ހުޅުމާލޭގައި އިތުރު 1،100 ފްލެޓް އިމާރާތްކުރަން މި އަހަރު ހަވާލުކޮށްފި
ހުޅުމާލޭގައި އިތުރު 1،100 ފްލެޓް އިމާރާތްކުރަން މި އަހަރު ހަވާލުކޮށްފި

މި އަހަރުގެ މިހާތަނަށް ހުޅުމާލޭގައި 1،100 ފްލެޓް އިމާރާތް ކުރަން އެޗްޑީސީން އަމިއްލަ ފަރާތްތަކާ ހަވާލުކޮށްފި އެވެ.

އެ ކުންފުނިން ބުނީ، ފަސް ޕްރޮޖެކްޓެއް ހިންގަން އަމިއްލަ ކުންފުނިތަކާ ހަވާލު ކޮށްފައިވާއިރު، މެދުފަންތީގެ 682 ހައުސިން ޔުނިޓެއްގެ މަސައްކަތް އެޕޯލޯ ހޯލްޑިން އިން ކުރަމުން އަންނަ ކަމަށެވެ.

އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމަން އެއްބަސްވެފައި ވަނީ މާޗު 2023 އަށެވެ.

އެޕޯލޯގެ އިތުރުން 116 ހައުސިން ޔުނިޓެއް އިމާރާތް ކުރަން އާރުސީސީއާ ހަވާލު ކޮށްފައިވާއިރު، އޮގަސްޓް 2024 އަށް އެ މަސައްކަތް ނިންމަން ޖެހެ އެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ 120 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ނިންމަން ކަނޑައަޅާފައިވަނީ އެ ތާރީހަށެވެ.

އެސްއޭއެސްއީއާ ހަވާލުކޮށްގެން އިމާރާތްކުރާ 129 ހައުސިން ޔުނިޓް ސެޕްޓެމްބަރު 2024 އަށް ނިންމަން ޖެހޭއިރު، ފީޑޯއައި އިން ވެސް 53 ހައުސިން ޔުނިޓެއް ހަދާނެ އެވެ. ފީޑޯއައިގެ ފްލެޓްތަކުގެ މަސައްކަތް ނިންމަން ޖެހެނީ އޮކްޓޯބަރު 2024 އަށެވެ.

އެޗްޑީސީން ބުނިގޮތުގައި، މި އަހަރު އިތުރު އެހެން ބަޔަކަށް ވެސް ފްލެޓް އަޅަން ހަވާލުކުރާނެ އެވެ. މިހާރު ވެސް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ގިނަ އަދަދެއްގެ ފްލެޓްތަކުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދެ އެވެ. މީގެ ތެރެއިން ގިނަ ތަންތަން ނިންމަން ކަނޑައަޅާފައިވާ ތާރީހަށް ނުނިމުމުން ފްލެޓް ގަތުމަށް ފައިސާ ދެއްކި އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.