13 އޮކްޓޯބަރ 2021 - 18:19

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްއާ ވާދަކޮށް ފަހު ވަގުތު 1-1 އިން އެއްވަރުކޮށްގެން ނޭޕާލް މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.
ބަންގްލަދޭޝް މިއަދުގެ މެޗު ފެށީ ފުރަތަމަ ތިން މެޗުގައި ވެސް މޮޅަށް ކުޅުނު އެޓީމުގެ ޒުވާން ލެފްޓް ބެކް ޔާސިން އަރަފާތް ނުލައެވެ. ދެ ރީނދޫ ކާޑު ހަމަަވެގެން ޔާސިން ސަސްޕެންޝަނުގައި ހުރިއިރު، އެ މަގާމަށް ކުޅުނީ ކޯޗު އޮސްކާ ބުރުޒޯން މިމުބާރާތުގައި ސެންޓަ ބެކެއް ގޮތުގައި ކުޅުވި ތާރިގް ކާޒީ އެވެ.
ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބަންގްލަދޭޝް ލީޑު ނެގީ މެޗުގެ ނުވަވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުން ކެޕްޓަން ޖަމާލް ބުޔާން ނަގައިދިން ބޯޅަަ ސުމޮން ރެޒާ ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.
ބަންގްލަދޭޝްގެ ލަނޑަށް ފަހު ނޭޕާލުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. ނަމަވެސް ނޭޕާލްގެ އަޔުޝް ގަލަން އާއި ރޯހިތު ޗާންދަށް ލިބުނު ހުސް ފުރުސަތުތައް ވަނީ ގޯލާ އަމާޒު ކޮށްލެވޭ ގޮތް ނުވެފަ އެވެ.
ދެވަނަ ހާފް ނޭޕާލުން ފެށީ ފުރަތަމަ ހާފަށް ވުރެން ވަރުގަދަކޮށެވެ. މި ހާފުގެ ގިނަ ވަގުތު ބަންގްލަދޭޝްގެ މުޅި ޓީމުހެން ކުޅުނީ ފަހަތަށް ފައިބައިގެންނެވެ. ނޭޕާލުން މެޗުގެ 54 ވަނަ މިނިޓުގައި ނަތީޖާ އެއްވަރުކުރުމާ ގާތަށް ދިޔަ ނަމަވެސް އަޔުޝް ގަލަން ބޮލުން ޖެއްސި ބޯޅައެއް ބަންގްލަދޭޝްގެ ކީޕަރު އަނީސުރް ރަހްމާން ޒީކޯ އަތުގައި ޖެހިފައި ގޯލު ކުރިމައްޗަށް ވެއްޓެން ދިޔަ ބޯޅަ ސާފުކޮށްލީ ޓޮޕޫ ބާރްމަން އެވެ. އޭގެ ފަހުން އަންޖަން ބިސްތާ ފޮނުވާލި ބާރު ހަމަލާއެއް ގޯލު ކުރިމަތިން ހުރަސްވެގެން ދިޔައިރު، ގޯތަމް ޝްރެސްތާ އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ ސުމަން ލާމާ ބޮލުން ފޮނުވާލުމުން ދިޔައީ ދަަނޑި ކައިރިން ބޭރަށެވެ.
ނޭޕާލުން ގިނަވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ބަންގްލަދޭޝް އަށް މި ހާފުގައި ލީޑު ފުޅާކުރަން ވަނީ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފަ އެވެ. ސާދު އުއްލާ ހުރަސްކޮށްލި ބޯޅައެއް މުހައްމަދު އިބްރާހިމް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު ސުމަން ރެޒާ ހުސްކޮށް ހުރެ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ވެސް ދިފާއުކުރީ ނޭޕާލްގެ ކެޕްޓަން އަދި ގޯލްކީޕަރު ކިރަން ޝެމްޝޮންގެ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށް ބަންގްލަދޭޝްގެ ކީޕަރު ޒީކޯ ކުރި ކުށަކާ ގުޅިގެން ރަތް ކާޑު ދެއްކުމުން އެޓީމުން ބާކީ ވަގުތު ފުރިހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. ޒީކޯ އަށް ރަތް ކާޑު ދެއްކީ އޭރިއާ ބޭރުން ނޭޕާލްގެ އަންޖަން ބިސްތާ އަށް ބޯޅަ ލިބުމުގެ ކުރިން ޒީކޯ އަތުން ބޯޅަ ކޮންޓްރޯލް ކުރުމުންނެވެ.
ނޭޕާލުން އެއްވަރުކުރީ 87 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އަންޖުން ބިސްތާ އެވެ. ނޭޕާލުން ނަތީޖާ އެއްވަރުކުރުމާ އެކު ދަނޑަށް ކުޅިބަލަން ވަދެ ތިބި 200 އެއްހާ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ.
މެޗަށް ފަހު ބަންގްލަދޭޝްގެ ކުޅުންތެރިން ވަނީ ރެފްރީންގެ ނިންމުމާ ވަރަށް ބޮޑަށް ދެކޮޅު ހަދައި ރެފްރީން ވަށާލައި، ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފަ އެވެ. ކުޅުންތެރިން ދުރުކުރަން ޖެހުނީ ފުލުހުން ދަނޑަށް އަރައިގެންނެވެ. އަދި ބަންގްލަދޭޝްގެ ސަޕޯޓަރުން ކޮންޓްރޯލް ކުރަން ވެސް ފުލުހުން ހަރަކާތްތެރިވާން ޖެހުނެވެ.
މިއީ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ނޭޕާލް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ފައިނަލުގައި ނޭޕާލް ވާދަކުރާނެ ޓީމެއް އެނގޭނީ މިރޭ 9 ޖަހާއިރު ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރާ މެޗަށް ފަހު އެވެ.