05 ޑިސެމްބަރ 2016 - 10:50

ރޯމް (ޑިސެމްބަރު 5) – ލާޒިއޯ އަތުން 2-0 އިން މޮޅުވެ ރޯމާ އިން އަދި ކްރޮޓޯނޭ އަތުން 2-1 އިން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް ޕްރެޝަރު ބޮޑުކޮށްފި އެވެ.
ހޮނިހިރު ދުވަހު އެޓަލާންޓާ އަތުން 3-1 އިން މޮޅުވެ ޔުވެންޓަސް އިން ވަނީ 36 ޕޮއިންޓް ހަމަކޮށް ތާވަލުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު ރޯމާ އާއި މިލާން ވަނީ އިއްޔެ މޮޅުވެ 32 ޕޮއިންޓް ހަމަކޮށް ޔުވެންޓަސްއާ ހަތަރު ޕޮއިންޓަށް ގާތްކޮށްފަ އެވެ. ލަނޑުގެ ތަފާތުން ދެ ވަނައިގައި ރޯމާ އޮތްއިރު މިލާން އޮތީ ތިން ވަނައިގަ އެވެ. ލީގުގައި އަންނަ ހޯމަ ދުވަހުގެރޭ ރޯމާ އާއި މިލާން ބައްދަލުކުރާނެ އެވެ.
ރޯމް ޑާބީ މެޗުގައި ރޭ ލާޒިއޯ ކޮޅަށް ރޯމާގެ ދެ ގޯލް ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 64 ވަނަ މިނެޓުގައި ޖެހީ ނެދަލެންޑްސްގެ މިޑްފީލްޑަރު ކެވިން ސްޓްރޫޓްމަން އެވެ. މި ލަނޑަށް ފަހު ރޯމާގެ ކުޅުންތެރިން އުފާފާޅުކުރަނިކޮށް ހަމަނުޖެހުން ހިންގި ލާޒިއޯގެ ބަދަލު ކުޅުންތެރިޔާ ޑެނީލޯ ކަޓަލްޑީ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. ރޯމާގެ ދެ ވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖެހީ ރަޖާ ނައިންގޯލާން އެވެ.
މިލާނުގެ ސެންސީރޯ ސްޓޭޑިއަމުގައި ރޭ މިލާނާއި ކްރޮޓޯނޭ ކުޅުނު މެޗުގެ 26 ވަނަ މިނެޓުގައި ކްރޮޓޯނޭ އިން ވަނީ ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާނަށް އެއްވަރުކޮށްދިނީ ޗެލްސީގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ މާރިއޯ ޕަސަލިޗެވެ. ދެ ވަނަ ހާފުގައި ލީޑު ނަގަން މިލާނަށް ލިބުނު ޕެނަލްޓީ އެމްބަޔޭ ނިއަންްގް އަތުން ބޭކާރުވިއިރު މިލާން މޮޅުވީ 86 ވަަނަ މިނެޓުގައި ޖިއަންލޫކާ ލަޕަޑޫލާ ޖެހި ގޯލުންނެވެ.