ފުލުހުން ވަކި ކުރި މައްސަލަ ލައިވްކުރަން އެދުމުން ކުރީ ސިއްރު
ފުލުހުން ވަކި ކުރި މައްސަލަ ލައިވްކުރަން އެދުމުން ކުރީ ސިއްރު

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް ބޭފުޅުންތަކެއް ވަކިކުރަން ނިންމުމުން ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލަ ސިއްރު ކުރަން އެ ކޯޓުން ނިންމައިފި އެވެ.

ފުލުހުންގެ އާ ގާނޫނުގައިވާ ގޮތުން ވަކި ކުރަން ޕޮލިސް ބޯޑުން ކޮމިޝަނާ އޮފް ޕޮލިސްއަށް ލަފާ ދޭ އިސް އޮފިސަރުން މަގާމުން ވަކި ކުރަން ޖެހެ އެވެ. ޕޮލިސް ބޯޑުން ދިން ލަފާގެ މަތިން ހަތް އޮފިސަރަކު ވަކި ކުރަން ނިންމުމުން ސިވިލް ކޯޓުގައި ދައުވާ ކުރީ އޭގެ ތެރެއިން ފަސް މީހުންނެވެ.

އެ މައްސަލަ ޑިސްޕިއުޓް ރިޒޮލޫޝަން މަރުހަލާއިން ހައްލު ނުވުމުން ޝަރީއަތުގެ މަރުހަލާ ފަށައި މިއަދު ފުރަތަމަ އަޑުއެހުން ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

ފަސް އޮފިސަރުންގެ ފަރާތުން އެދިފައި ވަނީ މައްސަލަ ލައިވްކޮށްގެން ކުރިއަށްގެންދާށެވެ. އަޑުއެހުމުގެ ކުރިން އެކަމާ މެދު ގޮތެއް ނިންމަވަމުން، މުޅި މައްސަލަ ސިއްރުކޮށްގެން ކުރިއަށްގެންދަން ގާޒީ އަލީ އަބްދުﷲ ނިންމަވާފައިވާ ކަމަށް މައްސަލަ ބަލާ ސެކްޝަނުން ވަނީ ބުނެފަ އެެވެ.

އެ ނިންމުމުގައި ވަނީ އެ މައްސަލަ އާންމުކޮށް ހުޅުވައިގެން ގެންގޮސްފި ނަމަ މުޖުތަމައުގެ އަމާންކަން ގެއްލި، ގައުމީ ސަލާމަތަށް ވެސް ނުރައްކާ ކުރިމަތިވެދާނެ ކަމަށެވެ. އަދި އިންސާފު ގާއިމް ކުރުމަށް ވެސް ހުރަސް އެޅިދާނެ ކަމަށެވެ.

މައްސަލަ ލައިވްކުރަން އޮފިސަރުންގެ ފަރާތުން އެދިވަޑައިގަތީ މައްސަލައަކީ އާންމު މަަސްލަހަތު އޮތް މައްސަލައެއް ކަމަށާއި، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރެވޭ ކަން ކަށަވަރު ކުރުމަށް ލައިވް ކުރަން ޖެހޭ ކަމަށް ވިދާޅުވެ އެވެ.

- އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު.

- އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު.

- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް.

- ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު.

- ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން، ފުލުސް ބޯޑު އައްޔަންކުރާތާ ހަތަރު މަސް ތެރޭގައި، ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އޮފިސަރުން ވަކި ކުރުމަށް ލަފާ ދޭން ވާނެ އެވެ.

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަކި ކުރުމުން ދައުވާ ކުރި އޮފިސަރުން ތުހުމަތު ކުރައްވާ ގޮތުގައި ގާނޫނު ހެދީ ވެސް ސީދާ ވަކި ބަޔަކު މަގާމުން ވަކި ކުރަން ޓާގެޓުކޮށްގެންނެވެ. އަދި އެއީ އިންސާފުން ކުރި ކަމެއް ނޫން ކަމަށް ވިދާޅުވެ އެވެ. ޖަވާބުދާރީވާން ވެސް ފުރުސަތު ނުދީ ވަކި ކުރަން ނިންމާފައިވާތީ އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެ އެވެ.