12 އޮކްޓޯބަރ 2021 - 14:48

މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މީހުން ނަމާދަށް ތިބި ވަގުތުގައި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމު ދިޔަ މައްސަލައިގައި މި މަހުގެ ތިން ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ.
އެކަމާ ގުޅިގެން އޭނާ ހައްޔަރުކޮށްގެން ބަންދުގައި ބަހައްޓާފައިވާއިރު، އިއްޔެ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ.
ފުލުހުން އިއްޔެ ކޯޓުގައި ބުނެފައި ވަނީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ފަރާތުން އޭނާއަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ، ޝަރުތުކޮށްފައި ވެސް އޭނާ ދޫކޮށްލަން ފުލުހުން ދެކޮޅު ހެދި އެވެ.
އޭގެ އިތުރުން، އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އޭނާގެ އާއިލާގެ ފަރާތުން ވެސް އޭނާއަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށް ވެސް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެެ.
ގާޒީ ހަސަން ސައީދު ނިންމެވީ ހަސަން ޒިޔާދުގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އޭނާ އިތުރު 10 ދުވަހަށް ބަންދު ކުރުމަށެވެ.
އޭނާ އަކީ ނަފްސާނީ ބައްޔެއް ހުރި މީހެއްތޯ ބަލަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނި އިރު، ކުރިން ފުލުހުން ބުނެފައި ވަނީ އޭނާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.