11 އޮކްޓޯބަރ 2021 - 12:55

ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް އާމްދަނީގެ ގޮތުގައި މިދިޔަ މަހު 1.98 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 133.5 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 8.6 ޕަސެންޓުގެ އިތުރުވުމެކެވެ.
މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ދަށްވީ ޓޫރިޒަމް ބިމު ކުލީގެ މުއްދަތު ލަސްކުރުމުން ކަމަށެވެ. ނަމަވެސް މި އަހަރުގެ ޓޫރިޒަމް ބިމު ކުލި ސުންގަޑިއަށް ބަލައިގަނެފައިވާތީ މިދިޔަ މަހުގެ އާމްދަނީ އިތުރުވި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މިއަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ މުއްދަތު ވެސް ހަމަވީ މިދިޔަ މަހު އެވެ.
ޓޫރިޒަމް ބިމު ކުލީގެ އިތުރުން މިދިޔަ މަހު ޖީއެސްޓީ އާއި އިންކަމް ޓެކްސް އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.
މިދިޔަ މަހު މީރާއިންް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ އިންކަމް ޓެކްސް އިންނެވެ. އިންކަމް ޓެކްސްގެ ގޮތުގައި އެ އިދާރާއަށް 745 މިލިއަން ރުފިޔާ ލިބުނު އިރު ޖީއެސްޓީގެ ގޮތުގައި 553.11 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 410.14 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މީރާއިން މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 63.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.