"ޑިޖިޓަލް ޑިވައިޑް" ގެ ގެއްލުން ބޮޑީ އަންހެންކުދިންނަށް: ޝާހިދު
"ޑިޖިޓަލް ޑިވައިޑް" ގެ ގެއްލުން ބޮޑީ އަންހެންކުދިންނަށް: ޝާހިދު

ދުނިޔޭގައި މިހާރު އޮތް ނަހަމަކަމުގެ އާ ވައްތަރަކީ ޓެކްނޮލޮޖީ ބޭނުންކުރުުމުގެ ފުރުސަތު ލިބުމުގައި އޮތް ތަފާތުކަން ނުވަތަ "ޑިޖިޓަލް ޑިވައިޑް" ކަމަށާއި އެކަން އެންމެ ބޮޑަށް ކުރިމަތިވަނީ އަންހެންކުދިންނަށް ކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެންކުދިންގެ ދުވަހުގެ މުނާސަބާގައި މިއަދު އާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ފުރުސަތު ލިބުމުގައި ޖެންޑާގެ ތަފާތު ފުންކޮށް އެބަ އޮތް ކަމަށެވެ. އިންޓަނެޓާއި ޓެކްނޮލޮޖީގެ އެހެން ވަސީލަތްތައް އަންހެންކުދިންނަށް ލިބޭ ވަރު ފިރިހެން ކުދިންނަށް ވުރެ ކުޑަކަމަށް އޭނާ ވިދާޅުވި އެވެ. އެ ތަފާތު ނައްތައިލަން މަސައްކަތްކުރަން އޭނާ ގައުމުތަކަށް ގޮވައިލެއްވި އެވެ.

"ކޮބައިތޯ އެ ކުދިންނަށް އައި ހަތަރު ވަނަ އިންޑަސްޓްރިއަލް ރިވޮލިއުޝަން،" ޝާހިދު ސުވާލުކުރެއްވި އެވެ.

"ފޯތު އިންޑަސްޓްރިއަލް ރިވޮލިއުޝަން" އަކީ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އިންޓަނެޓްގެ ދާއިރާއިން ދުނިޔެއަށް މިހާރު އައިސްފައިވާ ބޮޑު ކުރިއެރުމަށް ދީފައިވާ ނަމެކެވެ. ޝާހިދު ފާޅުކުރެއްވީ އެ ކުރިއެރުމުގެ މަންފާ އަންހެންކުދިންނަށް ނުކުރާ ކަމުގެ ކަންބޮޑުވުމެވެ.

ޝާހިދު ވިދާޅުވިގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ހެދި މިދިޔަ އެތައް މިލިއަން ކުދިންނަކަށް ކްލާސްތަކަށް ހާޒިރުނުވެވުނު އިރު އެންމެން މަސައްކަތްކުރީ ވީޑިއޯ އެޕްތައް ބޭނުންކުރާނެ ގޮތާއި ޑިޖިޓަލް ކްލާހެއްގައި ސަމާލުކަންދޭނެ ގޮތް ދަސްކޮށްދިނުމަށެވެ.

"އެކަމަކު އެތައް މިލިޔަން އަންހެންކުދިންނަކަށް ޑިޖިޓަލް ޓެކްނޮލޮޖީއަށް އެއްގޮތަކަށް ވާސިލުނުވެވުނު ކުދިންގެ ކަންތައްް ކޮބައިތޯ؟ އެއީ ފޯނެއް، ކޮމްޕިއުޓަރެއް އިންޓަނެޓެއް އަދި އެންމެ ބޮޑަށް ބެލެވޭ ގޮތުގައި ކަރަންޓް ވެސް ނުލިބޭ ކުދިން. އެކުދިންނަށް އޭރު ކޮންތާކުންތޯ ތައުލީމެއް ލިބެން އޮތީ؟" ޝާހިދު ސުވާލުކުރެއްވި އެވެ.

އޭނާ ވިދާޅުވީ ޓެކްނޮލޮޖީ ބޭނުންކުރަން ފުރުސަތު ލިބުމުގައި އޮންނަ އެ ތަފާތުގެ ސަބަބުން، އަަލަށް އުފެދި ކުރިއަރަމުން އަންނަ ދާއިރާތަކުން ކުރިއަށް ދާން އަންހެންކުދިންނަށް ހުރަސްއެޅިފައިވާ ކަމަށެވެ. އުމުރުން 25 އަހަރުން ދަށުގެ 2.2 ބިލިޔަން މީހުންނާއި ކުދިންނަށް އިންޓަނެޓް އެއްގޮތަކަށް ވެސް ނުލިބޭކަމީ ބޮޑު ހިތާމައެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.