05 ޑިސެމްބަރ 2016 - 11:52

ރެފްރީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އާރްއޭއެމް)ގެ ރައީސަކަށް މުހައްމަދު އަނީލް އަދި ނައިބު ރައީސަކަށް ޖައުފަރު ރަޝީދު އިންތިހާބުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޭއްވި މި އެސޯސިއޭޝަންގެ އިންތިހާބުގައި ފުޓްބޯޅަ ރެފްރީންގެ ޖަމިއްޔާގެ އެގްޒެކްޓިވް ކޮމިޓީ މެންބަރުންގެ ގޮތުގައި ހަމަޖެއްސީ ކުރީގެ ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދާއި ފީފާ އެސިސްޓެންޓް ރެފްރީ އަހްމަދު އަމީޒާއި ފީފާ އެސިސްޓެންޓް ރެފްރީ އަބުލް ހަކީމް މޫސާ އާއި ފީފާ ރެފްރީ އަލީ އާދިލްގެ އިތުރުން ފީފާ ރެފްރީ އިސްމާއިލް އިޒުހާން އެވެ.
މި އެސޯސިއޭޝަނަކީ ރާއްޖޭގެ ތަޖުރިބާކާރު ރެފްރީންގެ އިސްނެގުމާ އެކު މިއަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު ރަޖިސްޓްރީ ކުރި އެސޯސިއޭޝަނެކެވެ.
މި އެސޯސިއޭޝަނާ އެކު ރާއްޖޭގެ ފުޓްބޯޅަ އާއި ފުޓްސަލް ރެފްރީންގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ. އަދި ރާއްޖޭގެ ރެފްރީންގެ ކުރިއެރުވުމަށާއި ތަމްރީންތަކަށް ބޭނުންވާނެ ބޭރުގެ އެހީ ހޯދުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ.
ކުރިން ވެސް ރާއްޖޭގައި ރެފްރީސް އެސޯސިއޭޝަނެއް އޮތެވެ. އެ އެސޯސިއޭޝަނުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރިއަށް ގޮސްފައެއް ނުވެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ރެފްރީންގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ކަމަށްޓަކައި ބޭރުގެ ރެފްރީސް ޑައިރެކްޓަރެއް ގެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.