05 ޑިސެމްބަރ 2016 - 11:44

ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވިތާ އިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވި އަބްދުﷲ ސިނާން އަށް އޭރު ރަސްމީ ހައިސިއްޔަތު ލިބިފައިނުވާތީ އޭނާގެ އިސްތިއުފާ ގަބޫލުނުކުރާ ގޮތަށް ހޯމް މިނިސްޓްރީން ނިންމި ނަމަވެސް، އެސޯސިއޭޝަނުގެ މަސައްކަތްކުރިއަށް ނުދާތީ އަލުން ރައީސަކު އިންތިހާބުުރަން ހޯމް މިނިސްޓްރީން އަންގައިފި އެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުގެ ހުސްވެފައިވާ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމުގެ ޖަލްސާ މި މަހުގެ 17 ވަނަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގައި އޮންނާނެ ކަމަށެވެ.
އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ވިޝާމް ރަޝީދު ވިދާޅުވީ ހޯމް މިނިސްޓްރީގެ އެންގުމާ ގުޅިގެން އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އޮކްޓޯބަރު މަހު ބޭއްވި އިންތިހާބުގައި ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ސިނާން ވަނީ އިސްތިއުފާ ދެއްވީ އިންތިހާބީ ޖަލްސާގައި އާއްމު މެމްބަރުންނާއި ނޫސްވެރިންނާ މުހާތަބުކޮށް ދެއްކި ވާހަކައިގަ އެވެ. އެއީ އިންތިހާބީ ޖަލްސާގެ ރަސްމީ އެޖެންޑާގައި ހިމެނޭ ނަމްބަރެކެވެ.
ހޯމް މިނިސްޓްރީގެ ރަޖިސްޓްރާ ޔޫސުފް އަބްދުލްގަފޫރު އޭރު ވިދާޅުވީ އިންތިހާބުވާ ފަރާތްތަކަށް ރަސްމީ ހައިސިއްޔަތު ލިބެނީ އިންތިހާބް، ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކުރުމުން ކަމަށާއި އެހެންކަމުން އެރޭ ސިނާން އިސްތިއުފާ ދެއްވިއިރު ރައީސްގެ ހައިސިއްޔަތެއް ލިބިފައިނުވާ ކަމަށެވެ.
"މި މައްސަލަ ބެލި ގާނޫނީ ޓީމުގެ ފަރާތުން ބުނެފައިވަނީ އިންތިހާބުވަމުން އަދި އިސްތިއުފާ ނުދެއްވޭނެ ކަމަށް. ސަބަބަކީ ހިންގާ ކޮމިޓީ އަށް ރަސްމީ ހައިސިއްޔަތު ލިބެނީ އެ އޮންނަ މުއްދަތުގެ ތެރޭގައި ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް އެކަމުގެ ލިޔުން ލިބުމުން. އެހެންވީމާ އިސްތިއުފާ ދެވޭނެ ހައިސިއްޔަތެއް ސިނާންގެ ނެތް އޭރަކު. ރަޖިސްޓްރީވުމަށް ފަހު އިސްތިއުދާ ދެއްވަންޏާ ދެއްވޭނީ،" ޔޫސުފް ވިދާޅުވި އެވެ.
ފަހުން ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް ރަޖިސްޓްރާ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އިންތިހާބުވި މެމްބަރުންގެ ލިސްޓުގައި ސިނާންގެ ނަން ހިމަނައިގެން އެސޯސިއޭޝަނަށް ލިސްޓް ފޮނުވާފައިވާ ކަމަށާއި އަދި އެސޯސިއޭޝަނުގެ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް ވެސް އަންގާފައިވާ ކަމަށެވެ. އެކަމަކު އެސޯސިއޭޝަނުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވި އިންތިހާބު ބޭއްވުމުގެ މަގުސަދު ހާސިލްނުވާތީ އިންތިހާބުވި ރައީސް މަގާމުން އިސްތިއުފާ ދެއްވި ކަމުގައި ބަލައި އަލުން ރައީސަކު އިންތިހާބުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންވެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން މިހާރު އިންތިހާބުވެފައިވާ ކޮމިޓީގެ ބޭފުޅުންނާ އެކު ނައިބް ރައީސްގެ ބެއްލެވުމުގެ ދަށުން އިންތިހާބު ބާއްވައި ތިޔަ ޖަމިއްޔާގެ ހިންގާ ކޮމިޓީން ހުސްވެފައިވާ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް އަންގާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
އިންތިހާބުގައި އެކްސްކޯގެ މެޖޯރިޓީ ލިބުނީ ރައީސްގެ މަގާމަށް ސިނާންއާ ވާދަކޮށް ނާކާމިޔާބުވި އަހުމަދު މަމްދޫހު (މަންޑޭ) ގެ ޓީމަށެވެ. ނައިބް ރައީސްގެ މަގާމަށް އިންތިހާބުވީ، މަންޑޭގެ ޓީމުގައި ހިމެނޭ ކުރީގެ މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު ހަސަން އިސްމާއިލް އެވެ.