05 ޑިސެމްބަރ 2016 - 13:58

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓް ލިބުނު ބައެއް މީހުން އެތަނަށް ފައިސާ ދައްކަން ހެދި ޕްލޭނަށް ވަކި ޖަވާބެއް ނުލިބޭތީ ހައުސިން މިނިސްޓްރީ އަށް މިއަދު ހިނގައްޖެ އެވެ.
ފްލެޓް ލިބުނު 15 ވަރަކަށް މީހުން އެމިނިސްޓްރީ އަށް ދިޔައިރު، ފްލެޓްގެ މިހާރުގެ އަގު ކަމަށްވާ ދެ މިލިއަން ރުފިޔާގެ ޑައުން ޕޭމަންޓް ދެއްކޭނެ ގޮތް ނުވެގެން އޭގެ ޝަކުވާ ވެސް އެތައް ބަޔަކު ދަނީ ކުރަމުންނެވެ. ފްލެޓްތަކާ މިހާރު ހަވާލުވެފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން މިދިއަ ބުރާސްފަަތިދުވަހު އަންގާފައި ވަނީ ފްލެޓް ގަންނަން ލޯނު ލިބުނުކަމުގެ ލިއުން އެ ކުންފުންޏަށް، އަންނަ މަހު 26 ގެ ކުރިން ހުށަހެޅުމަށެވެ.
އެކަމަކު ޑައުން ޕޭމަންޓަށް 400،000ރ ދެއްކޭނެ ގޮތް ނެތިގެން އެ ޝަކުވާ ހިފައިގެން ބައެއް މީހުން ވަނީ އިއްޔެ އެޗުޑީސީ އަށާއި ހައުސިން މިނިސްޓްރީ އަށް ގޮސް، އެނޫން ގޮތެއް ހަދައިދޭން އެދިފަ އެވެ.
ފްލެޓް ލިބުނު މީހުންނަށް މި އަހަރުގެ މާޗު މަހު ހައުސިން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ފަސް އަހަރު ތެރޭގައި ދެ މިލިޔަން ރުފިޔާ ދެއްކޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި އެކަން މިނިސްޓްރީ އަށް އެންގުމަށެވެ.
މިނިސްޓްރީ އަށް މިއަދު ދިޔަ ބައެއް މީހުން ބުނި ގޮތުގައި ފަސް އަހަރު ދުވަހަށް ބަހާލައިގެން ދެ މިލިޔަން ރުފިޔާ ދައްކާނެ ގޮތުގެ ޕްލޭން ސިޓީއަކުން ހުށަހެޅި ނަމަވެސް އެއަށް އެއްވެސް ޖަވާބެއް އަދި ނުލިބެ އެވެ. މިނިސްޓްރީއަށް ދިޔައީ އޭގެ ޖަވާބު ހޯދަން ކަމަށް އެމީހުން ބުނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކި މީހުން ވަނީ އެކި ކަހަލަ ޕްލޭންތައް ހުށަހަޅައިފަ އެވެ. އެކަކު ބުނިީ އޭނާ ހުށަހެޅީ މަހަކު 7،000ރ ދައްކަމުން ގޮސް ފަސް އަހަރުގެ އެންމެ ފަހު މަހު، ލޯނެއް ނަގައިގެން ބާކީ ބައި ދައްކާ ގޮތަށް ކަމަށެވެ.
އޭގެ މާނަ އަކީ އެންމެ ފަހު މަހަށް ދާއިރު އޭނާ އަށް ދެއްކިފައި އޮންނާނީ 413،000ރ އެވެ. ބާކީ ބައި ދައްކަން 1.5 މިލިއަން ރުފިޔާގެ ލޯނެއް، އޭނާގެ ޕްލޭން އޮތް ގޮތުން، ނަގަން ޖެހޭނެ އެވެ.
"އެ މީހުން (ހައުސިން މިނިސްޓްރީން) ބުނަނީ ފްލެޓާ ގުޅޭ ހުރިހާ ކަމެއް މިހާރު ބަލަހައްޓަނީ އެޗްޑީސީން ކަމަށް. ފަސް އަހަރު ދުވަހުގެ ޕްލޭނާ ގުޅޭ ގޮތުން ފޮނުވި ސިޓީގެ ކަންކަން ވެސް ހުއްޓިފައި އޮތީ. އޭތި ވޯކްއައުޓް ނުކުރި ކަމަށް ހައުސިން އިން ބުނަނީ،" ގާކޮށިން ފްލެޓް ލިބުނު މީހަކު ބުންޏެވެ.
އޭނާ ބުނީ ރައްޔިތުންގެ އަސާސީ ކަމެއްގައި ހަމައެކަނި "ވޯކްއައުޓް ނުކުރިއޭ" ސަރުކާރުގެ އިދާރާއަކުން ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ މައްސަލައިގައި އެއަށް ވުރެ ޒިންމާދާރު ޖަވާބެއް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
އެޗްޑީސީން ވަނީ ލޯނުގެ ކަންކަން ހަމަޖެއްސިކަމުގެ ލިޔުން އަންނަ މަހުގެ 26ގެ ކުރިން ހުށަހަޅަން އަންގާފަ އެވެ. އަދި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުން ޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ކުރާ އެއްބަސްވުމަކަށް ފަހުގައި ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.
އެކަމަކު ލޯނު ނަގަން، ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ 400،000 ރުފިޔާ މަހެއްހާ ދުވަހުގެ ތެރޭގައި ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ބުނެ، ފްލެޓް ލިބުނު މީހުން އިއްޔެ ވަނީ އެޗްޑީސީ އާއި ހައުސިން މިނިސްޓްރީއަށް ވެސް ގޮސްފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި މީހުން ބުނީ އަދި އެކަމުގައި އަލި މަގެއް ފެނިފައި ނުވާ ކަމަށާއި ފްލެޓާ ގުޅޭ އެއްވެސް ކަމެއްގައި ހައުސިން މިނިސްޓްރީން ޒިންމާ ނަގަން މިހާރު ބޭނުން ނުވާ ކަމަށެވެ.
އިންޑިއާގެ ބިޔަ ކުންފުންޏެއް ކަމަށްވާ ޓާޓާގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީން ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ވަނީ، އެމްޑީޕީ ސަރުކާރާ އެކު ކުރި އެއްބަސްވުމެއްގެ ދަށުން، ތަރައްގީކޮށްފަ އެވެ. އެކަމަކު މިހާރުގެ ސަރުކާރުން ބުނާ ގޮތުގައި އެ އެއްބަސްވުން އޮތީ ސަރުކާރަށް ވަރަށް ބޮޑު ގެއްލުމެއް ވާ ގޮތަށެވެ. އޭގެ އެއް ހެއްކަކީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، އެޕެކްސް ރިއަލިޓީ އަށް އެއް ފަހަރާ ދައްކަން ޖެހުނު 277 މިލިއަން ރުފިޔާ އެވެ.
އެމްޑީޕީ ސަަރުކާރުން ކަނޑައެޅި ގޮތަށް އާންމުންނަށް ފްލެޓް ދެވެން ނެތީ، އެހާ ބޮޑު އަގެއް ދައްކަން ޖެހުމާ އެކު ފްލެޓަށް ޖެހޭ އަދަދު ވެސް މަތިކަމުންނެވެ. އެޗުޑީސީ މެދުވެރިކޮށް އެޕެކްސް ރިއަލިޓީ އަށް ސަރުކާރުން ފައިސާ ދެއްކީ ލޯނެއް ނަގައިގެންނެވެ.
އެކަމަކު ފްލެޓް ލިބުނު މީހުންގެ ތެރޭގައި ދެ މިލިއަން ރުފިޔާގެ ލޯނަކަށް ޝަރުތު ހަމަނުވާ އެތައް ބަޔަކު އެބަ ތިއްބެވެ. އެހެންކަމުން 400،000ރ ގެ ޑައުން ޕޭމެންޓެއް ދެއްކޭނެ ގޮތެއް ނެތް ކަމަށް އޭގެ ތެރެއިން ބައެއް މީހުން ބުނެ އެވެ.
އެޗްޑީސީން މިއަދު ބުނީ ޑައުން ޕޭމަންޓް ދައްކަން ޕެންޝަން ފަންޑުން ވެސް އެހީ ލިބޭނެ ކަމަށެވެ. އެކަމަކު ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން ވެސް އެ އަދަދު ހަމަނުވާ އެތައް ބަޔަކު އެބަ ތިއްބެވެ.
އެޗްޑީސީން ބުނި ގޮތުގައި ފްލެޓަށް ލޯނު ލިބުނުކަމުގެ ލިއުން ހުށަހަޅަން ވަކި މުއްދަތެއް ދިނުމުން، ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާއި ނުދެއްކޭނެ މީހުން ވަކިކުރެވޭނެ އެވެ. އަދި އެއީ ފައިނޭންޝަލް ސްކްރީނެއް ކަމަށް ވެސް އެތަނުން ބުންޏެވެ.
އެޗުޑީސީން ބުނީ ފައިސާ ދެއްކުމުގެ ގާބިލްކަން ނެތް މީހުން ހައުސިން މިނިސްޓްރީ މެދުވެރިކޮށް ހައުސިިންގެ އެހެން ސްކީމެއްގައި ހިމެނިދާނެ ކަމަށެވެ.
އެކަމަކު ފްލެޓަށް އެދުނު އިރު ނެތް ޝަރުތުތަކެއް ކުރިމަތިވެ، ބޮޑު އަގެއް ކުއްލިއަކަަށް ދައްކަން ޖެހުމަކީ އެ މީހުންގެ ކުށެއް ނޫން ކަމަށް، ފްލެޓް ލިބުނު ބައެއް މީހުން ބުނެ އެވެ.
ފްލެޓް ލިބުނު އެކަމަކު މިހާރު އޮތް ގޮތަށް ފައިސާ ދެއްކެން ނެތް މީހުންނާ އެކު ސަރުކާރުގެ އެކި އިދާރާތަކަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވަޑައިގަންނަވަ އެވެ.
އޭނާ ވިދާޅުވީ މަސް ދުވަހުގެ ތެރޭގައި 400،000ރ ހޯދައި، ލޯނު ނެގޭނެ ތަނަވަސްކަން ގިނަ މީހުންގެ ނެތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދެ އިމާރާތް ހެދީ އާއްމު ހައުސިން ސްކީމެއްގެ ދަށުންނެވެ. އެހެންކަމުން އެއީ ކޮމާޝަލް ލަގްޒަރީ އެޕާޓްމެންޓުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ތެރޭން ގިނަ މީހުން ޕެންޝަން ފަންޑުގައި ބައިވެރި ވެސް ނުވޭ. މީގެ ތެރޭގައި އެބަ އުޅޭ މާލޭގައި އޮތް ބިންކޮޅު ދޫކޮށްލާފައި ފްލެޓް ހޯދި މީހުން ވެސް. އެހެންވީމަ، އެ ބިންކޮޅުގެ އަގު ވެސް ޑައުން ޕޭމަންޓަށް ފުދެން ޖެހޭނެ ނޫންތޯ؟" ރުކުމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން، މާލޭގައި އެޅި މި ފްލެޓްތަކާއި ހުޅުމާލޭގައި އެޅި ފްލެޓްތަކަށް ދައްކަން އެންމެ ފުރަތަމަ ސަރުކާރުން ކަނޑައެޅީ އެޑްވާންސަށް 19،000 ރުފިޔާ ދައްކާފައި، މަހަކު 9،725 ރުފިޔާގެ މަގުން، ފައިސާ ދައްކައި ހަލާސް ކުރާ ގޮތަށް ކަމަށެވެ.
އޭގެ އިތުރުން މާލޭގެ ފްލެޓްތަކުގެ އަގު ބޮޑުކުރުމަށް ފަހު ވެސް، ފައިސާ ދައްކަން ނިންމާފައި އޮތީ ދިގު މުއްދަތަކަށް ބަހާލައިގެން، ލުއި ގޮތަކަށް ކަމަށް ވެސް ރުކުމާ ވިދާޅުވި އެވެ.
ފްލެޓް ލިބުނު މީހަކު އިއްޔެ ބުނި ގޮތުގައި ދެ މިލިޔަން ރުފިޔާ އަށް އަގު ބަދަލުކުރި ފަހުން ވެސް އެޗްޑީސީން ބުނެފައި އޮތީ، އެ ފައިސާ ދައްކައި ހަލާސް ކުރާނީ 20 އަހަރަށް ބަހާލައިގެން މަހަކު އަށް ހާސް ރުފިޔާގެ މަގުންނެވެ. އެހެންވެ، އެމީހުން ގަބޫލުކުރަނީ މި މައްސަލާގައި ސަރުކާރުން މިހާރު އޮޅުވާލާފައިވާ ކަމަށެވެ.
ރުކުމާ ވަނީ އެއް އާއިލާއެއްގެ ބަޔަކަށް ދިމާވި ތަފާތު ދެ ހާލަތު، މިސާލެއްގެ ގޮތުގައި ނަންގަވައިފަ އެވެ. އެ އާއިލާގެ ފަސް މީހުންގެ ތެރެއިން ދެ މީހުންނަށް ފްލެޓް ލިބުނީ ހުޅުމާލެ އިންނެވެ. އެންމެ ފުރަތަމަ އިއުލާންކުރި ގޮތަށް ފައިސާ ދައްކައިގެން އެ މީހުން އަންނަނީ އެ ފްލެޓްތަކުގައި ދިރިއުޅެމުންނެވެ.
"އެކަމަކު އޭގެ ތެރެއިން މާލޭން ފްލެޓް ލިބުނު ތިން މީހުންނަށް އެތައް އިންތިޒާރެއް ކުރުމަށް ފަހު ވެސް މި ޖެހުނީ ގިނަ އަދަދެއްގެ ފައިސާ ހޯދައިގެން ފްލެޓް މިލްކު ކުރަން. މުޅި މި ޕްރޮގްރާމްގެ ވެސް ކޮންސެޕްޓާ ހިލާފުވެފައި މިވަނީ،" ރުކުމާ ވިދާޅުވި އެވެ.