11 އޮކްޓޯބަރ 2021 - 13:29

އަވަހާރަކޮށްލަން ދިން ހަމަލާ އަށް ފަހު ރާއްޖެ އިން ބޭރުގައި ހަތަރު މަސް ހޭދަކުރައްވައި، މިއަދު ރާއްޖެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ދުބާއީގެ އެކްސްޕޯ ނިންމަވާލައްވައި ނަޝީދު މާލެ ވަޑައިގަންނަވާނީ މިއަދު މެންދުރު ފަހު އެވެ. އެކަމަކު ނަޝީދު ހުންނަވާނެ ތަނެއް އަދި ކަށަވަރެއް ނުވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރަސްމީކޮށް ނަޝީދަށް މަރުހަބާ ދަންނަވަން އެއާޕޯޓަށް ވަޑައިގަންނަވާއިރު، ދެ ބޭފުޅުންގެ ތެރޭގައި ސިޔާސީ ހިޔާލު ތަފާތުވުންތައް ކުރިން ވަރަށް ބޮޑުވެފައި ވެ އެވެ. ރައީސަށް ސިޔާސީ ގޮތުން ކުރެއްވި ތާއީދާއި އެއްބާރުލުން ދެއްވުން ހުއްޓައިލައްވަން ނިންމެވިކަން ވެސް ނަޝީދު ކުރިން އިއުލާނު ކުރެއްވި އެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދުގެ ހިޔާލު ތަފާތުވުންތަކާއި "ފެކްޝަން" ކޯޅުންގަނޑަށް ފަހު ދެ ބޭފުޅުން އެއް ތަނަކުން ބައްދަލުވާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދިން އިރު އެ މަނިކުފާނު ދިރިއުޅުއްވީ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ. ހަނި ގޯޅިއެއްގައި ހުންނަ އެ އެ ގެކޮޅުގައި ސެކިއުރިޓީ ފޯރުކޮށްދޭން އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ.
ނަޝީދު ހުންނެވުމަށް މ. މުރައިދޫ ހަމަޖައްސާފައިވީ ނަމަވެސް އެ ގެކޮޅުގެ މަރާމާތުގެ މަސައްކަތްތައް އަދިވެސް ނުނިމެ އެވެ.
އިތުބާރު ހުރި މަސްދަރަކުން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި ނަޝީދު މާލެ ވަޑައިގަންނަވާނީ ތިން ދުވަހަށެވެ. ކުރު މި ދަތުރަށް ފަހު އަނެއްކާ ވެސް އިނގިރޭސި ވިލާތަށް ވަޑައިގަންނަވާއިރު ރާއްޖެ ވަޑައިގަންނަވާ ބޭނުމެއް އަދި ސާފެއް ނުވެ އެވެ.
ރާއްޖެ ވަޑައިގެން މަޖިލީހުގެ މަސައްކަތްތަކާ ހަވާލުވެވަޑައިގަތުން ލަސްވާ ސަބަބެއް ކަަމަށް އެ މަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ބޭސްފަރުވާ ނުނިމުމާއި އެކަށީގެންވާ ސެކިއުރީޓީއެއްގެ ޔަގީންކަން ނެތުމުން ފުރާނަ އަށް ނުރައްކާ އޮތުމެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ.
ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދިނީ ކެނެރީގެ އިން ނުކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް އުޅުއްވަނިކޮށެވެ. ބޮން ގޮވުމާ އެކު އޭގައި ހުރި ރޭޒާ ފުއްތައް ހަށިކޮޅަށް ވަދެ ފުން ޒަހަމްތަކެއް ލިބުނެވެ. އެ މަނިކުފާނު ޖަރުމަނަށް މިދިޔަ މެއި މަހު ފުރާވަޑައިގަތީ އިތުރު ފަރުވާ އަށެވެ. އޭގެ ފަހުން އުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ.
ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ހަދައިފަ އެވެ. ސެކިއުރިޓީ ފޫއަޅުވާލައި ހަމަލާދެވުނީ ސަލާމަތީ ކަންކަން ދޯދިޔާކަމުން ކަމަށް ނިންމައި އިސްލާހު ކުރަން ގިނަ ލަފާތަކެއް ދީފައިވެ އެވެ. އެކަންކަން ތަންފީޒުކުރޭތޯ މަޖިލީހުގެ ކޮމިޓީން އަންނަނީ ބަލަމުންނެވެ.
ހައްދުފަހަނައެޅި ފިކުރުގެ ބަޔަކު ނަޝީދަށް އަމާޒުކުރި ހަމަލައަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް ދައުވާ އުފުލައި ޝަރީއަތް ވެސް ކުރިއަށް އެބަދެ އެވެ.