12 އޮކްޓޯބަރ 2021 - 17:35

ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހިންގުން ހެލްތު މިނިސްޓްރީގެ ދަށުން ވަކިކޮށް، އެ ތަން ބެލެހެއްޓުމަށް މިއަދު ބޯޑެއް އެކުލަވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ ގަމު ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓުމަށް ބޯޑެއް އުފައްދާފައިވާ ކަމަށެވެ.
ފަސް މެމްބަރުން ތިއްބަވާ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ:
1- އިބްރާހީމް ޝަރީފު، މުކުރިމަގު، ސޯސަންވިލާ، ލ. ގަން (ސަރަހައްދުގެ މާލީ ދާއިރާގެ މެންބަރެއް)
2- ޑރ. މުހައްމަދު އިސްމާއިލް، ދަފްތަރު ނަމްބަރު 9558 (ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ސިއްހީ ދާއިރާގެ ތަޖުރިބާކާރެއް)
3- މުހައްމަދު ހަމީދު، އަޅިވިލާގެ، ލ. ފޮނަދޫ (އާންމުންގެ ތެރެއިން އައްޔަންކުރެވޭ މެންބަރެއް)
4- އިސްމާއިލް އަލީ، ތުނޑި، ބިނާ، ލ. ގަން (ސިޓީ ކައުންސިލްގެ މެންބަރެއް)
5- މުހައްމަދު ޝިޔާމް، ތުނޑި، ފިތުރޯނުމާގެ، ލ. ގަން (ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)
އެ ބޯޑުގެ ޗެއާޕާސަނަކަށް އައްޔަންކޮށްފައިވަނީ އިބްރާހިމް ޝިޔާމެވެ.
މިނިވަންކަމާއި ހަރުދަނާކަމާ އެކު އޮޕަރޭޓުކުރުމަށް މީގެ ކުރިން ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ހިންގުން ވެސް ހެލްތުގެ ދަށުން ވަކިކޮށް، އެ ދެ ތަން ހިންގުމަށް ވަކި ބޯޑެއް އުފައްދައިފަ އެވެ.
ހެލްތު މިނިސްޓްރީން ކުރާ ކަމަކީ އެ ހޮސްޕިޓަލުތައް ހިންގާގޮތް މޮނިޓާކުރުމެވެ.
މި ސަރުކާރުގެ ޕްލޭނަކީ، ފަރުވާ ހޯދުމަށް މާލެ އަށް އަންނަން ޖެހޭ އައުން މަދުކޮށް، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމެވެ. އެކަމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.