ޖުޑިޝަރީގެ އިދާރީ މައްސަލަތަކާއި ބޭންކުތަކަށް ރައީސް ފާޑުވިދާޅުވެއްޖެ!
ޖުޑިޝަރީގެ އިދާރީ މައްސަލަތަކާއި ބޭންކުތަކަށް ރައީސް ފާޑުވިދާޅުވެއްޖެ!

ދުނިޔޭގެ އެހެން ގައުމުތަކުގައި ނެތް ކަހަލަ ބޮޑެތި މައްސަލަތައް ރާއްޖޭގައި އެބަހުރި ކަމަށާއި އެ ކަންކަން ހައްލު ނުކޮށް ވިޔަފާރި އާއި އިގްތިސާދީ ގޮތުން ރާއްޖެ ދާން ބޭނުންވާ މަންޒިލަށް ނުދެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޖުޑިޝަރީގެ އިދާރީ މައްސަލަތަކާއި ބޭންކުތަކަށް ރައީސް ފާޑުވިދާޅުވެއްޖެ!
ޖުޑިޝަރީގެ އިދާރީ މައްސަލަތަކާއި ބޭންކުތަކަށް ރައީސް ފާޑުވިދާޅުވެއްޖެ!

ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމުކުރަން ޝަރުއީ ދާއިރާއާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖެ އަށް ވިޔަފާރިވެރިން ގެނެސް، ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެ ގޮތުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުން ފެށިގެން މިހާތަނަށް އައި އިރު، ބޭރުގެ އިންވެސްޓްމަންޓާ ބެހޭ ގާނޫނެއް ހަދައި އެއާ ގުޅުންހުރި އެކި ގާނޫނުތައް އެކުލަވާލައި ޒަމާނާ ގުޅޭ ގޮތަށް ބަދަލު ވެސް ކުރަމުން އައިސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޖުޑިޝަރީގެ އިދާރީ މައްސަލަތަކާއި ބޭންކުތަކަށް ރައީސް ފާޑުވިދާޅުވެއްޖެ!
ޖުޑިޝަރީގެ އިދާރީ މައްސަލަތަކާއި ބޭންކުތަކަށް ރައީސް ފާޑުވިދާޅުވެއްޖެ!

މި ސަރުކާރުގެ ތިން އަހަރުގައި ވެސް ގާނޫނީ ގޮތުން ގިނަ ބަދަލުތަކަށް، ވިޔަފާރި އާއި އިގްތިސާދާ ގުޅޭ ކަންކަމަށް ގެނެސްފައިވާކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އެކަމަކު، އެންމެ މުހިއްމު ކަމަކީ، އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި، އެންމެ އެކަށީގެންވާ ގޮތުގައި އެ ގާނޫނުތައް ތަންފީޒު ކުރުމެވެ.

"ހަމަ އެކަނި އެ ވާހަކަ އަޅުގަނޑުމެން ދައްކަނީކީ ނޫން. އެކަމަކު، އެ އަށް އަޅުގަނޑުމެން މަގު ހުޅުވަން އެބަޖެހޭ، އެ ގާނޫނު އެ އަށް އެބަ ޖާގަ ދޭންޖެހޭ، ތަންފީޒު ވެގެން ދާއިރު އެ ތަންފީޒު ވެގެން ދާނެ ވެއްޓެއް އެބަ އޮންނަންޖެހޭ ފުރަތަމަ ޕްރި ރިކިއުޒިޓެއް ގޮތަށް މި ކަހަލަ ކަންތައްތަކަށް އިންވައިޓް ކުރަން،" ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ އަށް ފާޑު ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ވެއްޓެވިޔަސް، ރައީސް ޔާމީން ވަނީ ޝަރީއަތްތައް ކުރިއަށް ގެންދިއުމުގައި ގެންގުޅޭ ބައެއް އުސޫލުތަކާ ބެހޭ ގޮތުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އެ ގޮތުން، އެ މަނިކުފާނު އެންމެ ފުރަތަމަ ނެންގެވި މައްސަލަ އަކީ އިނގިރޭސި ބަހުން ހުންނަ ގާނޫނުތައް، އޭގެ އަސްލު ގޮތުގައި ރާއްޖޭގެ ކޯޓުތަކުގައި ބޭނުން ނުކުރުމެވެ.

ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުން ކުރާ ބައެއް ގާނޫނުތަކަކީ، ރައީސް ފާހަގަކުރެއްވި ގޮތުގައި، ވަރަށް އުދަނގޫ، ބައެއް ފަހަރަށް އޮޅުންބޮޅުން ބޮޑު ގާނޫނުތަކެކެވެ. ކުރީގެ ތަޖުރިބާތަކުން މިސާލު ނަންގަވަމުން އެ މަނިކުފާނު ވިދާޅުވީ ތެޔޮ ނެގުމާއި ވިއްކުމާ ބެހޭ ގާނޫނު އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރާ އިރު، ބައެއް ފަންނީ ބަސްތަކާއި އެ ނޫން ވެސް ކަންކަން ދިވެހި ބަހަށް ބަދަލު ނުކުރެވޭ ކަމަށާއި އެ ގޮތަށް ކޮށްފި ނަމަ އޭގެ އަސްލު ވަރަށް ބޮޑަށް ގެއްލޭ ކަމަށެވެ.

"އަދިވެސް އަޅުގަނޑުމެންނަށް އުދަނގޫވެގެން މި އުޅެނީ މި ދެންނެވި ކަހަލަ، އިމްޕޯޓް ޑޮކިއުމެންޓޭޝަން ކަހަަލަ އިންޓަނޭޝަނަލް ޓްރާންސެކްޝަންތަކުގައި ބޭނުންކުރާ އެކި ޑޮކިއުމެންޓޭޝަން އޭގެ ޒާތުގައި އިނގިރޭސި ބަހުން ކޯޓު ތެރޭގައި ބަލައިގަތުމަކީ އަޅުގަނޑުމެންނަށް ފަސޭހަ ކަމަކަށް ނުވަނީ،" އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން، މާލޭގެ ހުރިހާ ކޯޓެއްގެ ފަނޑިޔާރުންނާއި އެކި ފެންވަރުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

"އެކަމަކު މި އިސްލާހުތައް އަންނަން އެބަޖެހޭ، އެ ގާނޫނު އޭގެ ގޮތުގައި، އެ ޑޮކިމެންޓޭޝަން އަޅުގަނޑުމެން ދިވެހި ބަހަށް ބަދަލު ނުކޮށް، އޭގެ ޒާތުގައި، ހަމަ އެ ޑޮކިއުމެންޓޭޝަން އެބަ ބޭނުން ކުރެވެންޖެހޭ. މި ފެންވަރަށް އަޅުގަނޑުމެން ދާން އެބަޖެހޭ."

މީގެ އިތުރުން، ރައީސް ވަނީ ކޯޓުތަކުގެ ތައްގަނޑު ފޯޖުކޮށްގެން ކޯޓު އަމުރު ނެރޭ މައްސަލަ އަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ އެއީ ރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކުރަން ހިޔާލަށް ވެސް ގެންނާނެ ކަމެއް ނޫން ކަމަށެވެ.

"ނަމޫނާ ދިވެހިރާއްޖެ. ދިވެހިރާއްޖޭގައި މިކަން ވެސް ވާނެ. ވެފަ އޮތީ. އަދިވެސް ވާންވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެ އިޝާރާތް ކުރެއްވީ އެ މަނިކުފާނު ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލަ އަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު މާމިގިލީ ކޯޓު ހުޅުވައި، ކ. މާފުށީ ކޯޓުގެ ނަމުގައި ފޭކު އަމުރެއް ހެދި އެ މައްސަލައިގައި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އޭނާ 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ވެސް ކޮށްފަ އެވެ.

ޝަރުއީ ދާއިރާގެ އިތުބާރާ މެދު ބޭރާއި ރާއްޖޭގެ ފަރާތްތަކުން ޝައްކު އުފައްދަން ފުރުސަތު ލިބެނީ، ރައީސް ވިދާޅުވި ގޮތުގައި، އެފަދަ "ވިޔާ ނުދާ" ކަންކަން ހިނގާތީ އެވެ. އެއީ ފަނޑިޔާރުންގެ ގާބިލުކަމާ މެދު އުފައްދާ ޝައްކުތަކެއް ނޫން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ ޝަރުއީ ދާއިރާގައި ހުުރި އިދާރީ މައްސަލަތައް ހައްލު ކުރަންޖެހޭކަން ފާހަގަކުރައްވައިފަ އެވެ.

"އެއްގޮތަކަށް ވެސް، އަޅުގަނޑުމެންގެ ސުޕްރީމް ކޯޓުގެ ބެންޗަކީ މިއަދު ދިވެހިރާއްޖޭން ލިބެން އޮތް، ގާނޫނީ، ޝަރުއީ ދާއިރާ އިން އެންމެ ފުންނާބު އުސް، އެންމެ ހައިބަތު ހެޔޮ ބޭފުޅުންކޮޅެއް، ފަނޑިޔާރުން ތިއްބެވި ސުޕްރީމް ކޯޓުގެ ބެންޗެއް އެއީ. ވަރަށް ކޮމްޕެޓެންޓް. އެއްގޮތަކަށް ވެސް އެ ބޭފުޅުންގެ މަސައްކަތް ކުރައްވާ ގޮތާ ދޭތެރޭ ސުވާލު އުފެއްދޭނެ ކަންކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު އެންމެ ބޮޑަށް ފާޑު ވިދާޅުވި އަނެއް މައްސަލަ އަކީ ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި އާއި ފަރުދީ މުއާމަލާތްތަކުގެ މައުލޫމާތު، ބޭންކުގެ މުވައްޒަފުން އެކި ގޮތް ގޮތުން އާއްމުކުރުމެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ މައްސަލަ ރާއްޖޭގެ ހުރިހާ ބޭންކެއްގައި ވެސް އެބަ އޮތެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ގޮތަށް މައުލޫމާތު އާއްމުކުރުން، ބޭންކުތަކާ މެދު އޮންނަ އިތުބާރު ގެއްލެ އެވެ. އަދި އޭގެ ސަބަބުން މުޅި ދައުލަތަށް ވެސް އޭގެ އަސަރު ކުރާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ދެން ކާކުތޯ ބޭންކަށް ފައިސާ އަޅާނީ؟ އެހެންވީމަ، ގިނަ ބަޔަކު އެބަ ޕްރިފާ ކުރޭ މުއާމަލާތް ހިންގުމަށް ބޭންކިން ސިސްޓަމްގެ ތެރޭން ފައިސާ ނެރެ، ބޭރުގައި ނަގުދުގެ ގޮތުގައި ބަހައްޓަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ސޮއި ފޯޖުކޮށްގެން ކުންފުނިތަކުގެ ޑިރެކްޓަރުން ބަދަލުކުރުމާއި މީހުންގެ މިލްކިއްޔާތު ފޭރުން ފަދަ ކަންކަން ވެސް ރާއްޖޭގައި ހިނގާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެކަމަކު، އެއީ ވަގު މުއާމަލާތެއްކަން ސާބިތުވިޔަސް، އެ މުއާމަލާތް ރޫޅާލުމުގެ އިތުރުން އެ ކަން ކުރި މީހަކާ ދެކޮޅަށް މިހާރު ހަމައެކަނި އަޅަނީ އިދާރީ ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ކަންކަމާ މެދު ހަރުކަށި ފިޔަވަޅު އެޅެން އެބަޖެހޭ. ދިވެހިރާއްޖެ ސުވިޓްޒަލެންޑަށް ނުވެދާނެ. އެކަމަކު، މި ތަނުގައި ވެސް އަޅުގަނޑުމެން ރައްކާތެރިކަމާ އެކު ހިމާޔަތްކުރަންޖެހޭ ނިޒާމުތަކަށް އެ ދޭންވާ ގަދަރު އަޅުގަނޑުމެން ދޭން ޖެހޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ބޭންކް އެކައުންޓުތަކުގެ މައުލޫމާތު އާއްމުކުރާ މައްސަލަ އަށް ރައީސް ފާޑު ވިދާޅުވި އިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައުލޫމާތުތަކެއް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް މުވައްޒަފަކު އާއްމުކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރަކަށް ހުރި ގާސިމް އަބްދުލްކަރީމް އާއްމުކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮރަޕްޝަންގެ ފައިސާ ރައީސްގެ އެކައުންޓަކަށް ވެސް ޖަމާކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ބާއްވާ މަހާސިންތާގައި ވޯލްޑް ބޭންކުގެ ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ މަތި ކުރުމަށް ޝަރުއީ ދާއިރާ އިން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަހާސިންތާގައި މަތީ މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ އިތުރުން، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ބައިވެރިވެ އެވެ.

މި މަހާސިންތާ އިން ނިންމާ ކަންކަން ތަންފީޒު ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.