05 ޑިސެމްބަރ 2016 - 11:01

ލަންޑަން (ޑިސެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ޗެލްސީ އަތުން މެންޗެސްޓާ ސިޓީ 3-1 އިން ބަލިވި މެޗުގެ ފަހު ވަގުތު ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން ސިޓީގެ ފެނާންޑީނިއޯ މޫނުމަތީގައި ޗެލްސީގެ ސެސް ފަބްރެގަސް ޖެހި މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި އެވެ.
އެ މެޗުގެ ފަހު ވަގުތު ސިޓީގެ ސާޖިއޯ އަގުއޭރޯ ޗެލްސީގެ ޑޭވިޑް ލުއިޒަށް ހަމަލާ ދިނުމުން ދެ ޓީމުގެ މެދުގައި ހަމަނުޖެހުން ބޮޑުވި އެވެ. އެ ވަގުތު ދެ ޓީމުގެ ކުޅުންތެރިން ދުރުކުރަން އުޅުމުގެ ތެރޭގައި ފަބްރެގަސް އާއި ފެނާންޑީނިއޯގެ މެދުގައި ހިނގާ ހަމަނުޖެހުމެއްގެ ތެރެއިން ފެނާންޑީނިއޯ ވަނީ ފަބްރެގަސް ކޮށްޕާ ވައްޓާލައިފަ އެވެ.
ރެފްރީ ވަނީ އެ ވަގުތު އަގުއޭރޯ އާއި ފެނާންޑީނިއޯ އަށް ރަތް ކާޑު ދައްކައިފަ އެވެ. އަދި ޗެލްސީގެ ނެތަނިއަލް ޗަލޮބާ އާއި ފަބްރެގަސް އަށް ރީނދޫ ކާޑު ދައްކައިފަ އެވެ. މި މައްސަލައިގައި އަގުއޭރޯ އަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް އަދި ފެނާންޑީނިއޯ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އަންނާނެ ކަމަށް ބެލެވެ އެވެ.
އިނގިރޭސި އެފްއޭ އިން ފަބްރެގަސްގެ މައްސަލަ ބަލަން ނިންމީ އެ މެޗުގެ ރެފްރީގެ ރިޕޯޓުގައި ފަބްރެގަސް އަށް ރީނދޫ ކާޑު ދެއްކީ ފެނާންޑީނިއޯ އަށް ހަަމަލާދިނުމުން ކަމަށް ހިމަނާފައިނުވާތީ އެވެ. އަދި ވީޑިއޯ ފޫޓޭޖަށް ބަލާއިރު ފެނާންޑީނިއޯ އަށް ފަބްރެގަސް ހަމަލާދޭތަން ފެނެ އެވެ. އެހެންވުމުން އެފްއޭ އިން ވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަން ފަށައިފަ އެވެ.
މި ސީޒަނުގައި ވީޑިއޯ ފޫޓޭޖަށް ބަލައިގެން ސިޓީގެ އަގުއޭރޯ އަށް ވަނީ އަދަބު ދީފަ އެވެ. ލީގުގައި ސިޓި އާއި ވެސްޓް ހޭމް ކުޅުނު މެޗުގައި ވެސްޓް ހޭމްގެ ވިންސްޓަން ރީޑަށް ސިޓީގެ އަގުއޭރޯ އުޅަބޮށިން ހަމަލާދޭ މަންޒަރު ވީޑިއޯ އަށް އަރާފައިވާތީ އޭނާ ވަނީ ތިން މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.