05 ޑިސެމްބަރ 2016 - 10:13

ބޯންމައުތު (ޑިސެމްބަރު 5) – ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު އަތުން ފަހު ވަގުތު 4-3 އިން ބަލިވީ ކުޅުންތެރިންގެ މެޗު ފަސޭހަކޮށްލުމުން ކަމަށް ގަބޫލުނުކުރާ ކަމަށާއި ތިން ޕޮއިންޓް ގެއްލުން ފިޔަވައި އެހެން ހުރިހާ ކަމަކާ މެދު ހިތްހަމަޖެހޭ ކަމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ރޭގެ މެޗުން މޮޅުވި ނަމަ ލިވަޕޫލް ދެ ވަނަ އަށް އަރައި އެއް ވަނައިގައި 34 ޕޮއިންޓާ އެކު އޮތް ޗެލްސީއާ އެއް ޕޮއިންޓަށް ކައިރިކުރެވުނީހެވެ. ލިވަޕޫލް މިހާރު އޮތީ 30 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ދެ ވަނައިގައި 31 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ހަތަރު ވަނައިގައި 30 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ މެންޗެސްޓާ ސިޓީ އެވެ.
ރަށުން ބޭރުގައި ލިވަޕޫލް ރޭ ކުޅުނު މެޗުގެ ފުރަތަމަ 22 މިނެޓުގެ ތެރޭގައި ސަޑިއޯ މާނޭ އާއި ޑިވޯކް އޮރިގީގެ ލަނޑުތަކުން ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ބޯންމައުތުން ތަފާތު ކުޑަކުރީ 56 ވަނަ މިނެޓުގައި ކަލޮމް ވިލްސަން ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ފަހުން އެމްރެ ޗާންގެ ލަނޑުން ލިވަޕޫލުން އަނެއްކާ ވެސް ތަފާތު ބޮޑުކުރި އެވެ. ދެން ފެނިގެން ދިޔައީ ރިޔަން ފްރޭސާ އާއި ސްޓީވް ކުކްގެ ލަނޑުތަކުން ބޯންމައުތު އެއްވަރުކުރި މަންޒަރެވެ. އަދި ލިވަޕޫލުގެ ގޯލްކީޕަރު ލޮރިސް ކާރިއަސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބޯންމައުތުގެ ނަތަން އާކެ ފަހު ވަގުތު ގޯލް ޖަހައި އެ ޓީމު މޮޅުކޮށްދިނެވެ.
"އަހަރެމެންގެ ކުޅުންތެރިންގެ އެޓިޓިއުޑް މައްސަލައެއް ނެތް. މިދިޔަ އަހަރު އަހަރެމެންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި މިފަދަ ކަންތަކާ މެދު. އެ ކަންކަން ބަދަލުކުރަމުން މިހާރު މިދަނީ. އެކަމަކު މިފަދަ ކަމެއް ހަމަ ވެދާނެ،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ އަންނަ ހަފުތާގައި ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން އަނެއްކާ ވެސް ކުރީގެ ފޯމަށް ލިވަޕޫލް އެޅޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"މި މެޗުތަކުން އެބަޖެހޭ ކަންތައްތަކެއް ދަސްކުރަން. ފަހު ވަގުތު އިދިކޮޅު ޓީމަށް އެހާ ގިނައިން ބޯޅަ ނުދިނުން ފަދަ ކަންކަން. ބަލިވީމާ ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވެނީ. މިއީ އެއްވެސް މީހަކު ކުރަން ބޭނުންވާނެ ތަޖުރިބާއެއްް ނޫން އެކަމަކު މިފަދަ ކަންތަކާ ވެސް ދިމާވާން ޖެހޭ. މީގެން ތަޖުރިބާ ހޯދޭނެ،" ކްލޮޕް ބުންޏެވެ.
"ގަބޫލުކުރަން ޖެހޭ ޑިސެމްބަރު މަހު ޗެމްޕިއަނުންނަށް ނުވެވޭނެކަން. އެހެންކަމުން ޖެހޭނީ އަބަދުވެސް ކުރިއަށް އޮންނަ މެޗު ކާމިޔާބުކުރަން ވިސްނަން."
އޭނާ ވަނީ ގޯލްކީޕަރު ކާރިއަސް އަށް ފާޑުކިޔަން ދެކޮޅު ހަދައިފަ އެވެ. ކްލޮޕް ބުނީ އެއީ ކީޕަރަށް ފަސޭހަ ވަގުތެއް ނޫން ކަމަށާއި އެ ގޯލުގެ ސަބަބުން ކާރިއަސްގެ ފެންވަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ.