ހުޅުމާލޭގައި އިސްރަށްވެހިންނަށް ބާއްވާ ހަރަކާތް ހޮނިހިރު ދުވަހު
ހުޅުމާލޭގައި އިސްރަށްވެހިންނަށް ބާއްވާ ހަރަކާތް ހޮނިހިރު ދުވަހު

މިދިޔަ ހަފްތާ ބަންދުގައި ބާއްވަން އުޅުނު އިސްރަށްވެހިންގެ ދުވަހުގެ ހަރަކާތްތައް ވިއްސާރަވުމުގެ ސަބަބުން ފަސްކުރުމަށް ފަހު އަންނަ ހޮނިހިރު ދުވަހު ބާއްވަން އެޗްޑީސީން ނިންމައިފި އެވެ.

ހުޅުމާލޭގައި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މި ހަރަކާތްތައް ކުރިއަށް ގެންދާނީ އެޗްޑީސީ އާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އަދި ދިރާގާ ގުޅިގެންނެވެ. ރުއްގަނޑު 1 ގައި މި ހަރަކާތްތައް ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 6:30 އިން 8:30 އަށެވެ.

މި ހަރަކާތްތަކުގައި ބައިވެރިވާން ބޭނުން ނަމަ 7924392 އަށް ގުޅައި، އެޗްޑީސީގައި ރަޖިސްޓްރީވާން ޖެހޭނެ އެވެ.

އެ ހަރަކާތުގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ރައްޓެހިންގެ ގްރޫޕްތަކާ އެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމުތަކާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއަޅާ ގިނަ މައުލޫމާތުތަކެއް ދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެ މީހުންގެ ހަކުރު އަދި ލޭގެ ޕްރެޝަރު ބަލައިލުން ފަދަ ހިދުމަތްތައް ވެސް އެ ދުވަހު ލިބޭނެ އެވެ.

މި އަހަރު އިސްރަށްވެހިންގެ ދުވަހުގެ ތީމަކީ "ޑިޖިޓަލް އެކުއިޓީ ފޯ އޯލް އޭޖަސް" އެވެ. އެ ތީމާ ގުޅުވައިގެން ދިރާގުން ގިނަ ހިދުމަތްތަކެއް ވެސް ކުރިއަށްދިއުމަށް ހަމަޖެހިފައިވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ހިދުމަތްތައް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޑިޖިޓަލް އާލާތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުވުމާއި މައުނަވީ ގޮތެއްގައި ބައިވެރިވުމަށް ބާރު އެޅުމާ އެކު ހޭލުންތެރިކަން އިތުރު ކުރުމެވެ.