13 އޮކްޓޯބަރ 2021 - 14:12

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަގްބީ ކުލަބެއް ރަޖިސްޓްރީކޮށްފި އެވެ.
ރަގްބީ އެސޯސިއޭޝަނެއް ރާއްޖޭގައި ނެތް ނަމަވެސް ރަގްބީީ މޯލްޑިވްސްގެ ނަމުގައި ކުލަބެއް ރަޖިސްޓްރީ ކުރީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ކާފަ ދަރިކަލެއް ކަމަށްވާ އިޖާޒް ވަހީދު ގުޑްރިޗްގެ މޭސްތިރިކަމުގެ ދަށުންނެވެ.
އިޖާޒް ވިދާޅުވީ، ކްލަބް ރަޖިސްޓްރީ ކުރުމަށް ފަހު، މި ހަފްތާ ބަންދުގައި ހުޅުމާލޭ އެތުލެޓިކްސް ސްޓޭޑިއަމްގައި ކުޅުންތެރިންނާ އެކު ފަރިތަކުރުންތައް ކުރިޔަށްގެންދަން ރާވާފައިވާ ކަމަށެވެ. ފަރިތަކުރުންތައް ކުރިއަށް ދާނީ އީޖާޒުގެ އިތުރުން ސްރީ ލަންކާގެ ތަޖުރިބާކާރު ރަގްބީ ކުޅުންތެރިންގެ ބެލުމުގެ ދަށުންނެވެ.
އުމުރުން 20 އަހަރުގެ އިޖާޒް ރަގްބީ ކުޅެން ފެއްޓެވީ އުމުރުން 13 އަހަރުގައި ހޮންގް ކޮންގަ އެވެ. އެއަށް ފަހު މެލޭޝިއާގައި ކިޔަވާ ވިދާޅުވި އިރު އިޖާޒް ވަނީ އޭނާ ކުޅުއްވި ސްކޫލް ޓީމުގެ ވައިސް ކެޕްޓަން ކަން ވެސް ކުރައްވައިފަ އެވެ. ރަގްބީގެ ހުރިހާ މަގާމަކަށް ވެސް ކުޅުއްވާފައިވާ އިޖާޒް ހާއްސަ ވަނީ ސްކްރަމް ހާފް (ހާފް ބެކް) ގެ މަގާމަށެވެ. މިހާރު އިޖާޒު ގެންދަވަނީ އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގެ ރަގްބީ ޓީމުގައި ކުޅުއްވަމުންނެވެ.
އިޖާޒް ވިދާޅުވީ ރަގްބީ އަކީ ރާއްޖެ އަށް އާ ކުޅިވަރަކަށް ބަލައި، ލިބޭ ތަރުހީބު ރަނގަޅު ކަމަށާއި ކުޅިވަރު ކުރިއަރާ މިންވަރު ބެލުމަށް ފަހު އެސޯސިއޭޝަން އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށެވެ.
"އެސޯސިއޭޝަނެއް އުފެދިފައި އޮންނަންވާނީ މިހާރު، އެކަމަކު މިނިސްޓްރީން ބޭނުންވޭ އެސޯސިއޭޝަން އުފެއްދުމުގެ ކުރިން ރަގްބީ ކްލަބެއް އުފެދި، ރާއްޖޭގައި މުބާރާތެއް ވެސް ބާއްވަން. އަދި މި ފަށައިގަނެވުނީ،" އިޖާޒް ވިދާޅުވި އެވެ.