13 އޮކްޓޯބަރ 2021 - 12:56

ޗައިނާގެ ވޫހާން ސިޓީގެ ލޭ ބޭންކުތަކުގައި ރައްކާކޮށްފައި ހުރި ލޭގެ ސާމްޕަލްތައް، ކޮވިޑް-19 އަށް ޓެސްޓުކުރަން ޗައިނާ ސަރުކާރުން ނިންމައިފި އެވެ.
ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި ވޫހާންގެ ލޭ ބޭންކުތަކުގައި ހުރި ސާމްޕަލްތައް ޓެސްޓުކުރަން ނިންމީ، ކޮވިޑް-19 އުފެދުނު ގޮތުގެ ހަގީގަތް ދެނެގަތުމަށް މިހާރު ކުރަމުންދާ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށެވެ. ޗައިނާއިން މިކަން ކުރަން މި ނިންމީ، ކޮވިޑް-19ގެ ހަގީގަތް ދެނެގަތުމަށް ކުރާ މަސައްކަތް، މިހާރަށްވުރެ ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް، ބައިނަލްއަގުވާމީ މުޖްތަމައުން ޗައިނާއަށް ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
ޗައިނާގެ ވޫހާން ސިޓީގެ ލޭ ބޭންކުތަކުގައި ރައްކާކޮށްފައި ހުރި ލޭގެ ސާމްޕަލްތަކުގެ ތެރޭގައި، 2019 ވަނަ އަހަރުގެ ފަހުކޮޅު ނަގާފައި ހުރި ލޭގެ ސާމްޕަލްތައް ވެސް ހިމެނެ އެވެ. އެ ދުވަސްވަރު ގާތްގަނޑަކަށް ދެ ލައްކައަށް ވުރެ ގިނަ ލޭގެ ސާމްޕަލް، ލޭ ބޭންކުތަކުގައި ހުރިކަން އެނގުނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ޗައިނާގައި ހިންގި ތަހުގީގެއްގެ ތެރެއިން، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނާ ގޮތުގައި، އެ ދުވަސްވަރުގެ ލޭގެ ސާމަޕްލަތައް ތަހުގީގުކުރުމުން، ކޮވިޑް-19 އުފެދިގެން އައީ ކޮން ދުވަސްވަރެއްގައި ކަމާއި، އިންސާނުންގެ ގަޔަށް އެ ވައިރަސް ނަގުލުވީ ކޮން ދުވަސްވަރެއްގައި ކިހިނެއްކަން ވެސް ހޯދިދާނެ އެވެ. ވޫހާންގެ ލޭ ބޭންކުގައި ހުރި ސާމްޕަލްތަކަކީ، ވޫހާން ސީޓީގައި އެންމެ ފުރަތަމަ ކޮވިޑް ފެތުރެން ފެށި ދުވަސްވަރު، އެކި ބޭނުންތަކަށް މީސްމީހުންގެ ގައިން ނަގައި ރައްކާކޮށްފައި ހުރި ލެޔެވެ.
ޗައިނާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ލޭ ބޭންކުގައި ރައްކާކޮށްފައި ހުރި ގިނަ ސާމްޕަލްތަކަކީ، ލޭ ހަދިޔާކުރުމަށް ފަހު، ލޭ ދޭ މީހާ އާއި ލޭ އެޅުނު މީހާއާ ދެމެދު އުފެދޭ މައްސަލައެއް ކޯޓު މަރުހަލާއަކަށް ހިނގައްޖެ ނަމަ، ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް ރައްކާކުރާ ސާމްޕަލްތަކެވެ. އެ ބޭނުމަށް ނަގާ ލޭގެ ސާމްޕަލްތައް ދެ ދުވަހުގެ މުއްދަތަކަށް ބޭންކުގައި ބަހައްޓާނެ އެވެ.
ލޭ ބޭންކުގައި ރައްކާކޮށްފައި ހުރި ލޭގެ ތެރެއިން 2019 އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ނަގާފައި ހުރި ލޭގެ ދެ އަހަރުގެ މުއްދަތު ވަރަށް އަވަހަށް ހަމަވާނެ އެވެ. ގިނަ ތަޖުރިބާކާރުން ބުރަވާ ގޮތުގައި، 2019 ޑިސެމްބަރު މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވޫހާން ސިޓީގެ މީހުންގެ ހަށިގަނޑުން ފެންނަން ފެށި ކޮވިޑް-19ގެ ވައިރަސް، އިންސާނުންގެ ގަޔަށް ނަގުލުވެފައިވަނީ، އެ އަހަރުގެ އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ޗައިނާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ލޭ ބޭންކުގައި ހުރި ސާމްޕަލްތައް ލެބޯޓަރީގައި ތަހުލީލު ކުރަން ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ހަމަޖައްސަމުންނެވެ. އަދި، އެ ސާމްޕަލްތައް ރައްކާކޮށްފައި ހުރި ބޭނުމުގެ ގާނޫނީ މުއްދަތު (ދެ އަހަރު) ހަމަވުމުން، އެ ސާމްޕަލްތައް ކޮވިޑަށް ތަހުލީލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އެ ސާމްޕަލްތަކުގައި ކޮންމެވެސް ހެކިތަކެއް ހުންނާނެކަން ހަމަ ޔަގީން. ކަމުގެ ތަޖުރިބާހުރި ބޭރުގެ އޮބްޒާވަރުންގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ޗައިނާ އިން އާންމުކުރާ ނަތީޖާއެއް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ،" ކޮލަމްބިއާ ޔުނިވަސިޓީގެ ވަބާތަކާ ބެހޭ އެސޯސިއޭޓް ޕްރޮފެސަރު މައުރީން މިލާ ވިދާޅުވި އެވެ.
އެހެންކަމުން، ވޫހާން ސިޓިގެ ލޭ ބޭންކުގައި ހުރި ސާމްޕަލްތައް ތަހުލީލު ކުރާއިރު، ބޭރުގެ އޮބްޒާވަރުން ބައިވެރިކުރުމަށް އޭނާ ޗައިނާ ސަރުކާރަށް ގޮވައިލެއްވި އެވެ.