ނުރަސްމީ ގަޑިތަކުގައި ވެސް އިސްތިއުނާފަށް ހުށަހެޅޭ ގޮތަަށް ހަމަޖައްސައިފި
ނުރަސްމީ ގަޑިތަކުގައި ވެސް އިސްތިއުނާފަށް ހުށަހެޅޭ ގޮތަަށް ހަމަޖައްސައިފި

ސިވިލް ކޯޓުގެ ނިންމުންތައް އިސްތިއުނާފް ކުރަން ނުރަސްމީ ގަޑިތަކުގައި ވެސް ކޯޓަށް ހުށަހެޅޭ ގޮތަށް އެ ކޯޓުން ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކަނޑައެޅި އުސޫލު ބުނާ ގޮތުން ކޯޓެއްގެ ނިންމުމެއް އިސްތިއުނާފަށް ހުށަހަޅަން ބޭނުން ނަމަ ހުށަހަޅަން ޖެހޭނީ އެ މައްސަލައެއް ނިންމި ކޯޓަކަށެވެ. އޭރުން އެ ކޯޓަކުން އެ މައްސަލައިގެ ލިޔުންތައް ހައި ކޯޓަށް ފޮނުވާނެ އެވެ.

ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައިވާ ގޮތުން ނުރަސްމީ ގަޑިއެއްގައި ވެސް ކޯޓު ހުޅުވިފައި ހުރި ނަމަ އިސްތިއުނާފަށް ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އެގޮތަށް ހަމަޖެއްސީ އެ ކޯޓުގެ ނިންމުންތައް އިސްތިއުނާފް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަސޭހަ ގޮތެއްގައި ލިބުމުގެ ބޭނުމުގައި ކަމަށް އިއުލާނުގައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން ހުށަހެޅީ ވެސް ނުރަސްމީ ދުވަހެއް ކަމަށްވާ ހޮނިހިރު ދުވަހު އެވެ.