13 އޮކްޓޯބަރ 2021 - 16:21

ރާއްޖޭގައި ވެރިކަން ކުރައްވަން އެމަނިކުފާނު ބޭނުންވާ ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން އިތުރަށް ދެން ވާހަކަ ދައްކަވާނީ އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރުމަށް އެމަނިކުފާނު އިސްވެ ކުރައްވާ މަސައްކަތުގައި ކުރިއަށް ހުރި ކަންކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ އަދިވެސް އެމަނިކުފާނު ގަބޫލުފުޅުކުރައްވަނީ ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އެކަމަކު ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތް ކުރައްވާނީ ރައީސްއާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
"މި މަސައްކަތަކީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް. މި މައުޟޫގައި އަޅުގަނޑު އިތުރަށް އެއްޗެއް ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާއާ އެކަމާ ގުޅޭ ގޮތުން ފުރިހަމައަށް މަޝްވަރާ ކުރެވުނީމާ،" ނަޝީދު ވިދާޅުވި އެވެ.
"އެހެން ނޫސްވެރިއަކު ވެސް މި މައުޟޫގައި އަޅުގަނޑު ގާތުގައި ސުވާލެއް ކުރައްވައިފި ނަމަ އަޅުގަނޑު ތަކުރާރު ކުރާނީ ދެންމެ އަޅުގަނޑު މި ދިން ޖަވާބު. އެ ޖަވާބު ޖުމްލަކޮށް ބުނުމުގެ ބަދަލުގައި ވެސް އަޅުގަނޑު ބުނާނީ ހަމަ ކުރީގައި ދިން ޖަވާބޭ." ނަޝީދު ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމު ގެނައުމާއި ނަފްރަތުގެ ބިލުގެ މައްސަލަ ހޫނުވުމާ އެކު ކުރިން ނަޝީދު ވިދާޅުވެފައި ވަނީ ރައީސްއާ އެކު ސިޔާސީ ގޮތުން މަސައްކަތް ނުކުރެއްވޭނެ ކަމަށެވެ.
އެކަމަކު ބަރުލަމާނީއާ ގުޅޭ ގޮތުން މަޝްވަރާއަށް ތައްޔާރަށް ހުންނެވިކަން ހާމަކުރެއްވުމާ އެކު ސިޔާސީ ގުޅުން އަލުން ގާއިމްވީތޯ ނޫސްވެރިއަކު ދެންނެވުމުން ނަޝީދު ވިދާޅުވީ އެއްވެސް އިރެއްގައި ރައީސްއާ ވާހަކަ ނުދައްކަވައި ހުންނަވަން ނުވިސްނަވާ ކަމަށެވެ. އެއީ އެމަނިކުފާނަށް ކުރައްވަން ފަސޭހަ ކަމަަކަށް ވެސް ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއާ ވާހަކަ ނުދައްކާނެ ކަމަށް ދެކިގެނެއް ނުހުންނަން އަދި ހުންނަން އެއީ ދަތިވެސް ކަމެއް." ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް އެކުލަވާލާ ބިލްތަކަށް ހެދުމަށް ވެސް ރައީސްއާ މަޝްވަރާ ކުރައްވާނެ އެވެ.
ނިއުސް ކޮންފަރެންސް ނިންމާލެއްވުމާ އެކު ލިބުނު ފުރުސަތުގައި ވެސް، މިއަދު ވިދާޅުވީ ރައީސްއ ާއެކު ސިޔާސީ މަސައްކަތް ކުރައްވާނެ ވާހަކަތޯ ނޫސްވެރިން އެހުމުން ވިދާޅުވީ "ކުރެވޭނެ" ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ.
ނަޝީދު އަބަދުވެސް ދެކެވަޑައިގަންނަވާ ގޮތުގައި ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަން ހިންގުމުގެ ނިޒާމެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވެސް އެމަނިކުފާނު ތާއީދު ކުރެއްވީ ބަރުލަމާނީއަަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށެވެ. އެމްޑީޕީގެ ތެރޭގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުންގެ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
އެ މަސައްކަތް ކުރިއަށްދާ އިރު، އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް އުފެދި ނަޝީދަށް ތާއީދު ކުރާ ފެކްޝަނަކާއި ރައީސްއަށް ތާއީދު ކުރާ ފެކްޝަނެއް ވަނީ އުފެދިފަ އެވެ.
ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދިން ފަހުން ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ. އެމަނިކުފާނު ހުންނަވަނީ ދައުލަތުގެ ހަރަދުގައި ހޮޓެލް ޖެންގަ އެވެ. އެކަމަކު، ބޭނުންފުޅު ވަނީ ކެނެރީ ގޭގައި ހުންނަވަން ކަމަށާއި ޖެންގައި ހުންނަވަން ޖެހިވަޑައިގަތީ އެމްއެންޑީއެފުން އެގޮތަށް ނިންމުމުން ކަމަށް ވިދާޅުވި އެވެ.