14 އޮކްޓޯބަރ 2021 - 14:33

އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން އިންޑިއާއި އެކު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ހިމެނޭ ގޮތުން، ރާއްޖެ އާއި އިންޑިއާއިން ސޮއިކޮށްފައިވާ ދިފާއީ ގިނަ އެއްބަސްވުންތަކެއްގެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން މަސައްކަތް ފަަށައިފި އެވެ.
މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުން ހިމެނޭ ގޮތުން، ރާއްޖެއިން އިންޑިއާ އާ އެކު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކާ ބެހޭ މައުލޫމާތު ހޯދަން ކޮމިޓީން މިހާރު މަސައްކަތް ފަށައިފައިވާ ކަމަށެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި އެ މައްސަލަ ދިރާސާކުރަމަށް ޑިފެންސް މިނިސްޓްރީއާ އެކު ކުރަން ޖެހޭ މުއާމަލާތްތައް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޔޫޓީއެފް އެއްބަސްވުން އެކަންޏެއް ނޫން، މާފިލާފުށީ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގެ އެއްބަސްވުމާާއި ޑޯނިއާ މަތިންދާބޯޓްގެ އެއްބަސްވުމާ، 2016 ވަނަ އަހަރުން ފެށިގެން [އިންޑިއާއާ އެކު] ސޮއިކޮށްފައިވާ ދިފާއީ އެހެން އެއްބަސްވުންތަކުގެ މައުލޫމާތު ވެސް ހޯދާ ގޮތަށް އޮތީ،" އަސްލަމް ވިދާޅުވި އެވެ.
އެ އެއްބަސްވުންތައް ހޯދަން، ކޮމިޓީން ރަސްމީކޮށް ހުށަހަޅާފައިވާނެތޯ ދެންނެވުމުން އަސްލަމް ވިދާޅުވީ "ލިޔެކިއުމުން މުއާމަލާތްތައް ކޮށްފައިވާ" ކަމަށެވެ. އެއްބަސްވުންތައް ކޮމިޓީއާ ހިއްސާކުރަން އެދިފައިވާކަން ނުވަތަ ނޫންކަން އޭނާ ސާފުކޮށް ވިދާޅެއް ނުވެ އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އެއްބަސްވުންތަކުގެ މައުލޫމާތު ހޯދަން އެދި އާދަަމް ޝަރީފް ހުށަހެޅުއްވި މައްސަަލަައާ މެދު މަޝްވަރާކުރަން 241 ކޮމިޓީން އަންނަ ހަފްތާގައި ބައްދަލުވުންތައް ބާއްވާނެ އެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދޭނެކަން އިއުލާނުކުރެއްވީ މިދިޔަ އަންގާރަދުވަހު ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިދިޔަ މަހު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ރާއްޖެ އާއި އިންޑިއާ އަކީ ރަހުމަތްތެރި ދެ ގައުމަށް ވާއިރު، ދެ ގައުމުގެ ދެމެދުގައި އޮންނަން ޖެހޭ އިތުބާރާއި އެކުވެރިކަމަށް ބުރޫ އަރާ ފަދަ ކަންކަން ވުމަކީ ގައުމުގެ ރައްޔިތުންނާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާނެ ކަންކަން ކަމަށެވެ.
އެހެންވެ ގައުމީ ސަލާމަތާއި މިނިވަންކަމަށް ނުރައްކާވާ ފަދަ ކަމެއް ނެތްކަން ކަށަވަރު ކުރުމަށް، އެ އެއްބަސްވުމުގެ އަސްލު ހޯދައި 241 ކޮމިޓީން އެ ދިރާސާ ކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.