ޓީމަށް ހިތްވަރުދީ މެޗުގެ ފޯރި ނަގަން ރޭވީ ބޮޑުބެރު: މަހްލޫފް
ޓީމަށް ހިތްވަރުދީ މެޗުގެ ފޯރި ނަގަން ރޭވީ ބޮޑުބެރު: މަހްލޫފް

ސާފްޗެމްޕިއަންޝިޕްގައި އިންޑިއާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ ފައިނަލާ ހަމަޔަށް މިއުޒިކް ޝޯ ބާއްވަން ނިންމީ ފުޓުބޯޅައިގެ ފޯރިނަގަން ބޮޑު ބެރު ޖަހަން ކަަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި މިއުޒިކް ޝޯއެއް ބާއްވަން ނިންމާފައިވާ ކަން އިއުލާން ކުރުމުން ބައެއް އިލްމުވެރިންގެ ފާޑުކިޔުން ވަނީ މަހުލޫފަށް އަމާޒުވެފަ އެވެ.

އެކަމަށް ރައްދު ދެއްވައި މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ ބޮޑު ސްކްރީންގައި މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރު ޝޯއެއް ކަމަށެވެ. އެއީ ގަލޮޅު ދަނޑުގައި ބޮޑުބެރާއެކު ނަގާފޯރި ކާނިވާ ސަރަހައްދުން މެޗުބަލާ ސަޕޯޓަރުންނާއި ހަމައަށް ގެނެސްދިނުމަށް ކުރާ ކަމެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރިނަގާށެވެ، ނާޗަރަންގީ ކުޅޭކަށްނޫން،" މަހުލޫފް ވިދާޅުވި އެވެ.

މިރޭގެ މެޗާއެކު މިއުޒިކް ޝޯ ބާއްވަން ނިންމާފައި ވަނީ މާލެ ސިޓި ކައުންސިލާއި އެފްއޭއެމް އަދި އުރީދޫ އާ ގުޅިގެންނެވެ. ނަމަވެސް އެ މައްސަލާގައި ފާޑު ކިޔުން އަމާޒުވުމުން ސިޓީ ކައުންސިލުން ވަނީ އެކަމަށް އިސް ނަގާފައިވާ ކަމަށް ބުނެ ކުރި ޓުވީޓް ޑިލީޓް ކޮށްލައިފަ އެވެ.

ރާއްޖެ އާއި އިންޑީޔާ ކުޅޭ މެޗު އޮތީ މިރޭ 9:00 ގައި އެވެ.