14 އޮކްޓޯބަރ 2021 - 17:04

މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ހުމާއި ރޯގާ ވަރަށް ހަލުވިކަމާ އެކު ފެތުރެން ފަށާފައިވާއިރު ރޯގާގެ އަލާމާތްތައް ފެނިގެން ދުވާލަކު ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު 100 އިން މަތި ކަމަށް އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ހުން އައުން، ރޯގާ، އަދި ކެއްސުންް ފަދަ އަލާމާތްތައް ފެންނަ މީހުން އިތުރުވެ އައިޖީއެމްއެޗުން ފްލޫ ކްލިނިކެއް ހުޅުވައި ހިދުމަތްދޭން ފެށީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް އެތަނުން ހިދުމަތް ދެމުން އަންނައިރު މި މަހުގެ 5 އިން ފެށިގެން މިިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އެ ކްލިނިކަށް 1،000 މީހަކު ދައްކާފައިވެ އެވެ.
އައިޖީއެމްއެޗުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، ކޮންމެ ދުވަހަކު ވެސް 100 އަށް ވުރެ ގިނަ މީހުން ރޯގާގެ އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދައްކަ އެވެ. އެންމެ ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކީ މި މަހުގެ 6 ވަނަ ދުވަހު އެވެ. އެ ދުވަހު 147 މީހަކު ޑޮކްޓަރަށް ދެއްކި އެވެ.
ރޯގާ ޖެހިގެން ގިނައިން ދައްކަނީ ދިވެހިންނެވެ.
މިދިޔަ ތިން މަހުގެ ތެރޭގައި ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އެހެންވެ އެ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އެ އެޖެންސީން ވަނީ އެދިފަ އެވެ.
މިހާރު މިފެތުރޭ ރޯގާގައި، ކެއްސުމާއި ގައިގައި ރިއްސައި އަދި ވަރަށް ބޮޑަށް ވަރުބަލިވެ އެވެ.