12 އޮކްޓޯބަރ 2021 - 09:52

އަވަހާރަކޮށްލަން ދިން ހަމަލާ އަށް ފަހު ރާއްޖެއިން ބޭރުގައި ފަސް މަސް ހޭދަކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންފި އެވެ.
މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ އެ މަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް ޖަރުމަނާއި އިނގިރޭސި ވިލާތުން ފަރުވާ ހޯއްދެވުމަށް ފަހު، ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. ރާއްޖެ ވަޑައިގަތީ ދުބާއީގައި އޮތް އެކްސްޕޯއެއްގައި ވެސް ބައިވެރިވެވަޑައިގަތުމަށް ފަހުގަ އެވެ.
މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓެވި 150 ދުވަސް ހޭދަވެފައިވާ ކަމަށެވެ. މިދިޔަ ދުވަސްތަކުގައި މަޖިލީހުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްފައިވާތީ މެންބަރުންނަށާއި މަޖިލީހުގެ ނައިބު ރައީސަށް ނަޝީދު ޝުކުރު އަދާކުރެއްވި އެވެ.
ރާއްޖެ ވަޑައިގެން މަޖިލީހުގެ މަސައްކަތްތަކާ ހަވާލުވެވަޑައިގަތުން ލަސްވާ ސަބަބެއް ކަަމަށް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވަމުން ގެންދެވީ ބޭސްފަރުވާ ނުނިމުމާއި އެކަށީގެންވާ ސެކިއުރީޓީއެއްގެ ޔަގީންކަން ނެތުމުން ފުރާނަ އަށް ނުރައްކާ އޮތުމެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ.
ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދިނީ ކެނެރީގެއިން ނުކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް އުޅުއްވަނިކޮށެވެ. ބޮން ގޮވުމާ އެކު އޭގައި ހުރި ރޭޒާ ފުއްތައް ހަށިކޮޅަށް ވަދެ ފުން ޒަހަމްތަކެއް ލިބުނެވެ. އެ މަނިކުފާނު ޖަރުމަނަށް މިދިޔަ މެއި މަހު ފުރާވަޑައިގަތީ އިތުރު ފަރުވާ އަށެވެ. އޭގެ ފަހުން އުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ.
ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ހަދައިފަ އެވެ. ސެކިއުރިޓީ ފޫއަޅުވާލައި ހަމަލާދެވުނީ ސަލާމަތީ ކަންކަން ދޯދިޔާކަމުން ކަމަށް ނިންމައި އިސްލާހު ކުރަން ގިނަ ލަފާތަކެއް ދީފައިވެ އެވެ. އެކަންކަން ތަންފީޒުކުރޭތޯ މަޖިލީހުގެ ކޮމިޓީން އަންނަނީ ބަލަމުންނެވެ.
ހައްދުފަހަނައެޅި ފިކުރުގެ ބަޔަކު ނަޝީދަށް އަމާޒުކުރި ހަމަލައަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް ދައުވާ އުފުލައި ޝަރީއަތް ވެސް ކުރިއަށް އެބަދެ އެވެ.