ފްލެޓާއި ގޯތި ހުރި މީހުންނަށް ލިބުނު ފްލެޓްތަކުގައި ސޮއިކުރުން މަޑުޖައްސާލަން އަންގައިފި
ފްލެޓާއި ގޯތި ހުރި މީހުންނަށް ލިބުނު ފްލެޓްތަކުގައި ސޮއިކުރުން މަޑުޖައްސާލަން އަންގައިފި

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުންގެ ތެރޭގައި، އެހެން މަަޝްރޫއުއަކުން ފްލެޓެއް ނުވަތަ ގޯއްޗެއް ލިބުމުގެ ސަބަބުން، އެ މީހުންނަށް ހިޔާއިން ލިބުނު ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލާފައިވާ ބައެއް މީހުން ވެސް ހިމެނޭ ކަމަށް އެޗްޑީސީން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދިނުމަށް އެޗްޑީސީން ބޭއްވި ސެޝަނެއްގައި އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ހިޔާ މަޝްރޫއުން ފްލެޓް ލިބުނު 99 ޕަސެންޓް މީހުންނާ އެކު މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއުގައި 6،720 ފްލެޓް ތަރައްގީކުރި އެވެ. އޮފިޝަލް ވިދާޅުވީ 6،070 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، މިހާރު ތަޅުދަނޑި ވެސް ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އެއްބަސްވުމުގައި ސޮއިކުރެވެން ނެތް 207 މީހަކު އެބަތިއްބެވެ.

އޭގެ ތެރޭގައި ހިމެނެނީ ވިނަރެސް ފްލެޓަށް ޝައުގުވެރިކަން ފާޅުކުރި މީހުންނާއި މިނިސްޓްރީން އަންގައިގެން ސޮއިކުރުން މަޑުޖައްސާލި މީހުންނާއި ފްލެޓް ލިބުނު މީހުންގެ ތެރެއިން މަރުވެފައި ތިބި މީހުންނެވެ.

އެ މީހުން ނެގުމަށް ފަހު، މިދިޔަ ހަފްތާގެ ނިޔަލަށް ދެން ސޮއިނުކޮށް ތިބީ 33 މީހެކެވެ.

އެޗްޑީސީން ފްލެޓް ލިބުނު މީހުންނާ އެކު ސޮއިކުރުން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން ބެލުމަށް ފަހު، ލިސްޓެއް ފޮނުވުމުން އޭގައި ތިބި މީހުންނަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީން ސޮއިކުރާނެ މީހުންގެ ލިސްޓު ފޮނުވަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓު ކްލިއާކުރުމަށް ފަހު އެވެ. އަދި ލިސްޓު އެޗްޑީސީ އަށް ފޮނުވުމަށް ފަހު ވެސް އެއްވެސް ކަމެއް ފާހަގަކުރެވޭ ނަމަ ސޮއިކުރުން މަޑުޖައްސާލަން އަންގަ އެވެ. އޭގެ ތެރޭގައި ފްލެޓް ހުރުމުން މަޑުޖައްސާލަން އަންގާ މީހުންނާއި އެ މީހުންގެ ގޯއްޗެއް އޮތުމުން ސޮއިކުރުން މަޑުޖައްސާލަން އަންގާ މީހުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެކަމަކު ފްލެޓެއް އޮތުމުގެ ސަބަބުން ސޮއިކުރުން މަޑުޖައްސާލީ ކިތައް މީހުންގެ ކަމެއް ސާފެއް ނުވި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިގޮތަށް މަޑުޖައްސާލުމަށް އެންގުމަށް ފަހު، ކަންކަން ސާފުވުމުން އަލުން ސޮއިކުރުން ކުރިއަށް ގެންދަން އަންގަ އެވެ.

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ފްލެޓެއް ލިބޭ މީހެއްގެ އިތުރު ފްލެޓެއް ނުވަތަ ގޯއްޗެއް އޮވެގެން ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި އެ ފްލެޓްތައް ލިބުނު މީހުން އޭރުގެ ސަރުކާރުން ވެސް ކަނޑައެޅި އެވެ. އެކަމަކު ފްލެޓް ލިބުނީ ހައްގުވެރިންނަށް ނޫން ކަމަށް ބުނެ މި ސަރުކާރުން ފްލެޓް ކޮމިޝަނެއް އުފައްދާ "ހައްގުވެރިން" ނަށް ވަނީ ފްލެޓް ދީފަ އެވެ. މިހާރު ފްލެޓް ލިބުނު ބައެއް މީހުން އެތަންތަނުގައި އުޅެން ވެސް ފަށައިފި އެވެ.