ބަރަހަނާ ފޮޓޯތައް ލީކުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ބަރަހަނާ ފޮޓޯތައް ލީކުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޓެލެގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކުގައި މީހުންގެ ބަރަހަނާ ފޮޓޯތައް ލީކުކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މީހެއްގެ ފޯނު ހެކްކޮށް، އެ ފޯނުގައި ހުރި ފޮޓޯތަކެއް ސޯޝަލް މީީޑިއާ އަށް ލީކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިދިޔަ އޮގަސްޓް މަހު ވަނީ މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު، 36، ހައްޔަރުކޮށްފަ އެވެ. އޭނާ ގެންގުޅުނު ހާޑްޑްރައިވަކުން މިލިއަނެއްހާ ފޮޓޯ ފެނިފައިވާ ކަމަށް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލަތަކުގައި އޭނާގެ މައްޗަށް 11 ދައުވާއެއް ކޮށްފައިވެ އެވެ. އެއީ، އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށް ފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލައިގަ އެވެ.

ނަމަވެސް ބަންދު މަޖިލީހުގައި މަސާއިދުގެ ވަކީލް ވިދާޅުވީ މަސާއިދަކީ ކުށުގެ ރެކޯޑެއް އޮންނަ މީހެއް ނޫން ކަމަށެވެ. އޭގެ އިތުރުން އޭނާ އަކީ ވަޒީފާއެއް ވެސް އަދާކުރާ މީހެއް ކަމަށް ބުނެ އޭނާގެ ފަރާތުން ވަކީލު އެދިވަޑައިގަތީ ހަރުކަށި ޝަރުތުތަކެއް ކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލާށެވެ.

އެކަމަކު، މަސާއިދުގެ މައްޗަށް ތުހުމަތު ކުރާ ކުށަކީ ގޭގައި ހުރެގެން ވެސް ކުރެވިދާނެ ފަދަ ކަމަކަށް ވާތީ އޭނާ އެ ކުށް ތަކުރާރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ފުލުހުން އެދުނީ ބަންދު ދަމަހައްޓާށެވެ. ޕީޖީން ވެސް ވަނީ ޝަރުތުކޮށްފައި ވެސް އޭނާ ދޫކޮށްލަން ދެކޮޅު ހަދައިފަ އެވެ.

ޓެލެގްރާމުގައި އެކި ނަންނަމުގައި ޗެނަލްތައް ހަދައިގެން އަންހެން ކުދިންގެ ފޮޓޯއާ ވީޑިއޯ އާއްމުކުރުމުގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވި އެވެ. އޭގެ ތެރެއިން ބައެއް ޗެނަލްތައް ވަނީ ޑިލީޓުކޮށްފަ އެވެ.