ތިން ގަޑިއިރު ތެރޭ 3،000 ޓިކެޓް ހުސްވެއްޖެ
ތިން ގަޑިއިރު ތެރޭ 3،000 ޓިކެޓް ހުސްވެއްޖެ

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ މާދަމާ ރޭ ކުޅޭ މުހިންމު މެޗަށް ދިވެހިންނަށް ކަނޑައެޅި 3،000 ޓިކެޓް ތިން ގަޑި 30 މިނިޓްރޭ ވިކި ހުސްވެއްޖެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން 12،000 މީހުންނަށް ކުޅިބަލަން ދަނޑަށް ވަދެވުނަސް، ދަނޑު ބާވެ ހަލާކުވުމުން މިހާރު ވަދެވެނީ 5،000 މީހުންނަށް ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ މެޗުގެ ޓިކެޓް މިއަދު މެންދުރު 10 ޖެހިއިރު ވިއްކަން ފެށުމުގެ 12 ގަޑިއިރު ކުރިން ޒުވާނުންގެ މަރުކަޒުގެ ބޭރުގައި ވަނީ ކިޔޫ ހަދަން ފަށައިފަ އެވެ.

މަހްލޫފް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ފަހު އޮންލައިންކޮށް ޓިކެޓް ވިއްކުން ފަދަ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ދިވެހިންނަށް ޚާއްސަކުރި 3،000 ޓިކެޓުގެ ތެރޭން މީހަކަށް ވިއްކީ ދެ ޓިކެޓެވެ. އިންޑިއާގެ ސަޕޯޓަރުންނަށް ކަނޑައެޅި 200 ޓިކެޓް ވިއްކަނީ ގަލޮޅު ދަނޑުންނެވެ. ޓިކެޓް ވިއްކަނީ އައިޑީ ކާޑާއި ވެކްސިން ކާޑު ދެއްކުމުންނެވެ.

އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވޭނެ އެވެ. ތިން މެޗުން ރާއްޖެ އަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ނޭޕާލް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ހޯދައިފަ އެވެ. ނޭޕާލް އެއް ވަނައިގައި އޮތީ ރާއްޖެ އަތުން މޮޅުވެވެފައިވުމުން ހެޑް-ޓު-ހެޑް އުސޫލުން ކުރި ލިބޭތީ އެވެ.