13 އޮކްޓޯބަރ 2021 - 07:24

އާދިއްތަ ދުވަހާ ގުޅޭ
އެންމެ ފަހުން، ނާހަންވާ ސުވާލު އަހަންނަށް އެހުނެވެ. ދެން ވާނެ ގޮތެއް ވިސްނައިލުމެއް ނެތިއެވެ.
"އަޒްލިފާ އަބަދުވެސް ތި ހުންނަނީ ނުލާހިކު ނަލަކޮށް، ފްރެޝްކޮށް،" އަހަރެން ބުނީމެވެ. "އަހަރެން ވަރަށް އުފާވޭ ތިހެން ހުންނާތީ. އެކަމަކު ކީއްވެ ކުދިން ތިހެން ނުބައިތިއްބަނީ؟ ކުދިން ދެކެ ލޯބިނުވަނީތަ؟"
އިރުކޮޅެއްވަންދެން އަޒްލިފާ އެއްޗެއް ނުބުނެ ހުއްޓެވެ. ސުވާލު ގޯސްކަން އަހަންނަށް ވިސްނުނީ އެ ހިސާބުންނެވެ. ދެން ވެސް އޭނަ ކުރީ ސުވާލެކެވެ.
"ބުނީމެއްނު އިބާއަކާ ރައްޓެހިވެގެން އުޅުނު ވާހަކަ،" އަޒްލިފާ ބުންޏެވެ. "އޭނަޔާ ރުޅިވީ އޭނަ ދެކެ ލޯބިނުވާތީތަ؟"
އަހަރެންގެ އަނގަ ބައްދައިލުމުގައި އަޒްލިފާ ކާމިޔާބުހޯދިއެވެ. އިބާއަކީ އަހަރެން ވަރަށް ލޯބިވި ކުއްޖެކެވެ. މާސޫމު ކުއްޖެކެވެ. ބުނާނެ އެއްޗެއް ނޭނގިގެން ވިސްނަން ހުއްޓައި އަޒްލިފާ ވާހަކަދައްކަން ފެށިއެވެ.
"އަންހެނަކާ ދިމާއަށް އިނގިލިދިއްކޮށްލާފަ، ހިތަށްއެރި އެއްޗެއް ގޮވައިލަން ފިރިހެނުންނަށް ވަރަށް ފަސޭހަވާނެ،" އަޒްލިފާ ވާހަކަދެއްކީ އަޒްލިފާއަށް ކުރެވިފައިވާ ތަޖުރިބާގެ އަލީގައެވެ. "އަނިޔާކުރަން ވެސް ފިރިހެނުން ވަރަށް ކުޅަދާނަވާނެ. އެއީ ކީއްވެ؟ އަންހެނުންނަށް ވުރެ ފިރިހެނުން ބާރުގަދަވީމަ. އެކަމަކު ދުވަހަކު ވެސް ހިޔެއްނުކުރަން ނަސީރު ތި ކަހަލަ އެއްޗެއް ބުނެފާނެކަމަކަށް."
"އަޒްލިފާ އުޅުނު ހާލު އަހަންނަށް އިހުސާސްކުރެވޭ! އެހެންވެ އަހަރެން އަޒްލިފާޔާ..." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.
"ނުކުރެވޭނެ!" އަޒްލިފާ ވަރަށް ދެރަވެފައި، ކުޑަ ތަންކޮޅެއް ބާރަށް ބުންޏެވެ. "މި އަޒްލިފާ އުޅުނު ހާލު ނަސީރަކަށް އިހުސާސެއް ނުކުރެވޭނެ. ކުރަން ބޭނުމިއްޔާ ނަސީރު ފުރަތަމަ ޖެހޭނީ އަހަރެން ކަހަލަ އަންހެނަކަށް ވާން. އަނިޔާކުރާ ފިރިހެނަކާ އިންނަން. ދުވަސް ގުނަން ޖެހޭނީ މަހަކުން، ދުވަހަކުން، ގަޑިއަކުން، މިނެޓަކުން ވެސް ނޫން. މޫނުމަތީގައި މީހަކު ބާލީސްއަޅާފަ ހިފާއްޓާލީމަ ސިކުންތުން ވެސް ވަގުތު ގުނަންޖެހޭ! ނަސީރަށް އެ ގޮތަށް ގުނަން ޖެހުނުތަ؟ ކޮންމެ ދުވަހަކު ވެސް އަހަރެން ވިސްނަން ޖެހެނީ މިއަދު އަހަރެން ދިރިހުންނާނީ ކިހިނެއްތޯ؟ އެހެނެއް ވެސް ނޫން. ދިރިހުންނާނެތޯ ނޫނީ ނޫންތޯ! ކުދިންނާ ދޭތެރޭ ވިސްނަން ކީއްކުރަން، އަހަރެންގެ ފުރާނަ ސަލާމަތްކުރަން ހަދާނެ ގޮތެއް ވެސް އަހަންނަކަށް ނުވިސްނޭ."
އަހަރެން ހިތަށްއެރިއެވެ. އަހަރެން ކުރި ސުވާލު ނުކުރެވުނު ނަމަ މާ ރަނގަޅުވީހެވެ. އަޒްލިފާގެ އިތުރަށް އޭނަގެ އަންހެންދަރިފުޅާއި ފިރިހެންދަރިފުޅަކީ ވެސް ހާލަތުގެ ސިކާރައެކެވެ. ބައްޕަގެ ލޯބި އެންމެ ބޭނުންވި ދަނޑިވަޅު އެ ލޯބިން މަހުރޫމުވިއެވެ. ބައްޕަމެންނާ އެކުގައި ކުޑަކުދިން އުޅޭ ތަން ފެނުނީމައި، އެ ކުދިން އެ މަންޒަރު ބަލަން ފެންކަޅިވެފައި ތިބޭ ތަން އަހަރެން ދެކެމެވެ. ކަރުހިއްކަނީ ކޯޗަކަށްކަން އެ ކުދިންނަށް ބުނަން ނޭނގުނަސް އަހަންނަށް އެނގެއެވެ. އެއީ ބައްޕަގެ އޯގާތެރި ލޯތްބާއި ފިރުމުމެވެ. އެ ލޯބި ދެވޭތޯ މަސައްކަތްކުރަން އަހަރެން ބޭނުމެވެ. އެހީވާން ވެސް ބޭނުމެވެ.
އަހަރެންގެ އެންމެ ގާތް ރައްޓެހިންނަށް އަހަރެން އެނގޭނެއެވެ. އަހަރެން ނިންމާ ނިންމުންތަކަށް އެ މީހުން އިހުތިރާމުކުރެއެވެ. އެކަމަކު، ރައްޓެހިންކަމަށް ހެދިގެން އުޅޭ އެކުވެރިންނަކަށް އަހަންނެއް ނޭނގެއެވެ. އެ މީހުން ސަމާސާކުރާ އިރު ބުނެއެވެ. ދެ ދަރީންގެ މަންމައަކާ އަހަރެން އިނީ މާލެއިން ހުސްހަށިބައި ކުއްޖަކު ނުލިބުނީމައި ހެއްޔެވެ؟ ނޫނީ އަހަރެންގެ ލޮލަށް ހުރީ މިރުސްއެޅިފައި ހެއްޔެވެ؟ ދުރުތާ އެކުވެރީންގެ ވާހަކަދައްކާނެކަމެއް ނެތެވެ. އަޒްލިފާއާ އިނުމުން އަހަރެންގެ މަންމަ ވެސް ހުންނަނީ ތުންފިއްތައިގެންނެވެ. އަހަރެން ކުރިމަތީގައި ދެކޮޅަށް ވާހަކަ ނުދެއްކިޔަސް، ދޭތެރެއަކުން ބަހަކުން ޖަހައެވެ.
"ކޮބާ ދޮންދަރިންގެ ހާލު ކިހިނެއްތަ ދަރިފުޅާ؟" މަންމަ ދޭތެރެއަކުން އަހައިލައެވެ.
"އިރާދަކުރެއްވިއްޔާ ދެބެން ވެސް ރަނގަޅު މަންމާ!" އަހަރެން ވަރަށް ހިނިއައިސްފައި ޖަވާބުދެމެވެ. "މަންމަ ހިނގާބަލަ އެ ރަށަށް ޖައްސާލަން. މާލެއަށް ވުރެ މާ ހިތްފަސޭހަވާނެ. މާމަކުދިން ދެކިލަންވާނެއްނު!"
"ބުނަން ދަރިފުޅާ ވާހަކައެއް،" މަންމަ އަޑަށް ބާރުލައިފައި ބުންޏެވެ. "އަހަންނަށް މާމަ ކިޔާނީ ދަރިފުޅަށް ލިބޭ ދަރިފުޅު. ތަނެއްގަ މީހަކު ދަރިންތަކެއް ވިހައިފަ ތިއްބަސް އެ ނުވާނެ އަހަރެންގެ މާމަދަރިންނަކަށް."
ލިބުނު ދަނޑިވަޅުގައި މަންމަ ގެންގޮސް ހޫނުގޮނޑީގައި ބޭންދީމެވެ. ވަރުގަދަ ސުވާލެއް ކުރިމަތިކުރީމެވެ.
"މަންމަ ތި ބުނަނީ އަހަރެން ކުއްޖަކު ހޯދާށޭތަ؟" އަހަރެން އެހީމެވެ.
އެ ސުވާލަކަށް މަންމަ ޖަވާބެއް ނުދިނެވެ. ކޮންމެ ތަނެއްގައި، ކޮންމެ ހާލަތެއްގައި ވެސް އަހަރެން އަޒްލިފާ ދިފާއުކުރާނަމެވެ. އޭނައަށް ހަމުދަރުދީ ވާތީ އެކަންޏެއް ނޫނެވެ. އަޒްލިފާގެ ކުށެއް ނެތްކަން އަހަންނަށް ޔަގީންވާތީއެވެ. އެހެން މީހުންނަށް އަޒްލިފާ ނޭނގެނީއެވެ. ނަސަބުން ތިލަފަތް ވަޒަންކުރަނީއެވެ. ނިކަމެތި އާއިލާއަކަށް އުފަންވުމަކީ ކުށްވެރިވާންޖެހޭ ކަމެއް ނޫނެވެ.
އަހަންނަކީ ފުދުންތެރި މީހެކެވެ. ޒިންމާދާރު މީހެކެވެ. ވަޒީފާއަދާކޮށްގެން ލިބޭ ފައިސާއިން މައިންބަފައިންނަށް ވެސް ބަޔެއް ދެމެވެ. އެ މީހުންގެ ފުސްމޫނު ބަލާކަށް އަހަންނަކަށް މަޖުބޫރެއް ނޫނެވެ. އެހެނަސް، މަންމަ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އަހަންނަކީ މައިންބަފައިން ކުރިމަތީގައި އުއްފު ވެސް ބުނާ ދަރިއެއް ނޫނެވެ. އަޒްލިފާޔާ އިންނަ ވާހަކަ އަހަރެން ބުނި ދުވަހު ބައްޕަ ބޯޖަހައިލުމަކުން ފުއްދައިލިއެވެ. މަންމަ ސުވާލުތައް ބަނޑުންކޮށްލިއެވެ. އަޒްލިފާގެ އުމުރާއި، އާއިލާއާއި، ރަށާއި، ތައުލީމީ ފެންވަރާއި، ހުސްހަށިބައިތޯ ވެސް އެހިއެވެ. އަހަރެން ރަނުންރަނަށް ޖަވާބުދިނީމެވެ. އުމުރު ފިޔަވައި އެހެން އެއްވެސް އެއްޗެއްގައި މަންމަގެ ރުހުމުގެ ތައްގަނޑެއް ނުޖެހިއެވެ. ނަސީބަކުން އިނުން މަނައެއް ނުކުރެއެވެ. ރުހުން ނުދިނީއެވެ.
"އަޅެ އެންމެ ދަރިޔަކު ހުރި ނަމަވެސް ރަނގަޅު،" މަޑުމަޑުން މަންމަ ބުންޏެވެ. "ދެ ދަރިން އެބަ ތިބި. ތީ އިންނަން ކަމުދާ ކުއްޖަކަށް ނުވާނެ. އިބާ މާ ރަނގަޅުވާނެ. އަޅެ މަންމަ ބުނާ ގޮތް ހަދާލިއްޔާ ކީއްވާނީ؟"
"މަންމާ! މަންމަ ބުނާ ގޮތޭ މި ހަދަނީ،" ލޯތްބާއި އިހުތިރާމާ އެކުގައި އަހަރެން ބުނީމެވެ. "މަންމަ އަބަދުވެސް ބުނަމެއްނު! ދަރިފުޅާއޭ މިއެއް ނޫނޭ އުޅެން އޮތް ތަނަކީ. ވީ ވަރަކުން މީހުންނަށް އެހީތެރިވާންވާނޭ."
އަހަރެން މަންމަ ދަންނަމެވެ. އަޒްލިފާގެ އެއް ކުއްޖަކު ހުރި ނަމަ މަންމަ ބުނާނެއެވެ. ދަރިޔަކު ނެތް ނަމަވެސް ރަނގަޅެވެ. އެއްވެސް ދަރިޔަކު ނެތް ނަމަ ދެން ވެސް މަންމަ ބުނާނެއެވެ. މީހަކާ ނީންނަ މީހަކު ދަރިފުޅަށް ނުލިބުނީ ހެއްޔެވެ؟ މަންމަގެ ސުވާލު ހުހެއް ނުވާނެއެވެ. އެކަމަކު މަންމަ ބުނި އެއް ކަމެއް ސީދާވިއެވެ. އެއީ، އަޒްލިފާގެ ދެ ކުދިން ތިބީމައި އަލުން އަޒްލިފާ ކުއްޖަކު ނުހޯދާނޭ ކަމަށް މަންމަ ބުނި ބުނުމެވެ. އެއީ އަޒްލިފާގެ ޝަރުތެކެވެ.
މާމަކާފައަށް ވުމަކީ މައިންބަފައިން ދެކޭ ވަރަށް ފޮނި އުންމީދެކެވެ. އަހަރެންގެ މަންމައާއި ބައްޕަ ވެސް އެ ކަމުން އިސްތިސްނާއެއް ނުވެއެވެ. ކަންދިމާވި ގޮތުން އަހަންނަށް ހުންނަން ޖެހުނީ ދެ އަނގޮޅި ކަންމަތީގައެވެ. އަޒްލިފާ އަހަންނަށް ދަރިޔަކު ވިހައިދޭން އެއްބަސްކުރެވޭނެ ހެއްޔެވެ؟ އެ ދަރިފުޅު ދެކެ އަހަރެންގެ މަންމަ ލޯބިވާނެ ހެއްޔެވެ؟ އާއިލާ މީހުން އަހަންނަށް ނީވޭނޭހެން ކުރާ ސުވާލުތަކެއް ވެސް ހުރެއެވެ. އަހަރެން ދަރިޔަކު ހޯދާނެ ހެއްޔެވެ؟ އަހަރެންގެ ނަސްލު އެ ހިސާބުން ނިންމައިލަނީ ހެއްޔެވެ؟ ކިތަންމެ ވަަރަކަށް ލޯބިދިނަސް، އަހަރެންގެ ދޮންދަރިންނަކީ އަހަރެންގެ ދަރިންނަށް ވާނެ ހެއްޔެވެ؟
ދަރިއަކު ނުހޯދަން އަހަރެން ނިންމައިގެން ހުރި ނިންމުމާ މެދު، އަހަރެންގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. ދަރިޔަކު ނެތިއްޔާ ކައިވެންޏެއްގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އޭގެ މައްޗަށް ވެސް އިތުރު ސުވާލު އުފެދުނެވެ. އަޒްލިފާއަށް އިތުރު ކުއްޖަކު ގެންގުޅެވޭނެ ހެއްޔެވެ؟ އަހަންނަކީ އާމުދަނީ ހޯދަން މާލޭގައި އުޅެން ޖެހޭ މީހެކެވެ. ތިން ކުދިން ގޮވައިގެން އުޅެން ޖެހޭނީ އަޒްލިފާއެވެ. ދޮށީ ދެ ކުދިންނަށް ލިބުނު ކަހަލަ ތަރުބިއްޔަތެއް އަހަރެންގެ ދަރިޔަށް ލިބޭކަށް އަހަރެން ބޭނުމެއް ނޫނެވެ.
ވަރަށް ވިސްނުމަށް ފަހުގައި، އަޒްލިފާޔާ އަހަރެން މަޝްވަރާކުރީމެވެ. ފުރަތަމައިނުން ވެސް އަޒްލިފާ ހަނދާންކޮށްދިނީ ކައިވެނީގެ ކުރިން އަހަރެން ދެއްކި ވާހަކަތަކެވެ. ކުއްޖަކު ނުހޯދަން އަހަންނަށް އެއްބަސްވެވުނެވެ. އެ ކަމަކާ ދެބަހެއް ނުވަމެވެ. އަޒްލިފާއަށް ލުއިކޮށްދޭނެކަމާއި، ދިރިއުޅުން ފަސޭހަކޮށްދޭނެކަމުގައި އަހަންނަށް ބުނެވުނެވެ. ޖާގަ ތަނަވަސްކޮށްދޭނެކަމާއި އަޒްލިފާއަށް އަމިއްލަ މަސައްކަތެއް ފަށައިދޭނެކަމުގެ ކުލަ ހުވަފެންތަކެއް ވެސް އަހަންނަށް އޮތީ ދެއްކިފައެވެ. އަޒްލިފާ އަނެއްކާ މާބަނޑުވުމަކީ ކުލަ ތެތްކޮށް ހުރި ހުވަފެންތަކަށް ފެންޖެހުން ކަހަލަ ކަމެކެވެ.
"ތި ހުރިހާ ވާހަކައެއް ގަބޫލުކުރަމޭ އަޒްލިފާ،" އަހަރެން ވިސްނައިދިނީމެވެ. "ދަރިޔަކު ވިހާކަށް އަހަރެން މަޖުބޫރެއް ނުކުރާނަމޭ! ބަލާ މީ އަހަރެންގެ ރިކުއެސްޓެއްކަމަށް. ކޮށްދޭން ބުނި އެއްވެސް ކަމެއް ކެންސަލެއް ނުކުރަމޭ! މި ބުނަނީ، އެ ކަންކަން ފަސްކޮށްލަދީފަ އަހަންނަށް ކުއްޖަކު ވިހައިދޭންވީ ނޫންހޭ؟ ދުވަހަކު ވެސް އަހަރެން ކަމަކަށް ނޭދެމެއްނު!"
"ނޫން!" ވިސްނައިލުމެއް ނެތި އަޒްލިފާ ބުންޏެވެ. "އަހަރެންނަކަށް އަނެއްކާ ކުއްޖަކު ނުވިހޭނެ. ސޮރީ!"
ބަހުސު އެ ހިސާބުން ނިމުނީއެވެ. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެެތެވެ. ބިރުދެއްކުމެއް ވެސް ނެތެވެ. އެއަށް ވުރެ އަޒްލިފާ ދެކެ އަހަރެން މާ ލޯބިވެއެވެ. އަހަރެންގެ އެދުމަށް އަޒްލިފާ އިންކާރުކުރި ދުވަހަކީ، އަޒްލިފާއަށާއި އޭނަގެ ދަރިންނަށް އެއްޗެހިތަކެއް ފޮނުވަން ފޮށިގަނޑެއް ތައްޔާރުކުރި ދުވަހެކެވެ. އެ ފަހަރު ދެ ގުނަ އިތުރަށް އަހަރެން އެއްޗެހި ފޮނުވީމެވެ. އަހަރެންގެ ހިތް ސާފުކަން އެންގުމަށް ޓަކައެވެ. އެހެންޏާ ނުކުރާ ކަމެއް ވެސް އެ ފަހަރު ކުރީމެވެ. ފޮށިގަނޑު ތެރެއަށް ސިޓީއެއް ލީމެވެ. ސިޓީއަކަށް ވުރެ ބޮޑަށް އެއީ ނޯޓެކެވެ.
"އަޒްލިފާ ދެކެ އަހަރެން ވަރަށް ލޯބިވޭ!" އަވަސް އަތުލިޔުމަކުން ނޯޓުގައި ލިޔުނީމެވެ. "ހިތުގަޖެހޭ ކަހަލަ އެއްޗެއް ބުނެވުނު ނަމަ މާފަށްއެދެން."
ނޯޓުގެ ތިރީގައި ހިތެއް ވެސް ކުރަހައިލީމެވެ. އެއީ އަހަރެން ކޮށްއުޅޭ، އަހަރެންގެ އުމުރާ ގުޅޭ ވެސް ކަމެއް ނޫނެވެ. އެހެނަސް، ލޯބިވާ އަނބިމީހާ ގާތުގައި ލޯބިވާ ވާހަކަ ނުބުނެވޭނެ އުމުރެއް އާދޭ ހެއްޔެވެ؟ ނާންނާނެއެވެ. އެއީ ލަދެއް ނުވަތަ ބިރެއްގަންނަންޖެހޭ ވެސް ކަމެއް ނޫނެވެ.
ފޮށިގަނޑު ލިބުނުތާ މިނެޓުކޮޅެއް ތެރޭގައި އަޒްލިފާ ގުޅިއެވެ. އޭނަ ހުރީ ރޮވިފައެވެ.
ނުނިމޭ