13 އޮކްޓޯބަރ 2021 - 17:32

އަފްގާނިސްތާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީތެރިވުމަށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ-20) އެއްބަސްވެއްޖެ އެވެ.
ޖީ-20ގެ ގައުމުތަކުގެ ވެރިންގެ މެދުގައި އިއްޔެ އންޓަނެޓް މެދުވެރިކޮށް ބޭއްވި މަހާސިންތާގައި، ގައުމުތަކުން ބުނެފައިވަނީ އަފްގާނިސްތާނަށް އެހީތެރިނުވާ ނަމަ، އެ ގައުމަށް ވަރަށް ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށެވެ. އެފަދަ ހާލަތަކަށް އެ ގައުމުގެ ކަންތައް ދާން ބޭނުންނުވާ ކަމަށް ގައުމުތަކުން ބުންޏެވެ.
ޖަރުމަންގެ މުސްތަޝާރު އެންޖެލާ މާކެލް ވިދާޅުވީ، އަފްގާނިސްތާނު ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓެން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން، ކުރިން ވެސް ވައުދުވެފައިވާ ގޮތަށް، އަފްގާނިސްތާނަށް އެހީވުމަށް 600 މިލިއަން ޔޫރޯ ޖަރުމަނުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަފްގާނިސްތާނުގެ މުޅި މާލީ ނިޒާމު ބޮއްސުންލައިގެން ދިއުމުން، އަހަރެމެންނަށް ހާސިލްވާނެ އެއްކަމެއް ވެސް ނޯންނާނެ. އެހާލަތަށް ދިއުމުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ކުރެވޭނެ ކަމެއް ނޫން. ކަރަންޓުގެ ހިދުމަތް ލިބެން ނެތި ނުވަތަ މާލީ ނިޒާމު ބޮއްސުންލައިގެން ގޮސް، 40 މިލިއަން މީހުން ބޮޑު މުސީބާތެއްގެ ތެރެއަށް ވެއްޓިގެން ދިއުމަކީ، އެއީ ބައިނަލްއަގުވާމީ މުޖްތަމައުގެ ލަނޑުދަނޑިކަމުގައި ވެގެން ނުވާނެ،" މާކެލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އދ.ގެ ހުރިހާ އިދާރާތަކަށް، އަފްގާނިސްތާނުގައި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު، ތާލިބާނުން ތަނަވަސްކޮށްދޭން ޖެހޭނެ އެވެ. އަދި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް ތާލިބާނުން ފުރިހަމައަށް އިހްތިރާމް ކުރުމަށް ވެސް އެންޖެލާ ގޮވައިލެއްވި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އަފްގާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނީ، ބައިނަލްއަގުވާމީ ޖަމާއަތްތައް މެދުވެރިކޮށް ކަމަށާއި، އެއްވެސް އެހީއެއް ސީދާ ތާލިބާނުންނާ ހަވާލުކޮށްގެން ނުވާނެ ކަމަށެވެ.
މި މަހާސިންތާ އިސްވެ އިންތިޒާމުކުރެއްވި އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ ވިދާޅުވި ގޮތުގައި، އަފްގާނިސްތާނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، އެހީ ދޭ ގައުމުތަކުން ތާލިބާނުންނާ މުއާމަލާތު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް އެއީ ތާލިބާނުންގެ ސަރުކާރު ބަލައިގަތުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަފްގާނިސްތާނަށް އެހީވުމަށް އެކި ގައުމުތަކުން ދޭ ފައިސާ އިން މިވަގުތަށް ގަތުމަށް ހަމަޖެހިފައިވަނީ، ކުއްލި ހާލަތުގައި ބޭނުންވާނެ ކާބޯތަކެއްޗާއި ބޭހެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސަލާ ވޮން ޑާ ވިދާޅުވި ގޮތުގައި، ވިލާތުގެ އިއްތިހާދުން އަފްގާނިސްތާނަށް އެހީވުމުގެ ގޮތުން އެއް ބިލިއަން ޔޫރޯ ހަދިޔާ ކުރާނެ އެވެ. އެ ފައިސާ ބޭނުންކުރާނީ، އަފްގާނިސްތާނުގައި ހާލުގައި ޖެހިފައި ތިބި މީހުންގެ އިތުރުން، އަފްގާނިސްތާނާ އަވައްޓެރި ގައުމުތަކުގައި ތިބި އަފްގާނުގެ ރެފިއުޖީންނަށް އެހީވުމަށެވެ.
މި މަހާސިންތާގައި، އަފްގާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޓެރަރިސްޓު ޖަމާއަތްތަކުގެ ހާއްޔަކަށް އަފްގާނިސްތާނު ވިޔަނުދިނުމާ ބެހޭ ގޮތުން ވެސް، ޖީ-20ގެ ވެރިން މަޝްވަރާ ކުރެއްވި އެވެ. އަލްގާއިދާ އާއި އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ހަނގުރާމަވެރިންގެ ހާއްޔަކަށް އަފްގާނިސްތާނު ވިޔަ ނުދިނުމަށްޓަކައި ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވާހަކަ ދެކެވުނެވެ.
އަފްގާނިސްތާނު މައްސަލައިގައި ބަހުސް ކުރުމަށް، ޖީ-20ގެ ބައްދަލުވުމެއް މި ބޭއްވީ، އަފްގާނިސްތާނަށް އެހީވުމާ ގުޅޭ ގޮތުން، ވިލާތުގެ ގައުމުތަކުގެ މަންދޫބުންނާއި ތާލިބާން ޖަމާއަތުގެ އިސް ވެރިންނާ ދެމެދު، ގަތަރުގެ ވެރިރަށް ދޯހާގައި މި ހަފުތާގައި މަޝްވަރާތަކެއް ބާއްވާފައި ވަނިކޮށެވެ.
އަފްގާނިސްތާނުގެ އިގްތިސާދީ ހާލަތު ދުވަހުން ދުވަހަށް ދަށަށް ގޮސް، އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހިދާނެ ކަމަށް، އދ.ގެ އިންސާނީ އެހީތެރިކަމާ ބެހޭ އިދާރާ އިން އިންޒާރުކޮށްފައިވާއިރު، އަފްގާނު ސަރުކާރުގެ ފައިސާތައް ހުރީ އެމެރިކާ އިން ހިފަހައްޓައިފަ އެވެ. އެމެރިކާގެ ބޭންކުތަކުގައި ހުރި އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ 10 ބިލިއަން ޑޮލަރު، އެމެރިކާ ސަރުކާރުން ގަނޑުކުރީ، ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެންނެވެ.