާ ގޭސްފުޅި ވެސް ވިއްކި މީހެކެވެ. މަހުމޫދުގެ ރަހުމަތްތެރިން ބުނާ ގޮތުގައި އޭނާ ކުރާ ވިޔަފާރީގެ ގޮތުން އަބަދުވެސް އަތުގައި އެތައް ހާސް ރުފިޔާ ގެންގުޅެ އެވެ. އެއީ ނުރައްކާ ކަމެއް ކަމަށް ބުނެ އޭނާގެ ރަހުމަތްތެރިން އޭނާ ގާތުގައި އެ ވާހަކަ ދެއްކިޔަސް، މަހުމޫދު ހާސް ކަމެއް ނެތި އުޅުނީ ދަނގެއްޗަކީ އަމާން ރަށެއް ކަމުންނެވެ.