ޓީބިލް ވިއްކި އަދަދު 28 ބިލިއަން ރުފިޔާއަށް އަރައިފި
ޓީބިލް ވިއްކި އަދަދު 28 ބިލިއަން ރުފިޔާއަށް އަރައިފި

މި އަހަރުގެ މިހާތަނަށް ޓީބިލް ވިއްކި އަދަދު 28 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ވިއްކި ޓީބިލާއި ބޮންޑާއި ސުކޫކުގެ އަދަދު 56 ބިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ ތެރެއިން ރާއްޖޭގައި ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު 46 ބިލިއަން ރުފިޔާ އަރަ އެވެ.

އިސްލާމިކް އިންސްޓްރޫމަންޓް އިޝޫކޮށްފައިވާ އަދަދު 700 މިލިއަން ރުފިޔާއަށް އަރަ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހަތަރު ވައްތަރެއްގެ ޓީބިލު އަންނަނީ ވިއްކަމުންނެވެ. އެއީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ. އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުވާ މިންވަރަކަށް އިންޓަރެސްޓް ރޭޓް ދާނީ ބޮޑުވަމުންނެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން، އެއް މަހުގެ މުއްދަތަށް ދޫކުރި ޓީބިލްގެ އަދަދު 632 މިލިއަން ރުފިޔާ އަށް އެރި އެވެ. ތިން މަހުގެ މުއްދަތަށް ވިއްކި ޓީބިލްގެ އަދަދު 240 މިލިއަން ރުފިޔާ އަށް އަރަ އެވެ. މީގެ އިތުރުން ހަ މަހަށް ދޫކޮށްފައިވާ ޓީބިލްގެ އަދަދު 205 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެއް އަހަރަށް ދޫކުރި ޓީބިލްގެ އަދަދު 900 މިލިއަން ރުފިޔާ ލިބޭނެ އެވެ.

އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް ވިއްކުމަށް ހަފްތާއަކު އެއް ފަހަރު ހުޅުވާލަ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ. މީގެ ތެރޭގައި މަޝްހޫރު ޗަމްޕާ ބްރަދާސްގެ ހިއްސާ އޮންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ޔުނިވާސަލްގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެސް ސަރުކާރުން ވިއްކާ ޓީބިލަށް އިންވެސްޓް ކުރެ އެވެ.