13 އޮކްޓޯބަރ 2021 - 12:34

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ޑިސްކް ޖޮކީ (ޑީޖޭ) އިންގެ ދަފުތަރެއް ޓޫރިޒަމް މިނިސްޓްރީން އެކުލައިވައިލަން ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ މިއީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަން ޝައުގުވެރިކަން ހުންނަ ޑީޖޭ އިންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް އެކުލަވައިލާ ދަފުތަރެއް ކަމަށެވެ. އަދި ޑީޖޭ އިންނަށް މި ފުރުސަތުތައް ފަހިކޮށްދިނުމަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ރާވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ޑީޖޭ އިން މި މަހުގެ 24 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ އެވެ.
މި ދަފުތަރު އެކުލަވައިލެއްވުމަށް ފަހު ހޮވާލެވޭ ޑީޖޭ އިންގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކުރާނެ އެވެ. މިއާ އެކު ރިސޯޓުތަކާއި ޓޫރިސްޓުންނަށް ހިދުމަތް ދޭ އެހެން ތަންތަނުން ޑީޖޭ އިންނަށް ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން ޑީޖޭއިންގެ ގޮތުގައި ކުރިއަށްދާން ބޭނުންވާ މީހުން ދެނެގަނެ އެމީހުންނަށް ބޭނުންވާ ތަމްރީން ވެސް އާޓްސް އެންޑް ކަލްޗާ މިނިސްޓްރީއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ދޭނެ އެވެ.