13 އޮކްޓޯބަރ 2021 - 11:13

އިންޑިއާ ހައި ކޮމިޝަނުން އިސް ނަގައިގެން ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓުތައް އިންޑިއާގައި ޕްރޮމޯޓު ކުރަން ފަށައިފި އެވެ.

އެ ކޮމިޝަނުން ވަނީ މިކަމަށް ހާއްސަ ކޮށްގެން "ޓްރެވަލް ޓު ކަނެކްޓް" ގެ ނަމުގައި ރައުންޑް ޓޭބަލް މަޝްވަރާތަކެއް އިއްޔެ ބާއްވައިފަ އެވެ. މި މަޝްވަރާގައި އިންޑިއާގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި ޓްރެވަލް ލިޔުންތެރިންގެ އިތުރުން އެ ގައުމުގެ "އައުޓްބައުންޑް ޓްރެވަލް މާކެޓް" (އޯޓީއެމް) މުމްބާއީގެ އިސް ފަރާތްތަކާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރުން ވަނީ ބައިވެރި ދެ ގައުމުގެ ޓޫރިޒަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.
މި މަޝްވަރާތައް ފެށުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އޯޓީއެމްގެ ޗެއާމަން އަދި ސީއީއޯ ސަންޖީވް އަގަރުވާލާއި އިންޑިގޯ އެއާލައިންގެ ނައިބު ރައީސް އިޝާން މުނަވީރާ ވެސް ބައިވެރިވެވަޑައިގަތެވެ.
ހޮޓެލް ޖެންގައި ބޭއްވި މި މަޝްވަރާތައް ހާއްސަކޮށްފައިވަނީ ޓޫރިޒަމްގެ ހަތަރު ކެޓަގަރީއަކަށެވެ. އެއީ ލަގްޒަރީ އަދި ނީޝް ޓޫރިޒަމާއި މައިސް އާއި ގެސްޓު ހައުސް އަދި ފިލްމް ޕްރޮޑަކްޝަނެވެ. މަޝްވަރާތަކަށް ފަހު އިންޑިއާގެ ޑެލިގޭޝަން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރާނެ އެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި މި މަޝްވަރާތަކާއި ދަތުރުތަކުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ޓޫރިޒަމުގެ ގޮތުން ގުޅުން ބަދަހިވާނެ ކަމަށެވެ. އަދި އެ ގައުމުން ރާއްޖެއަށް އަަންނަ ޓޫރިސްޓުން އިތުރުވެ ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އިންޑިއާ އަކީ މިވަގުތު ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އައީ އެ ގައުމުންނެވެ. އެގޮތުން މިހާތަނަށް އެ ގައުމުން ދެ ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
ކޮވިޑް-19ގެ ހާލަތު ރަނގަޅުވުމާއެކު އިންޑިއާއިން އެންމެ ފުރަތަމަ "ޓްރެވަލް ބަބުލް" އެއް ވެސް ހެދީ ރާއްޖެއާ އެކުގަ އެވެ. މިއާއެކު އެ ގައުމުން ރާއްޖެ އަންނަ ފްލައިޓުތައް ގިނަވެ، މިހާރު ހަފުތާއަކު 60 ދަތުރު ދެ ގައުމުގެ ދޭތެރޭގައި ކުރެ އެވެ. އެ ގައުމުން އަންނަ އެއާލައިންތަކުގެ ތެރޭގައި އިންޑިގޯ އާއި އެއާ އިންޑިއާ އާއި ގޯ ފަސްޓް އާއި ސްޕައިސް ޖެޓް އަދި ވިސްތާރާ ހިމެނެ އެވެ.