ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކުރި ނިންމުން އިސްތިއުނާފަށް ހުށަހެޅި ގޮތުން ބެލެން ނެތް ކަމަށް ނިންމައިފި
ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކުރި ނިންމުން އިސްތިއުނާފަށް ހުށަހެޅި ގޮތުން ބެލެން ނެތް ކަމަށް ނިންމައިފި

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާގެ މަގާމު ދަށްކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި އިސްތިއުނާފު ކުރަން ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ މަޖިލީހުން ނިންމައިފި އެވެ.

ހުރި މަގާމަށް ވުރެ ދަށް ދަރަޖައިގެ މަގާމަކަށް ބަދަލުކުރުމަކީ ފަނޑިޔާރަކަށް އެޅޭނެ ފިޔަވަޅެއް ކަމަށް ޖޭއެސްސީގެ ގާނޫނުގައި އޮވެ އެވެ. އަލީ ނަސީރުގެ ސުލޫކީ މައްސަލަ ސާބިތުވުމުން އެ ކޮމިޝަނުން ނިންމީ އޭނާ މެޖިސްޓްރޭޓު ކޯޓަކަށް ބަދަލު ކުރާށެވެ. ޖޭއެސްސީން ދިން އިހްތިޔާރުތަކުގެ ތެރެއިން އޭނާ އިހްތިޔާރު ކުރެއްވީ ވ. ފެލިދޫ ކޯޓަށް ބަދަލުވެވަޑައިގަތުމަށެވެ.

ޖޭއެއްސީގެ ނިންމުން އޭނާގެ ފަރާތުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ މަޖިލީހުން ނިންމީ، އޭނާ އިސްތިއުނާފު ކުރި އިރު ހުށަހެޅި ނުކުތާތަކަކީ ސީދާ މައްސަލައިގެ މައުޟޫއާ ގުޅޭ ނުކުތާތަކެއް ކަމަށް ވާތީ، އެ މައްސަލަ ބަލައިގެންފި ނަމަ އޭގެ ނަތީޖާއަކަށް ވާނީ ޖޭއެސްސީން ބެލި މައްސަލަ މައުޟޫއީ ގޮތުން އަލުން ބެލޭ ގޮތް މެދުވެރިވުން ކަމަށްވާތީ އެވެ.

އަލީ ނަސީރުގެ މައްޗަށް ސާބިތުވީ، އޭނާ ބެއްލެވި ދެ މައްސަލައެއްގެ ހަސްމުން އެ ދެ މައްސަލަ އެއްކޮށް ނިންމަން އެދިފައި ވަނިކޮށް، އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލައެއް ނުބަލައި އޮތްކަން ރެކޯޑަށް އަރާފާނެތީ އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމެވުމުން ބެލި ސުލޫކީ މައްސަލައެކެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ޖޭއެސްސީން ފިޔަވަޅު އަޅަން ނިންމާ ނިންމުންތައް އިސްތިއުނާފުކުރަން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލަވާލާފައިވާ މަޖިލީހެކެވެ. އެ މަޖިލީހުން ނުބަލަނީ ފަނޑިޔާރުން ވަކި ކުރަން ނިންމާ ނިންމުންތަކެވެ.